Saturday, September 4, 2010

ލައިލަތުލް ޤަދްރި އަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމުކަން ބޮޑު ރެއެކެވެ.


ލައިލަތުލް ޤަދްރި އަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމުކަން ބޮޑު ރެއެކެވެ. އަދި އަހަރުމެންގެ އަމިއްލަ ޒަތީ ހަޔާތަށްވެސް އެހާމެ މުހިންމު ރެއެކެވެ.

ސޫރަތުލް ޤަދްރުގައި ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައިވެއެވެ.
”إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ(*) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ(*) تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ(*) سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ“
”ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވާލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ވިލޭރެއަކީ ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބާވަޑައިގަންނަވައެވެ. އެއީ ފަޖުރުގެ އަލިކަން ފާލުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލަމަތްތެރިކަން ލިބިގެންވާ ރެއެކެވެ.“ [ސުރަތުލް ޤަދްރި 1-5]

އަދިވެސް ސޫރަތުއް ދުޚާންގައި ލައިލަތުލް ޤަދްރި އާއި ބެހޭ ގޮތުން ﷲ (سبحانه وتعالى) ވަޙީ ކުރައްވާފައިވެއެވެ.
”حم (*) وَالْكِتَابِ الْمُبِينِ (*) إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ (*) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (*) أَمْرًا مِنْ عِنْدِنَا إِنَّا كُنَّا مُرْسِلِينَ (*) رَحْمَةً مِنْ رَبِّكَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ“
”ح م (މިއަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އެވެ.) ބަޔާންވެގެންވާ ފޮތް ގަންދެއްވާ ވަޙީ ކުރައްވަމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާން ކުރައްވަތެވެ. (އެއީ) ތިމަންރަސްކަލާނގެ ހަޟްރަތުން އައި އަމުރެއް ކަމުގައެވެ. ހަމަކަށަވަރުން، ރަސޫލުން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމުއެވެ. (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފޮނުއްވާ ރަޙުމަތެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ [ސޫރަތުއް ދުޚާން 1-6]

ސޫރަތުލް ބަޤަރާގައި އެއިލާހު ވަޙިކުރައްވާފައިވެއެވެ.
”شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ ... “
”ރަމަޟާންމަހަކީ އެމަހެއްގައި ޤުރުއާން ބާވާލެއްވި މަހެވެ. (އެ ޤުރުއާން ބާވާލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ހައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ... “ [ސޫރަތުލް ބަޤަރާ 185]

ލައިލަތުލް ޤަދުރި އާއި ބެހޭގޮތުން ނަބިއްޔާ، މުޙަންމަދު (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވާކަމަށް އަބޫ ހުރައިރާ (رضي الله عنه) ގެ ކިބައިން ރިވާވެގެންވެއެވެ.

”ﷲ ގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބުން އެދި އީމަންތެރިކަމާއެކު ލައިލަތުލް ޤަދްރި ގައި ހޭލާ ހުރެއްޖެ މީހާއަށް، އޭނާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތަކެއް ފުއްސަވާ ދެއްވަވާނެއެވެ.“ [ބުޚާރީ އަދި މުސްލިމް]

އަދިވެސް ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިކަމަށް ޢާއިޝާ (رضي الله عنها) ގެ ކިބައިން ރިވާވެގެން ވެއެވެ.

’ތިމަން ކަމަނާއަށް ލައިލަތުލް ޤަދްރި އަކީ ކޮން ރެއެއްކަން އެނގިއްޖެ ނަމަ އެ ރޭގައި ތިމަން ކަމަނާ ކިއުއްވަންވީ ކޮން ދުޢާއެއް ތޯއޭ ސުވާލު ދެންނެވުމުން އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي“ ”އޭ ﷲ! އިބަރަސްކަލާނގެއީ އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުގެ ފާފަ ފުއްސަވާ ދެއްވާންދޭވެ!“‘

ލައިލަތުލް ޤަދްރިގެ ހެޔޮކަން އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ. ހަމައެހެންމެ އެއްހާސް މައްސަރު (83.3 އަހަރު) ﷲ އަށް ކިޔަމަންތެރިވެ ދުނިޔޭގައި އުޅުމަށް ވުރެ ވެސް ހަމަ އެކަނި އެރޭގެ ހެޔޮކަން ބޮޑެވެ. އެހެނީ އެރެއަކީ ﷲ ތަޢާލާ އެރެއްގައި ބަރަކާތް ލައްވާފައިވާ ރެއެކެވެ. ﷲ ގެ ރުހިވޮޑިގަތުން އެދި އެރޭ ހޭލާ ހުރެއްޖެ މީހާއަށް އޭނާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާފަތައް ފުއްސަވާ ދެއްވައެވެ. އެބަހީ އޭނާއަކީ ދުނިޔެއަށް އުފަން ވީ އިރުގައި ވީ ފަދައިން އެއްވެސް ފާފައެއް ނުވާ މީހަކު ކަމުގައި ވެދެއެވެ. ހުރިހާ ފާފަތަކުން ޠާހިރުވެފައިވުމަށް އަހަރުމެން ކޮންމެ މީހަކުވެސް އެދޭނެއެވެ. އަދި ފާފަތަކުން ޠާހިރު ވެވިގެންވާ ޙާލު، މަހުޝަރުގެ މައިދާނުގައި ﷲ ތަޢާލާއާ ބައްދަލުވުމަށް އެދޭނެއެވެ.

ލައިލަތުލް ޤަދްރި އަކީ ކޮން ރެއެއްކަން އަހަރުމެން ދެނެގަންނާނީ ކިހިނެއް ތޯއެވެ. އަހަރުމެންނަށް އެނގެން އޮތް ގޮތުގައި އެރެއަކީ މިބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ (އެބަހީ: 20 ން 30 ށް) އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. (އެއީ 27،25،23،21 އަދި 29 އެވެ.) އަދި ބޮޑަށް ބުރަވެވޭ ގޮތުގައި އެއީ 27 ވިލޭރެއެވެ.

ލައިލަތުލް ޤަދްރިގެ ތަފާތު ޢަލާމާތްތައް ވެއެވެ. އެގޮތުން:-

1- އެދުވަހުގެ އިރު އަރާއިރުގައި އޭގެ ދޯދިތަކާ ނުލާ އެރުން.

2- އެރޭގައި ނުވަތަ އެދުވަހުގައި ވާރޭ ވެހުން.

3- އެރޭގައި އުޑުމަތި ކުޑަކޮށް ފުސްވެފައިވުން.

މިއީ އެރޭގެ ބައެއް އަލާމާތްތައް ކަމަށް ސުންނަތުން ސާބިތުވާ ކަންތައްތަކެވެ.

ލައިލަތުލް ޤަދްރި އަކީ ސީދާ ކޮންރެއެއްކަން އަހަރުމެންނަށް އެނގިގެނެއް ނުވެއެވެ. އެހެންކަމުން ޚާއްޞަ ގޮތެއްގައި ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތައް ތަފާތު އަޅުކަންތައްތައް ކުރުމުގައި ހޭދަ ކުރަމާ ހެއްޔެވެ. އެރޭ ތަކަކީ ކީރިތި ޤުރުއާން ކިޔެވުމާއި ސުންނަތް (ނަފިލް) ނަމާދުތައް ކުރުމާއި، ޛިކުރުކުރުމާއި އަމިއްލަ ނަފްސަށާއި އެހެން މީހުނަށްޓަކައި ދުޢާ ކުރުމުގައި ހޭދަ ކުރާ ރޭތަކެއް ކަމުގައި ހަދަމާ ހެއްޔެވެ.

ދުޢާ އަކީ އެރެއަށްޓަކައި މަސައްކަތް ކުރުމުގެ ހެޔޮތައުފީޤު، ﷲ ތަޢާލާ އަހަރުމެންނަށް ދެއްވުމެވެ. އަދި ލައިލަތުލް ޤަދްރިގެ މާތްކަން އަހަރުމެންނަށް މިންވަރު ކޮށްދެއްވުމެވެ. އާމީން.

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލައިލަތުލް ޤަދްރި އަކީ އިސްލާމީ ތާރީޚުގައި ވަރަށް މުހިންމުކަން ބޮޑު ރެއެކެވެ."

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ