އިސްލާމް ދީނުގެ ހުކުމްތަކަށް ތަބާވުމުގައި މީސްތަކުންނަށް ލުއި ފަސޭހަ ގޮތަކަށް އެކަން ވެވޭނެ ފަދަ ގޮތްތައް ޝަރުއުކުރައްވާފައިވެ އެވެ. ބަލިވުމުގެ ސަބަބުން ނުވަތަ ޙައިޟު ނިފާސް ކަމުގައިވުން ފަދަ ސަބަބަކާ ހުރެ ރަމަޟާން މަހުގެ ބައެއް ރޯދަ ރަމަޟާން މަހު ނުހިފައި ދޫކޮށްލުން ލާޒިމުވެ އެވެ.
ނަމަވެސް ދީނުގެ ވާޖިބުތައް ކޮންމެހެން އަދާކުރަން ޖެހޭތީވެ، މި ގޮތުން ދޫކޮށްލާ ރޯދަތައް ޤަޟާކުރަންޖެހެ އެވެ. މި ގޮތަށް ޤަޟާކުރުމުގައި ޖެހިގެން އަންނަ އަހަރުގެ ރޯދަ މަސް އައުމުގެ ކުރިން އެ ރޯދަތައް ޤަޟާކުރުން ވާޖިބުވާނެ ކަމަށް ހުރިހާ ޢިލްމުވެރިން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
މިރޯދަމަސް ފެށެން މިހާރު މީނީ ހަމަ އެންމެ 5 ދުވަހެވެ. މި ރަމަޟާން މަސް އައި އިރު ވެސް ރޯދަ ޤަޟާކުރެވިފައި ނުވާނަމަ އެކަމުގެ ހުކުމަކީ ކޮބައިތޯ އެވެ؟ އަދި ދެން ކަންތައްކުރަން ޖެހޭނީ ކިހިނަކުންތޯ އެވެ؟
ރޯދަ ޤަޟާކުރުމަށް ލިބޭތޯ އިންތިޒާރު ކުރަމުން ދިޔަ މީހަކު މަރުވެއްޖެ ނަމަ އޭނާގެ މުދަލުން ފިދުޔަ ދޭން ޖެހޭނެ އެވެ. އޭނާގެ މުދަލެއް ނެތް ނަމަ ވާރުތަވެރިން އެދަރަނި އަދާކޮށްދޭން ޖެހޭނެ އެވެ.
ރޯދަ ޤަޟާނުކޮށް ފަސްކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. އަދި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައިވާ ގޮތުން ރޯދަ ޤަޟާކުރުމުގެ އިތުރަށް ފިދުޔަވެސް ދޭން ޖެހެއެވެ. އެއީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާން ދިނުމެވެ. ނަމަވެސް މިކަމަށް އޮތް ދަލީލު އެހާ ވަރުގަދަ ނުވާތީވެ އެހެން ޢިލްމުވެރިން ވިދާޅުވެފައިވަނީ ފިދުޔަ ދޭންނުޖެހޭނެ ކަމަށެވެ. ކޮންމެއަކަސް ފިދުޔަދިނަސް އަދި ނުދިނަސް މިއީ ތިމާ ފާފަވެރިވާނެ ކަމަކަށް ވާތީ މިކަމުން ކޮންމެހެން ސަލާމަތް ވާން ޖެހެއެވެ.
ވޭތުވެދިޔަ ރޯދަމަހު އެއްވެސް ރޯދައެއް ދޫކޮށްލައި އެ ރޯދަތައް އަދި ޤަޟާނުކުރެވި އެބަހުރި ކިތަށް މީހުން އެބަހުރިތޯ އެވެ؟ އެހެންކަމަށްވާ ނަމަ މި ފުރުސަތުގެ ބޭނުން ހިފައި ފާފަވެރިވުމުން ސަލާމަތްވާން މަސައްކަތްކުރުން މުހިންމެވެ. ރޯދަތައް ޤަޟާކުރުން އަވަސްކުރުން މުހިންމެވެ. އަދި ކުރިއަށް މިއޮތް ރޯދަމަހު ރޯދަ ދޫކޮށްލަން ޖެހިއްޖެނަމަ މި އަންނަ އަހަރު ދުރާލައި ރޯދަތައް ޤަޟާކުރަން އަޒުމް ކަނޑައެޅުން ރަގަނޅެވެ. ޝައްވާލު މަހަކީ އެ ކަމަށް ވަރަށް ރަނގަޅު މަހެކެވެ.
0 ޚިޔާލު: on "ޤަޟާ ކުރަން ޖެހިފައިވާ ރޯދަތައް އަދިވެސް ބައެއް މީހުން އެބަތިބި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ