Wednesday, May 19, 2010

ނަމޫނާ ޒުވާނުން،ނަމޫނާ ރައްޔިތުން




ނަމޫނާ ޒުވާނުން،ނަމޫނާ ރައްޔިތުން
މިލަދުއްމަޑުލު ދެކުނުބުރީ އިރުމަތީ ބިތުން މާފަރާއި މާޅެންދޫ ދޭތެރެއިން އެންމެ އިރުމައްޗައް އޮންނަ އަޅުގަނޑުގެ އުފަން ލަންދުއަކީ މަލަ ފެހި ހިތްގައިމް ނަމޫނާ ރަށެކޭ ނުބުނާނެ މީހަކު މިރަށަށް އަރައި ފައިބައިގެން ނުދާނެކަން ހަމަ ޔަޤީނެވެ. ބިމުގެ ގޮތުން ތަނަވަސް މުއްސަނދި ފަސްގަނޑެއްގެވެރި މިރަށުގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ހިތްހަމަޖެހުމެވެ. ރީތިކޮށް އެއްވަރަށް ހެދިފައިވާ ފުޅާ ސާފް ބޮޑެތި މަގުތަކެވެ. ހިޔާ އެޅިފައިވާ އެކިފާޑުފާޑުގެ ބޮޑެތި ގަސްތަކެވެ. ރައްޔިތުންގެ މޫނުމަތިން އެފެންނަ އުފާވެރިކަމެވެ. މެހެމާންދާރީގައި ހުންނަ ހިތްހެޔޮކަމެވެ. ޒުވާނުންގެ ކިބައިގައިވާ އެއްބައިވަންތަކަމެވެ. އިޖުތިމާޢީ މަސައްކަތް ތަކުގައި އެބަހައްޓަވާ މުރާލިކަމެވެ.

ވެރިންނަށް ކިޔަމަންވުމާއި އިސްލާމީ ރިވެތި އުސޫލްތަކަށް ތަބާވާ ދިރިއުޅުމުގެ މައިދާނުގާ ހިތްވަރުކުރާ ދިވެހި ލޭ ހުރި ދަރިންތަކެކެވެ. އެއިރެއްގަ އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަކަކަށް ބޯލަނބާ ބަސްއަހާ ކިޔަމަންތެރި އަފުރާދުންތަކެކެވެ. އުމްރާނީ ގޮތުންނާއި އިޤްތިސާދީގޮތުން ގިނަ ކުރިއެރުންތަކެއް މިވަނީ ވޭތުވެދިޔަ ވިއްސަކަށް އަހަރުތެރޭ ހޯދާފައެވެ. ގެދޮރު ޢިމާރާތްކުރުމާއި އަސާސީ ޙިދުމަތްތައް ހޯދުމުގައި ހުސްއެކަނި ސަރުކާރަށް ބަރޯސާ ނުވެ އަމިއްލައަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށް އޭގެ ނަތީޖާނެރެ މުޅިރައްޔިތުންނަށް ފައިދާކުރަނިވި ކިތަންމެ ކަމެއް ބަލާލި ކޮންމެދިމާލަކުންވެސް ފެންނާނެއެވެ.

ހަރަކާތްތެރި ޒުވާނުންނާއި ހަރުމީހުން އެބަތިއްބެވެ. ރަށުގައި އުފެދުނު ދެ ޖަމިއްޔާއެއް އުވިދިޔަކަމުގައި ވިޔަސް މިހާރުވެސް މުޅިރާއްޖެ ދަންނަ މަސްހޫރު ހިންގުންތެރި ޖަމިއްޔާއެއް އޮވެއެވެ. ރައްޔިތުނަނަށް ފައިދާކުރަނިވި އެތައް އެތައް ކަމެއް މިޖަމިއްޔާއިން ކެނޑިނޭޅި ކުރަމުންދެއެވެ. މާލީ ގޮތުންނާއި ފަންނީގޮތުން ފައިދާހުރި އެތައް ޕްރޮގްރާމް ތަކެއް އަހަރުގެ އެކި ހިސާބުގައި ރާވާ ހިންގައެވެ. ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށުންބޭރުގައި ނަމަވެސް ލަންދޫގެ ގިނަޒުވާނުންނަކީ ރަށުންބޭރުގައި ތިބެވެސް ރަށަށް ހިދުމަތްކުރާދަރިންނެވެ.

ރަށުގައި ޤާއިމްވެ ތިބޭ ރައްޔިތުންގެ ކިބައިންވެސް ހަމަފެނިގެންދަނީ ހަމަ އެއްމިސާލެކެވެ. ލައިޗާރު ބިޗާރުވެ މަގުމަތީ ހާހާލަމުންދުވާ ޒުވާނުން އަތުގެ ފަސްއިނގިލިން ގުނާލެވޭވަރަށްވުރެވެސް މަދުކަން އަޅުގަނޑު ފާހަގަ ކުރަނީ ނުހަނު ހިތްހަމަޖެހުމާއި އުފަލާއި އެކުއެވެ. އަދުގެ މުޖުތަމަޢުން ފެންނަ ނޭދެވޭ ޢަމަލުތައް މަދުކަމާއި ރާއްޖޭގެ އެހެން ރަށްރަށުން ފެންނަ ސިޔާސީ ހަޖެނުހުންތަކާއި މަރާމާރީތަށް ހަމަ އެއްގޮތަކަށްވެސް ނެތޭ ދެންނެވިދާނެވެެ. ގިނަ ޒުވާނުންނީ ކިޔަވައިގެން ތިބި އިސްލާމްދީނުގެ ރިވެތި އުސޫލްތަކަށް ތަބާވާ ފަރުޘު ފަސް ނަމާދު ބަރާބަރަށް އަދާކުރާ ބައެއްކަމީ ލަންދޫގެ ދަރިޔަކަށްވީތީ ފަހުރުވެރިވެ އުފާވާކަމެކެވެ.

ރައްޔިތުން ކަންބޮޑުވާ ކަންކަމާއި އަދި ދިމާވާ ދަތިތައް ހައްލުކުރުމުގައި ވެރިންނާއި އަދި ސަރުކާރާއި މުޢާމަލާތް ކުރުމުގައި ގެންގުޅޭ ހިތްތިރި ގޮތާއި އަދި އެކަންކަމުގާ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ ވަނީ މީގެ މާކުރިންސުރެވެސް ލަންދޫ ރައްޔިތުން ދެނެގަނެ ދަސްކޮށްފައެވެ. ރަށުގޮނޑުދޮށުން ވެލިނެގުމާއި ގެވަޅު ދޫކުރުމުގައި ލަސްވި ލަސްވުމާއި ގުޅިގެން ރައްޔިތުން އަމަލްކުރިގޮތް މީގެ ހެއްކަކަށް ފުދޭނެއެވެ. ކިތަންމެ ބޮޑު ތަކުލީފެއް ޖެހުނަސްވެސް ކެއްކޮށްގެން ތިއްބަވަނީ ވަރަށް ހަމަޖެހުމާއި އެކުއެވެ. އާބާދީ ކިތަންމެ ކުޑަނަމަވެސް އުމްރާނީ ގޮތުންނާއި ޢިޖުތިމާއީ ގޮތުން ލަންދޫ ހޯދަމުން އެދަނީ އެހެން ރަށްރަށަށް ގޮންޖަހާލާފަދަ ކުރިއެރުމެކެވެ.

ދުރުވިސްނުމުގެ ޚިޔާލާއި ހޭލުންތެރިކަން މިއަދު މިވަނީ ކައިރީ ހުރި އެހެން ރަށްރަށްވުރެ އެތައްމޭލެއްގެ ކުރީގައެވެ. ދުވަހަކުވެސް ވަލުހަނދުނުކެނޑޭނެޔޭ ކިޔައި ކިތަންމެވަރަކަށް މަލާމާތް ކުރިޔަސް ރައްޔިތުންތިބީ ބަދަލުވަމުންމިދާ ދުނިޔެއަށް ރަނގަޅަށް ލޯ ހުޅުވިގެންނެވެ. ހެވާއި ނުބައި ރަނގަޅަށް ދަސްކޮށްގެންނެވެ. މާތްﷲ އަޅަމެން އެންމެންނަށް ކާމިޔާބް ދެއްވާ އަޅަމެންގެ ރަށަށް އަދައްވުރެ ފަހި މާދަމާއެއް ދައްކަވާ ހަމަޖެހުމާއި އުފާވެރިކަން އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ. އާމީން!


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ނަމޫނާ ޒުވާނުން،ނަމޫނާ ރައްޔިތުން"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ