Monday, May 31, 2010

ފޮޑިޖެހުމުން ވުޟޫކުރަން ޖެހެނީ ކީއްވެ




ދީނަކީ އިންސާނުންގެ ވިސްނުމާއި ބުއްދިއަށް ފެންނަ ގޮތަށް ބާވައިލެވިފައިވާ އެއްޗެއް ނޫނެވެ. އަދިކިޔެއްތަ އެއީ ޙިކުމަތް ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ގަދަ ކީރިތި ވަންތަ ﷲ ގެ ހަޟުރަތުން ބާވައިލެއްވިފައިވާ އެއްޗެކެވެ. ވީމާ ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން އައިސްފައިވާ ކޮންމެ ޙުކުމަކީ އޭގެ މޮޅުކަމާއި ފުރިހަމަ ކަމުގައި މިސާލެއް ނުވާ ޙުކުމެކެވެ. މުއުމިނުންނަކީ އެ ދެފާރަތުން އައިސްފައިވާ އެއްމެހައި ޚަބަރު ތަކާއި ޙުކުމްތަކެއް އޭގެ ސަބަބާއި ޙިކުމަތާއި މެދުގައި ސުވާލު ނުކޮށް އެއަށް އީމާންވެ، ޢަމަލު ކުރާ މީހުންނެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން އައިސްފައިވާ ކޮންމެ ކަމެއްގައި މަތިވެރިވެގެންވާ ޙިކުމަތްތަކެއް ވާނެކަމުގައި ކަށަވަރު ކުރާ ބައެކެވެ. އެ ޙިކުމަތް ފެންނަން ނެތް ނަމަވެސް އެކަމަށް އީމާން ވުމުގައި އަދި ޢަމަލު ކުރުމުގައި ފަސް ނުޖެހޭ ބައެކެވެ. އެބައި މީހުންގެ ބަހަކީ: {وقالوا سمعنا وأطعنا} البقرة 285. "އަޑު އަހައި ކިޔަމަން ވެއްޖައީމެވެ." ކަމުގައި ކީރިތި ޤުރްއާނުގައި އަންގަވައި ތައުރީފުގެ ބަސް ބާވައިލެއްވިފައި ވެއެވެ.
ޢުމަރުގެފާނު ޙަޖަރުލް އަސްވަދުގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. "ތިޔައީ ހިލައެއްކަން ތިމަންނާއަށް ޔަގީން ކޮށް އެނގެއެވެ. ﷲގެ ރަސޫލާ ޠަވާފު ކުރެއްވި އިރު ތިޔަ ހިލައިގައި ބޮސް ނުދެއްވި ނަމަ ތިމަންނާ ތިޔަ ހިލައަކަށް ބޮހެއް ނުދޭނަމެވެ. އެއީ ތިޔައީ އެއްވެސް ގެއްލުމެއް އަދި ފައިދާއެއް ދޭނެ އެއްޗެއް ނޫނެވެ."
ދީނީ ހުރިހައި ކަމެއްވެސް އަޅުގަނޑުމެން މުސްލިމުން ކުރަން ޖެހޭނީ އަލް ޚަލީފަތުއް ރާޝިދު ޢުމަރުގެފާނު ކުރެއްވި ފަދައިން ﷲ އަމުރު ކުރެއްވީތީ ނުވަތަ މާތް ރަސޫލާ އަންގަވައި އަދި ކުރައްވާފައިވާ ގޮތަށެވެ. އެއީ ކީއްވެގެން ކަމެއް ވިސްނުމަކީ ލާޒިމު ކަމެއް ނޫނެވެ.
ވީމާ، ދެދޮރުން ކުރެ ދޮރަކުން އެއްޗެއް ބޭރުވެއްޖެ ނަމަ ވުޟޫ ގެއްލޭނެ ކަމާއި އަލުން ވުޟޫ ކުރަން ޖެހޭނެ ކަމީ ﷲ އާއި ރަސޫލާ އަންގަވާފައިވާ ޝަރުއީ ޙުކުމެކެވެ. އަދި ވުޟޫ ކުރާ އިރުގައި ސާފުކޮށް ދޮވެ ހަދަނީ ވުޟޫ ގެއްލުމުގެ ސަބުބު ކަމުގައި ވާ ގުނަވަނެއްވެސް ނޫނެވެ. ވަކި ގުނަވަންތަކެކެވެ. އޭގެ ޙިކުމަތްތަކެއް ވާނެ ކަން ކަށަވަރެވެ. ނަމަވެސް އެކަން އަންގަވާފައެއް ނުވެއެވެ. އަދި އަޞްޙާބުންކުރެ އެއްވެސް ބޭފުޅަކު އެފަދަ ސުވާލެއް ކުރައްވާފައިވެސް ނުވެއެވެ. ވީމާ އެއީ ކީއްވެގެން ކަމެއް ބުނާކަށް ނޭނގެއެވެ. ފަހަރުގައި ފުރަގަސް ފަރާތުން ވައެއް ބޭރުވުމުން އެތަން ދޮންނަން ނުޖެހި ވުޟޫގައި ދޮންނަ ގުނަވަންތަކަށް އެކަމުގެ އަސަރު ކުރަނީ ކަމުގައި ވެސް ވެދާނެއެވެ. ފަހަރެއްގައި އެކަމުގެ ފައިދާ އަދި ފަހުން ޢިލްމީ ދިރާސާތަކުން ފެނުމަކީވެސް ވަރަށް ކައިރި ކަމެކެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ފޮޑިޖެހުމުން ވުޟޫކުރަން ޖެހެނީ ކީއްވެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ