Sunday, September 26, 2010

ސޮރީ




ލޮނުޒިޔާރަތް މަގުން ހެންވޭރަށް ދުއްވާފައި ދިޔައީ ވަރަށް ބާރަށެވެ. ކަލާފާނު ސްކޫލަށް ކޮއްކޮ ބަލައި ދާންޖެހެނީ 1:30 ށް ކަމުގައި ވިޔަސް އެދުވަހު އަހަރެންނަށް އޮފީހުން ނުކުމެވުނީ ވަރަށް ލަސްވީފަހުންނެވެ. ފޭސްބުކްގައި ކިތައްމެ ގިނައިރަކު އިނަސް ފޫހިވާގޮތެއް ނުވެއެވެ. އެހެންވެ ގަޑި ޖެހިގެން ދިޔައިރުވެސް ހޭވެރިކަން ނުވެއިނދެވުނީއެވެ.
ލޮނުޒިޔާރަތް މަގުން އަހަރެން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އޭރުވެސް ގަޑި ޖެހުނުތާ 15 ވަރަކަށް މިނިޓް ވެދާނެއެވެ. ކުއްލިއަކަށް ބުރަކި ޖައްސަން ޖެހުނީ ކުރިމަތިން ދުއްވާފައި ދިޔަ ކާރު ހުއްޓުނީމައެވެ. އެހެންނަމަވެސް ކާރުގެ ކަނައަތް ފަރާތުން ކުޑަ ޖާގައެއް އިނުމުން އެތަނުން އަނެއްކާވެސް ސްޕީޑް ބާރުކޮށްލީމެވެ. ކާރުގެ ފަހަތު ދޮރާ ހަމަވިކަން އެނގުނެވެ. ކުއްލިއަކަށް ކާރުގެ ދޮރު ހުޅުވުމާއެކު ދުއްވަން އިން ސައިކަލުގެ ހުންގާނު ދޮރުފަތުގައި ޖެހި ވިއްސައިގެން ގޮސް 10 ފޫޓް ދުރައް ވެއްޓުނެވެ.
ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައި ކަން އެނގުނެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ވަށައިގެން ބަލާލީމެވެ. އެހެންނަމަވެސް ގައިގައި އެވަރުގެ ބާރެއް ނެތެވެ. އަނެއްކާވެސް ދެލޯމަރާލީމެވެ. އަހަރެންނަށް އެއްވެސް ތަދެއް އިހުސާސެއް ނުވެއެވެ. އެކަމަކު ގައިގެ އެއްވެސް ގުނަވަނެއް ހަރަކާތް ކުރާނެ ހިތްވަރެއް ނެތެވެ.
އަހަރެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮންނަތާ މިވީ ތިން ދުވަހެއެވެ. މިއަދު އަހަރެންގެ ގައިގެ އެކިތަންތަނުގައި ރިއްސާ ކަން އަހަރެންނަށް އިހުސާސްވެއެވެ. އަދި ވަރަށް ބޮޑަށް ބޯފަޅައިގެން ގޮސްފައިވާކަން އެނގުނެވެ. ކަނައަތު ފަޔާއި ވައަތުގެ ކޮނޑު ހުޅުކައިރިން ބިނދިފައި ވާކަންވެސް އެނގުނީ މިއަދުއެވެ. އަހަރެން ކުޑަކޮށް އެނދުގެ ބޯލާކޮޅު އުސްކޮށްލުމަށް މަންމަ ކައިރީ ބުނީމެވެ. އެވަގުތު އަހަރެންގެ ކައިރީގައި ތިބީ މަންމަ އާއި އެންމެ ދޮށީ ދައްތައެވެ. ބޭބެ ދިޔައީ ބޭހެއް ނަގަން ކަމަށް މަންމަ ބުންޏެވެ.
އަހަރެންގެ ފޯނުގެ މަތިން ހަނދާން ވީވެސް އެވަގުތުއެވެ. ފޯނު ނަގާ ބަލާލުމުން ވަރަށް ގިނަ ކޯލް ތައް މިސް ވެފައިވާކަން އެނގުނެއެވެ. އަދި ނުދަންނަ ނަންބަރަކުން ތަކުރާރުކޮށް އެއް މެސެޖެއް ކޮށްފައިވެއެވެ. ރަށްޓެހިންގެ މެސެޖްތަކަށް ވުރެ އަހަރެއްގެ ސަމާލުކަން ހުއްޓުނީ ނުދަންނަ އެ ނަންބަރުން ކޮށްފައިވާ މެސެޖަށެވެ. “ސޮރީ،ސޮރީ ޕްލީޒް ފޮގިވް މީ” މިހެން ލިޔެފައިވާ ވިއްސަކަށް މެސެޖް ފޯނަށް ލިބިފައިވެއެވެ. އެއް ނަންބަރަކުންނެވެ. ފުރަތަމަ އެއީ ކޮން ނަންބަރެއްތޯ ބަލާލީމެވެ. އަހްމަދު އާތިފްގެ ނަމުގައި ނަގާފައިވާ ނަންބަރެކެވެ. އެނަންބަރަށް ގުޅާލީމެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ. ފޯނު ކަނޑާލުމަށް ފަހު ދެން އަންނަނީ ކުރިންވެސް އެ ނަންބަރުން ފޮނުވާފައިވާ މެސެޖެވެ.
މިއަދަކީ އަހަރެން ހޮސްޕިޓަލުން ދޫކޮށްލާނެކަމަށް ޑޮކްޓަރު ބުނެފައިވާ ދުވަހެވެ. މިއަދުވެސް އަހަރެންގެ ފޯނަށް މެސެޖްކުރާ ނަންބަރަށް ގުޅާލީމެވެ. މިއަދު ފޯނު ނުނަގާއިރު މެސެޖެއްވެސް ނުކުރެއެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލަމެވެ. އެމެސެޖް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރެވޭ ކަހަލައެވެ.
ހަވީރު ފަސްގަޑި ބައިވަނީއެވެ. ރަށްޓެހީންނާއި އާއިލާގެ މެންބަރުން އަހަރެންގެ ކައިރިއަށް އަންނަ ވަގުތު ޖެހުމުގެ ކުރިން ކުޑަކޮށް ރީތިވެލީމެވެ. ދަތް އުނގުޅާލައި ބޯ އޮމާންކޮށްލީމެވެ. އަހަރެންގެ ކައިރީގައި މަންމަ އާއި ކޮއްކޮގެ އިތުރުން ދެން ތިބީ އަހްމަދާއި ރިޝްވާންއެވެ. އެއީ އަހަރެންގެ އެންމެ ގާތް ދެރަހްމަތްތެރިންނެވެ. ކުއްލިއަކަށް އަހަރެން އޮތް 54 ނަންބަރު ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް މީހަކުވަނެވެ. އަދި އަތުގެ އިޝާރާތުން އޭނަގެ ފަހަތުގައި ހުރި މީހަކަށް އަހަރެން ދައްކާލިއެވެ. އޭނާގެ ފަހަތުގައި ހުރި މީހެއް ދޮރު ކައިރީ ދަމާފައި ހުރި ފަރުދާގެ ސަބަބުން އަހަރެންނަށް ފެންނަގޮތެއް ނުވެއެވެ.
އިރުކޮޅަކު އެހެން ހުރެފައި އެމީހަކު ބޭރަށް ނުކުތެވެ. އޭރުވެސް ފަރުދާގެ ފުރަގަހުގައި އެ ކުއްޖަކު ހުރިކަން އަހަރެންނަށް އެނގުނެވެ. ފުރަތަމަ ފެނުނީ މާބޮނޑިއެކެވެ. އެމާބޮނޑި ހިފަހައްޓައިގެން ހުރެ އެތެރެއަށް ވަދެގެން އެ އަންނަނީ ދުވަހަކުވެސް އަހަރެންނަށް ފެނުނު ކުއްޖެއް ނޫނެވެ. އޭނަގެ މޫނުމަތިން ލަދުވެތިކަމާ ހިތްނުތަނަވަސް ވެފައިވާކަން ފާޅުވާން ހުއްޓެވެ. އޭނަގެ އެތޫނު ދެލޮލުން އަހަރެންނާ ދިމާއަށް ބަލާލުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ބޮލުގައި ހުރި ތަދު ފިލައިގެން ދިޔަ ކަހަލައެވެ. އޭނާ މަޑުމަޑުން އައިސް އަހަރެންގެ ކައިރީ ހުއްޓުނެވެ.
“ސޮރީ. ރިއަލީ އައި އެމް ސޮރީ” އޭނާގެ އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެންގެ އެތެރެހަށީގައި ހުރި ތަދު އެއްކޮށް ފިލައިގެން ދިއައެވެ. އޭނާ އަހަރެންގެ ކަނައަތުގައި ހިފަހައްޓާލިއެވެ. އެފިނިފިނި މަޑު އަތުން އަހަރެންގެ އަތުގައި ފިރުމާލުން އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. ފާޑެއްގެ ތުރުތުރު އެޅުމެއް ހަށިގަނޑުގައި އަޅާލިއެވެ. އޭނާ އެހާވެސް ރީއްޗެވެ. އަނެއްކާވެސް އެ ޖުމްލަ އޭނާ ތަކުރާރު ކޮށްލިއެވެ. އަހަރެންނަށް ނުދަންނަ ނަންބަރަކުން މެސެޖް ކުރަނީ އެކުއްޖާކަން ޔަގީންވިއެވެ. އަހަރެންގެ ހިތަށް ފިނިކަމެއް އިހްސާސް ކުރެވުނެވެ.
“ކިހިނެތްވީ ސޮރީ އޭ ތިބުނީ. އަނެއްކާ ކިހިނެތްވީ” އަހަރެންނަށް އޭނަ އާއި ވާހަކަ ދެއްކުނީ ގާތް ރަހްމަތްެރި އަކާ ވާހަކަ ދައްކާގޮތަށެވެ. އަލަށް ފެނުނު ކުއްޖެއް ހެން ހިއެއް ނުވެއެވެ.
އަހަރެން އެކްސިޑެންޓްވީ ކާރުގައި އިނީ އެހަންކުއްޖާ ކަމަށާއި އޭނައަށް ކާރުގެ ދޮރު ހުޅުވާލެވުނީ ފަހަތުން އެއްޗެއް އާދޭތޯ ނުބަލާކަމުގައި ބުންޏެވެ. އަދި އަހަރެން އެކާރުގެ ދޮރުފަތުގައި ޖެހި އެކްސިޑެންޓް ވީފަހުން ހޮސްޕިޓަލަށް ކޮންމެ ދުވަހަކު ހަވީރު އަންނަ ވަހަކައާއި އެކަމަކު އަހަރެން ރުޅި އައިސް ދާނެތީ ވަންނަން ނުކެރިގެން އަނބުރާ ދަނީ ކަމުގައި ބުންޏެވެ.
އަހަރެންނަށް މިހާ ބޮޑު އަނިޔާއެއް ލިބުނީ އެކުއްޖާގެ ސަބަބުންކަން އެނގުނީމަވެސް އޭނަ ދެކެ ރުޅި އާދެވޭ ގޮތެއް ނުވިއެވެ. އޭގެ ބަދަލު އަހަރެންނަށް އޭނަ ފެނުމުން ބަލީގެ ޝިފާ ލިބުނު ކަހަލައެވެ. އަހަރެންނަށް ލިބުނު އަނިޔާތަކުގެ ފަރުވާ އަކީ ވެސް އެއަނިޔާ ދިން ފަރާތްކަމުގައި ވެއްޖެއެވެ.
މިހާރު އަހަރެންނަކީ ލޯބިލޯބި ކުއްޖެއްގެ ބައްޕައެވެ. އަހަރެންގެ ދަރިފުޅުގެ މަންމައަކީ އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަނިޔާ ލިބުމަށް މެދުވެރިވި ކުއްޖާ އެވެ. އާއެކެވެ. ލޯތްބަކީ މިޒާތުގެ އެއްޗެކެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ސޮރީ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ