
ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ. އެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރި ޙަޔާތެއް ލިބޭނީ ގިނަ މުދަލާއި ފައިސާ ހުރެގެންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީ ޖާހާއި މަންސަބާއި މަތީ މަޤާމުން ޙާޞިލުކުރެވިދާނެ އެއްޗެކެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިއަކީ މަތީ ތަޢުލީމާއި ފާސްތަކެވެ.
ޙަޤީޤަތަކީ ހަމައެކަނި މިކަންކަމުން ބާއްޖަވެރިކަމުގެ އައްސޭރިއާ ހަމައަށް ވާޞިލްނުވެވޭނޭ ކަމެވެ. ދިމާވާ ގޮތަކުން މުދަލުގެ ވެރިޔާގެ މުދާ ގެއްލި ބަނގުރޫޓު ވެދާނެއެވެ. އަދި ދިމާވާ ގޮތަކުން ޖާހާއި މަންސަބާއި މަޤާމުގެ އަހުލުވެރިންގެ ޤަދަރު ވެއްޓިދާނެއެވެ. މުދަލާއި ފައިސާގެ ތަނަވަސްކަމަކީ މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެއިލާހު އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައި ދެއްވާ އިމްތިޙާނެކެވެ. އެއިމްތިޙާނުން ފާސްވުމަށްޓަކައި، މުދާ ހޭދަކުރާންވީ ކިހިނެއްކަން އެއިލާހު ވަނީ ބަޔާންކޮށްދެއްވާ ފައެވެ. އެހެންކަމުން މުދަލާއި، ފައިސާއާއި މަޤާމާއި ޖާހާއި މަންސަބުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށް ހުރަސް އެޅޭނަމަ، އެކަން ވާހުށީ އެމީހަކަށް ހުރި ހަލާކާއި ގެއްލުމަކަށެވެ. މަގުފުރެދުމެކެވެ.
0 ޚިޔާލު: on "ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ