
މާޅެންދޫ މިސްކިތުގައި ގުނޫތު ކިޔުމާއި ބެހޭގޮތުން ވޯޓެއް ނަގައިފިއެވެ. ގުނޫތު ކިޔުމަށް ފެނުނު މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މިހާރު ކުރިއެކޭ އެއްގޮތަށް މާޅެންދޫ މިސްކިތުގައި ދަނީ ގުނޫތު ކިޔަމުންނެވެ.
މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ﷲ ގެ ފޮތާއި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށް ތަބަޢަވުމެވެ. އަދި އިމާމުންނާއި ޢިލްމުވެރިންނަށް ތަޢައްޞުބުވުން ދޫކޮށްލުމަށެވެ. އިޚްތިލާފް އުފެދިއްޖެ ހިނދެއްގައި ﷲ ގެ ފޮތަށާއި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށް ރުޖޫޢަވުމަށް އަމުރު ކުރައްވާފައެވެ. އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) މާނައަކީ: “ތިޔަބައިމީހުން ކަމަކާއިމެދު އިޚްތިލާފްވެއްޖެނަމަ ﷲ އަށާއި ރަސޫލަ އަށް އެކަން ދޫކޮށްލާށެވެ. އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ ކަމަށް ވަނީނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ”. އެއްވެސް މީހަކަށްވެސް އަދި އެއްވެސް ސަރުކާރަކަށްވެސް ބަޔަކުމީހުން ވަކި މަޛްހަބަކަށް ޢަމަލުކުރުމަށް މީސްތަކުންނަށް ލާޒިމެއް ނުކުރެވޭނެއެވެ. ޚާއްޞަގޮތެއްގައި އަޅުކަމުގެ ކަންތަކުގައެވެ. އަދި އެއަމުރާއި ޚިލާފުވާ މީހުންނަށް އަދަބުދިނުމަކީވެސް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެގޮތަށް ކަންތައް ކޮށްފިމީހުންނަށް ﷲ ގެ ވަޢީދު ޙައްގުވެއްޖެއެވެ.
މިމައްސަލައިގެ އެންމެ ރަގަޅު ގޮތަކީ ދާއިމީ ގޮތެއްގައި ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ސުންނަތެއް ނޫނެވެ. ގުނޫތު ކިޔުން ސުންނަތްވެގެންވަނީ މުސްލިމުންނަށް މުޞީބާތެއް މެދުވެރިވުމުންނެވެ. އެހިނދުގައި ފަތިސްނަމާދުގައިވެސް އަދި އެހެނިހެން ނަމާދު ތަކުގައިވެސް ގުނޫތު ކިޔުން ސުންނަތްވެގެންވެއެވެ. ފަތިސްނަމާދުގައި ގުނޫތު ކިޔުއްވިކަމަށް ވާރިދުވެފައިވާ ޙަދީޘް ތަކަކީ ޟަޢީފް ރިވާޔަތްތަކެކެވެ.
0 ޚިޔާލު: on "މާޅެންދޫ މިސްކިތުގައި ގުނޫތު ކިޔުމާއި ބެހޭގޮތުން ވޯޓެއް ނަގައިފި"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ