Monday, September 27, 2010

ޑިމޮކްރަސީއަކީ އިޖްތިމާޢީ ބަލިފަތުރާ ޖަރާސީމެއްބާ…!؟




ބައްދަލުނުވެ ދުވަސްކޮޅެއްވުމަށްފަހު، ދާދިމިދާކަށްދުވަހު މަގުމަތިން ރައްޓެއްސަކާއި ދިމާވިއެވެ. ވަރަށް އުފަލުން ރަހުމަތްތެރިޔާގެ މޫނަށް ބަލާލީމެވެ. ސާފު ހުދުކުލައިގެ ހައިބަވެތި ޔުނީފޯމްގައި ހުރިއިރު، އޭނާގެ ހަށިގަނޑާއި ފޭރާމުން ފެންނަން ހުރި ތާޒާކަމެއް މޫނު މައްޗަކު ނެތެވެ. އެކަން ބޮޑަށް ފާޅުވީ ލޯކަޅު އަވިއައިނު ހިއްލާލުމުންނެވެ. މިލާފައިވާ މޫނެކެވެ. ލޮލުގައިވަނީ މާޔޫސީއާއި ނާއުއްމީދުގެ ޢަސަރެވެ. އެއީ ޢާއްމުކަމެއް ނޫންކަމުން، އެކަމުގެ ސިއްރަކީ ކޮބައިތޯ އަހާލީމެވެ. ރަހުމަތްތެރިޔާ ކަރުއެލުވާލަމުން ކިޔައިދިނީ އެދުވަހު އޮފީހަށް ޚިދުމަތް ހޯދަންދިޔަ ކަސްޓަމަރެއްގެ ވާހަކައެވެ. އޮފީހުގެ ޤަވާޢިދު ހަމަޖެހިފައިވާ ގޮތުން، އެމީހާ ބޭނުންވި ޚިދުމަތްދެވެންއޮތީ އޭނަ އަތުގައިވާ ސްލިޕްކޮޅު ރަހުމަތްތެރިޔާއަށް ލިބިގެންނެވެ. މައްސަލަ ޖެހުނީ އެސްލިޕްކޮޅު ގެންނަން ބުނުމުންނެވެ. ދެނަކާއި ދެނެއްނެތެވެ. ފެއްޓީވެސް، ރަހުމަތްތެރިޔާގެ ނިޔާވެފައިވާ މަންމަޔާއި ހަމައިންނޭ އޭނާ ބުނެލީ ޢަސަރާއިއެކުގައެވެ……
މިއީ މިއަދުގެ ދިވެހި މުޖުތަމަޢުގައި އާ ކަމެއްނޫނެވެ. ޚިދުމަތެއް ހޯދަންބޭނުންވެ، ތިމާ ހިތްއެދޭގޮތައް އެކަމެއް ނުވުމުުން އެކަމުގެ ހަސަދަ މިފިލުވާލަނީ ހަމަތިމާކަހަލަ އަނެކާއަށެވެ. އެކަންކަން އެހެންގޮތަކަށް ބަދަލުކުރުމުގެ އިޙްތިޔާރު ލިބިފައިނުވާ، އަންގަވާ ކަމެއް ކުރަންތިބޭ މީހުންނަށެވެ. އެކަންކަން އެހެންވުމުގައިވެސް ސަބަބުތަކެއް ނެތެއްނޫނެވެ. ބައެއް އޮފީސްތަކުން ޚިދުމަތްދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ބައެއްފަހަރު އަޑުގަދަ މީހާއަށް އިސްކަންދޭކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. އެހެންކަމުން، ނަންބޯޑް ތަފާތުވިއެއްކަމަކު ހުރިހާ ތަނެއްގައިވެސް އޮންނާނީ އެއުޞޫލުކަމަށް އެފަދަ މީހުންނަށް ޤަބޫލުކުރެވެނީއެވެ. ނަމަވެސް ހިތާމަޔަކީ އެގޮތައް ހަޅޭއްލަވައި އަޑުގަދަކުރުމުން، ކޮންމެމީހަކަށް އެކަންކަން ހަޖަމުކުރުމަށް ފަސޭހަނުވާކަމެވެ. އެންމެންނަކީ ހުތުރު ބަސްތައް އަޑުއަހަން އާދަވެފައިވާ މީހުންނަށް ނުވާތިއެވެ. އެފަދަ ހާލަތުގައި، ތިމާނޫން އަނެކާގެވެސް ހިތެއްވާނެކަން ޤަބޫލުކުރެވެނީ، އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްބާވައެވެ. އަނެކުންގެ އިހްސާސްތަކަށް އިޙްތިރާމުކުރުމެއްނެތި ކުރެވޭ ޢަަމަލުތަކުގެ ސަބަބުން އަނެކުންނަށްލިބޭ ކުޑަ ބޮޑެތި ގެއްލުންތައް ހިސާބުކުރަނީ ކޮން ކޮމިޝަނަކުންބާވައެވެ؟
ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނޭ ކިޔާބައެކެވެ. އިސްލާމްދީން އުގަންނައިދީފައިވާ މަކާރިމުލް އަޚްލާޤުގެ ރީތި ނަމޫނާއިން ސިފަ ލިބިގެން، އަޅުގަނޑުމެންނަށްވަނީ އެކަމުގެ ޝަރަފުލިބިފައެވެ. ކިޔަމަންތެރި ބަސްއަހާ ބައެއްގެ ގޮތުގައި ބޭރުގެ އެކިއެކި މުއައްރިޚުންނާއި ސައްޔާޙުން ދިވެހިން ސިފަކޮށްފައިވަނީ، މިދެންނެވި މަތިވެރި އަޚްލާޤު ދިވެހިންގައި ހުރީތީއެވެ. މާޒީގައި އަޅުގަނޑުމެންނަކީ ކިޔަމަންތެރިކަމާއި ގުޅުންތެރިކަމުގައި މިސާލީ ބައެކެވެ. ރައްޔިތުން ވެރިންނަށް، އަނބިމީހާ ފިރިމީހާއަށް، ދޭސީން ބިދޭސީންނަށް ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަކީ، އެބޭފުޅެއްގެ ޤަަލަމުގައި ތަޢައްޞުބުދެލި ހުރިނަމަވެސް، ފަރަންސޭސި ދަތުރުވެރިޔާ ފުރެންކޯއީ ޕިރާޑުވެސް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަފުޅެކެވެ. ސަބަބެއް ނެތިއެއްނޫނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަތުރުކުރެއްވިއރުވެސް، ދިވެހިންނާއި އެއްވަރަށް އަނެކުންނަށް އިޙްތިރާމުކުރާ ބަޔަކު އޭނާ ދެކެވަޑައިގެންފައި ނުވާތީއެވެ. ނަމަވެސް އެފަޚުރު، މިއަދު ދިވެހިންގައި ވޭތޯ މިއީ އުފެދޭ ސުވާލެކެވެ.
މިއަދު އަޅުގަނމެންގެ މުޖުތަމަޢުން ފެންނަނީ މައިންނާއި ދަރިން އަރާރުންވާތަނެވެ. މިތުރުން ހަތުރުންނަށްވެ، ބޮލަށް ވައްޓާލި ލިބާހާއިއެކު އިނދެގެން އުޅޭ އަނބިމީހާއި ދެމީހުންވެސް ސިޔާސީ ކޯޅުމުގައި ވަރިފަށަށް އަރާތަނެވެ. ކުޑަކުދިން ބޮޑެތި މީހުންނާ އަރައިރުންވާތަނެވެ. ސުކޫލް މަދަރުސާތަކުން ފާސްވެގެން ނިކުންނަ ޒުވާނުންގެ ރަދީފުގައި ލަދުބިރުގެ ލަފުޒުވެސް ނޯންނަކަހަލައެވެ. ދެންވާ ގޮތަކީ، މިވެރިން މަގުމައްޗަށް ނިކުތުމުން ހިތްބަލި މީހުންނަށް މަގުހިގަން އުނދަގޫވުމެވެ. އޭގެއިތުރުން ހަރުކުލައިގެ މީހުންނާއި ބޮޑުބޮޑެެތީންގެ ހާލު ވަކިން ބޮޑެވެ. އަމިއްލަ ގޭގައި އަނބިދަރިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ޙައްޤުވެސް އެވެރިންނަށް ނެތްކަހަލައެވެ. ގޭދޮށަށް އެއްވެ އިސްތިއުފާޔަށް ގޮވާތީއެވެ. އިންސާނުންނަށް ނުކިޔާކަހަލަ އާ ނަންނަމުން އެވެރިންނާއި މުޙާތަބުކުރާތީއެވެ. މިހުރިހާ ކަމަކީވެސް ޑިމޮކުރަސީޔޯލައެވެ. މިހިސާބުން އުފެދޭ ސުވާލަކީ، އެބުނާ ޑިމޮކްރަސީއެއް ގެނައީވެސް ހަމަ އިންސާނުންނަށްޓަކައި ނޫންހެއްޔެވެ. ވީއިރު، އެޑިމޮކުރަސީގެ ނިވަލުގައި އިންސާނުން ބަރަހަނާ ކުރެވެމުންދާނަމަ، އެބައިމީހުންގެ ޙައްޤުތައް ފައިން އަރާ ޗިސްކުރެވެމުން ދާނަމަ، އެޑިމޮކްރަސީގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ.
އަޅުގަނޑުގެ ލޯބިވާ މިތުރާއެވެ! އަޅުގަނޑާއި ތިބާޔަކީވެސް މަގުހިނގާ ދެމުސާފިރުންނެވެ. ދެމީހުންވެސް ދަތުރުކުރަނީ އެއްމަންޒިލަކަށެވެ. ވާގޮތަކުން ދެމީހުންގެ ސަވާރީ ތަފާތު ވެދާނެއެވެ. ބައެއް ހާލަތުގައި ދެމީހުން އެއްމަގުން ދަތުރުކުރަންވެސް ޖެހިދާނެއެވެ. ދެމީހުންވެސް ބޭނުންވާނީ އަވަހަށް ދަތުރު ނިންމާލާށެވެ. ނަމަވެސް، ކިތަންމެ އަވަހަށް ނިންމާލަން ބޭނުންވިއަސް އަޅުގަނޑުމެންނަށް މިއުޅެވޭނީ މަގުމަތީގައެވެ. މިއީ އެންމެގެ ތަނެކެވެ. އެހެންކަމުން އަޅުގަނޑުގެ ސަވާރީއަށް ޖާގަދިނުމަށްޓަކައި ބައެއްފަހަރު ތިބާގެ އުޅަނދު މަޑުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ޚުދު އަޅުގަނޑަށްވެސް ޖެހޭނީ އެއުޞޫލު ޤަބޫލުކުރާށެވެ. މީ ހަމައެކަނި މަގުމަތީގެ ފިލާވަޅެއް ނޫނެވެ. ޙަޔާތަކީވެސް މިފަދަ އެއްޗެކެވެ. އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ ތިމާ ދިރިއުޅެނީ ހަމައެކަނި ތިމާޔަށްޓަކައި ނޫންކަމާއި، މުޅި އިންސާނިއްޔަތައްޓަކައިކަމެވެ. އެހެންކަމުން އެކަން ޤަބޫލުކޮށް އަނެކުންނަށް އިޙްސާންތެރިވާ، އަނެކުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ! އަނެކުންގެ ބަދުދުއާގެ ޝިކާރަޔަކަށް ތިމާ ނުވަނީސް، ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އަނެކުންނަށް ޢަމާންކަން ހޯދައި ދެމާތޯއެވެ!


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ޑިމޮކްރަސީއަކީ އިޖްތިމާޢީ ބަލިފަތުރާ ޖަރާސީމެއްބާ…!؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ