Saturday, September 25, 2010

ތާރީޚްގައި އާދަޔާ ޚިލާފް ‘އިއްތިފާގު’ ތަކެއް




ރާއްޖޭގެ ތާރީޚަށް ބަލާއިރު ވަޒީރުންގެ ތާރީޚަކީ ކިތަންމެ ދޮށީ ތާރީޚެއް ނަމަވެސް ވުޒާރާގެ ތާރީޚާއި ވަޒީރުންގެ މަޖިލީހުގެ ތާރީޚަކީ މާފަހުގެ ތާރީޚެކެވެ. ރާއްޖެ ހިޖުރައިން 548 ވަނައަހަރު މީލާދީސަނަތުން 1153 ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ޒަމާންތަކުގައިވެސް ވަޒީރުން ދިވެހި ޤައުމުގައި ތިއްބެވިކަން ދިވެހި ތާރީޚު ހެކިދެއެވެ. އެހެން ކަމުން ރާއްޖޭގެ ވަޒީރުންގެ ތާރީޚު 850 އަހަރަށް ވުރެވެސް ދޮށިކަމަށް ބެލެވެއެވެ. މިސާލަކަށް ބަލާނަމަ ހަނދޭގިރި އެއީ ދާޚިލީ ވަޒީރު ނުވަތަ ހޯމް މިނިސްޓަރ އެވެ. ވެލާނާ އެއީ ޚާރިޖީ ވަޒީރު ނުވަތަ ފޮރިން މިނިސްޓަރ އެވެ
.
ރާއްޖޭގެ ވުޒާރާގެ ތާރީޚު ފެށުނީ އަދި ވަޒީރުންގެ މަޖިލިސް އުފެދުނީ 22 ޑިސެމްބަރު 1932 ގައި އެވެ. އަދި 22 ޑިސެމްބަރު 1932 އަކީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ( ރައްޔިތުންގެ މަޖިލިސް) އަދި ޤާނޫނީ ޙަޔާތްވެސް ފެށުނު ތާރީޚީ ދުވަސް ވެސް މެއެވެ. އެހެން ކަމުން ވުޒާރާއަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް މިހާރު މިވަނީ 77 އަހަރު ފުރިފައި އެވެ
.
ފާއިތުވި 77 އަހަރުދުވަހުގެ ތާރީޚައް ބަލާއިރު 22 ޑިސެމްބަރ 1932 ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމެނެނީ، ވަޒީރުލް ޢައުޒަމުގެ މަޙުކަމާއާއެކު ޖުމުލަ 12 މަޚުކަމާ އެވެ. އެއީ ވަޒީރުލް އަސްކަރިއްޔާ (ޑިފެންސް)ގެ މަޙުކަމާ، ވަޒީރުލް ދާޙިލިއްޔާ (ހޯމްއެފެއާރޒް)ގެ މަޙުކަމާ، ވަޒީރުލް މާލިއްޔާ (ފިނޭންސް)ގެ މަޙުކަމާ، ވަޒީރުލް ޚާރިޖިއްޔާ (ފޮރިންގ އެފެއާރޒް)ގެ މަޙުކަމާ، ވަޒީރުލް މަޢާރިފް (އެޑިއުކޭޝަން)ގެ މަޙުކަމާ، ވަޒީރުއް ތިޖާރާ (ޓްރޭޑް)ގެ މަޙުކަމާ، ވަޒީރުއް ސިއްޙަތު (ހެލްތް)ގެ މަޙުކަމާ، ވަޒީރުލް ޢައްސާލު (ޕަބްލިކްވޯރކްސް)ގެ މަޙުކަމާ، ވަޒީރުލް އަލްގާފް (ޕަބްލިކް އެންވަރމެންޓް)ގެ މަޙުކަމާ، އަދި ވަޒީރުލް ޒިރާޢާ (އެގްރިކަލްޗަރ)ގެ މަހުކަމާ އެވެ
.
ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނަކީ 1- ވަޒީރުލް ޢައުޒަމު ނުވަތަ ވަޒީރުންގެ މަޖިލީހުގެ ރައީސް (ބޮޑުވަޒީރު) އަދި ވަޒީރުލް އަސްކަރިއްޔާ (ޑިފެންސް) މުހައްމަދު ފަރީދު ދީދީ، 2- ވަޒީރުލް ޚާރިޖިއްޔާ (ފޮރިންގ އެފެއާރޒް) އަދި ވަޒީރުލް މާލިއްޔާ (ފިނޭންސް) ހަސަން ފަރީދު ދީދީ، 3- ވަޒީރުލް ދާޙިލިއްޔާ (ހޯމްއެފެއާރޒް) އަދި ވަޒީރުލް މަޢާރިފް (އެޑިޔުކޭޝަން) ހެންވޭރުގޭ އަޙުމަދު ކަމާލުއްދީނު، 4- ވަޒީރުއް ސިއްޙަތު (ހެލްތް) އަދި ވަޒީރުލް އަލްޣާފް (ޕަބްލިކް އެންވަރމަންޓް) އެއްގަމުގޭ އިބްރާހިމްދީދީ ، 5- ވަޒީރުލް ޒިރާޢާ (އެގްރިކަލްޗަރު) ގަލޮޅުގޭ މުޙައްމަދު ދީދީ، 6- ވަޒީރުލްޤާނިއްޔާ (ޖަސްޓިސް) ޙުސެއިން ސަލާހުއްދީނު، އަދި 7- ވަޒީރުއް ތިޖާރާ (ޓްރޭޑް) މުޙައްމަދު އަމީން ދީދީ، އެވެ. އެހެން ކަމުން ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ދެވުޒާރާ 5 ބޭފުޅަކު ބެލެހެއްޓެވިއެވެ
.
ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓަށް، ބަލާއިރު އެއްބަނޑު އެއްބަފާ ދެބޭފުޅުން ހިމެނިވަޑައިގެން ފައިވެއެވެ. އެއީ މުޙައްމަދު ފަރީދު ދީދީ އާއި، ހަސަން ފަރީދު ދީދީ އެވެ. މިއާދަކާދަ އައީ އޭގެ ފަހުން ވެސް ވަޒީރުންގެ މަޖިލީހުގެތެރޭގައި ހިނގަމުން ނެވެ. ރާއްޖޭގެ ފުރަތަމަ މަޖިލީހަށް ބަފައިބެއަކާއި ދަނބިދަރިއެއް ވެސް ހިމެނެއެވެ. އެއީ މުޙައްމަދު އަމީނުގެ އަނބި ކަނބަލުންގެ ބައްޕާފުޅު ޞަލާޙުއްދީނާއި، މުޙައްމަދު އަމީން އެވެ. އެހެން ނަމަވެސް ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ތާރީޚުގައިވެސް މިއަދާއި ހަމައަށް ބައްޕައަކާއި ދަރިއަކު، 11 ނޮވެމްބަރ 2003 އާ ހަމައަށް ތިއްބަވާފައި ނެތް ކަމުގައި ވިޔަސް އެދުވަހުން ފެށިގެން 14 ޖުލައި 2005 އަށް ޢަބުދުﷲ ޙަމީދު އަދި އެމަނިކުފާނުގެ ދަރިކަލުން ޙަމްދޫނު ޙަމީދު ކެބިނެޓްގައި ހިމެނިވަޑައިގެން ފައިވާތީ، އެއީ ބައްޕައަކާއި ދަރިއަކު، ކެބިނެޓްގައި ހިމެނުނު ފުރަތަމަ ފަހަރުކަން ތާރީޚު ހެކިދެއެވެ
.
ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓްގައި ހިމެނިވަޑައިގަތް މުހައްމަދު އަމީނަކީ ރާއްޖޭގެ ކެބިނެޓްގައި މިހާތަނަށް ހިމެނުނު އެންމެ ޒުވާން ވަޒީރު އެވެ. އޭރު މުހައްމަދު އަމީނުގެ އުމުރުފުޅަކީ 22 އަހަރު އެވެ. އެއްފަހަރާ އެންމެގިނަ ވުޒާރާ ހިންގެވި ވަޒީރަކީ ވެސް މުޙައްމަދު އަމީން އެވެ. އެމަނިކުފާނު 22 ޑިސެމްބަރ 1952ގައި އުފެދުނު ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ބޮޑު ވަޒީރު ކަމުގެ އިތުރަށް، ދާޚީލިއްޔާ، ޚަރިޖިއްޔާ، މާލިއްޔާ، އަމަންއާންމު، އަދި ސިއްޙަތުގެ ވަޒީރުކަން އެއްފަހަރާ ކުރެއްވި އެވެ. އަދި އެކިފަހަރު މަތިން އެހެނިހެން އެކި ވުޒާރާ ތަކުގެ ވަޒީރުކަން ވެސް ކުރައްވާ ފައިވެއެވެ
.
ރާއްޖޭގެ ތާރީޚުގައި އެންމެބާރުގަދަ ވަޒީރު ކަމެއް ކުރެއްވީ ވަޒީރުލް ދާޚިލިއްޔާ ޙަސަން ފަރީދު އެވެ. 23 އޭޕްރީލް 1942ގެ ގާނޫއަސާސީގައިވާ ގޮތުން ރަދުންނާއި، ބޮޑުވަޒީރަކީ އެއްވަރުގެ ޝަރަފްވެރި އެއް ފެންވަރެއްގެ ދެމަޤާމެވެ. ސަރުކާރުގެ ވެރިކަން ވަނީ ވަޒީރުލް ދާޚިލިއްޔާ އަށެވެ. ވަޒީރުން ނުވަތަ މަޙުކަމާތަކުގެ ވެރިން އައްޔަން ކުރުމުގެ ބާރުވެސް އޮތީ ވަޒީރުލް ދާޚިލިއްޔާ އަށެވެ. އެހެންކަމުން ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ހަސަން ފަރީދުވަނީ ސަރުކާރު ހިންގަވައި ޤައުމުގެ ވެރިކަން ކުރައްވާފަ އެވެ. ބައެއް ލިޔުން ތަކުގައި ހަސަން ފަރީދު ރަސްކަން ނުވަތަ ބޮޑުވަޒީރުކަން ނުކުރައްވާތީ، އެމަނިކުފާނަކީ، ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް ފާހަގަ ކުރަން ނޭނގުނު ކަމުގައި ވިޔަސް ޤާނޫނީ ގޮތުން ބަލާއިރު އޭނާއަކީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެކެވެ
.
ރާއްޖޭގެ ވަޒީރުންގެ މަޖިލިސް އުފެދުނު ދުވަސް ކަމަށްވާ 22 ޑިސެމްބަރ 1932 އިން ފެށިގެން މިހާތަނަށް އެމަޖިލީހުގެ ރައީސްކަން ކުރައްވާފައިވަނީ 1- ބޮޑުވަޒީރު މުހައްމަދު ފަރީދު 2- ޚާރިޖީ ވަޒީރު ހަސަން ފަރީދު 3- ބޮޑުވަޒީރު މުޙައްމަދު އަމީނު 4- ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު 5- ބޮޑުވަޒީރު އިބްރާހިމް ނާސިރު 6- ރައީސްލްޖުމުހޫރިއްޔާ އިބުރާހިމް ނާސިރު 7- ބޮޑުވަޒީރު އަހުމަދު ޒަކީ 8- ރައީސްލްޖުމުހޫރިއްޔާ އިބުރާހިމް ނާސިރު 9- ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލް ޤައްޔޫމު 10- ރައީސްލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު އެވެ
.
ވަޒީރުންގެ މަޖިލީހުގެ ތާރީޚުގައި އެންމެ ފުރަތަމަ ކެބިނެޓް މިނިސްޓަރުކަން ލިބިވަޑައިގަތް އަންހެން ބޭފުޅަކީ 6 ޖެނުއަރީ 1977 ގައި ހެލްތް މިނިސްޓަރކަން ލިބިވަޑައިގަތް މޫމިނާ ހަލީމް އެވެ. އޭގެ ކުރިން ދައުލަތުގެ ވަޒީރުކަން ފާޠިމަތު އިބުރާހިމް ދީދީއާއި އާމިނަތު ހުސެއިން 22 ޑިސެމްބަރ 1952 އިން 21 އޮގަސްޓް 1953 އަށް ކުރައްވާފައި ވެއެވެ
.
ރާއްޖޭގެ ތާރީޚުގައި އެއްވުޒާރާއެއްގެ ވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވީ ފަތުޙުﷲ ޖަމީލް އެވެ. އެމަނިކުފާނަށް ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ދެއްވީ 14 މާރޗް 1978 ގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރު އެވެ. އެދުވަހުން ފެށިގެން 14 ޖުލައި 2005 އަށް 27 އަހަރަށް ވުރެ ގިނަ ދުވަހު ފަޠުޙުﷲ ޖަމީލު ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ކަން ކުރައްވާފައެވެ
.
ރާއްޖޭގެ ވަޒީރުންގެ މަޖިލިސް 22 ޑިސެމްބަރު 1932 ގައި އުފެދުނުތާ މިވީ 77 އަހަރުގެ ތެރޭގައި އެމަޖިލީހުގައި އެންމެ ގިނަދުވަސް ހޭދަކުރެއްވި ބޭފުޅަކީ މައުމޫނު އަބުދުލް ޤައްޔޫމް އެވެ. އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް ވަޑައިގަތީ މިނިސްޓަރ އޮފް ޓްރާންސްޕޯރޓްގެ ޙައިސިއްޔަތުން ނެވެ. އެމަނިކުފާނަށް ޓްރާންސްޕޯރޓް މިނިސްޓަރުކަން ދެއްވީ1977 ވަނަ އަހަރުގެ މާރޗް މަހުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް ނާސިރު އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ދޮޅު އަހަރަށް ވުރެ ގިނަދުވަހު ހުންނެވުމަށްފަހު 11 ނޮވެމްބަރ 1978 އިން 11 ނޮވެމްބަރ 2008 އަށް މައުމޫނު ވަނީ ރައީސުލް ޖުމުހޫރިއްޔާގެ ޙައިސިއްޔަތުން ވަޒީރުންގެ މަޖިލީހުގެ ރައީސް ކަން ކުރައްވާފައެވެ. ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި އެންމެ ގިނަދުވަސް ހޭދަކުރެއްވި ދެވަނަ ބޭފުޅަކީ ފަޠުޙުﷲ ޖަމީލް އެވެ. އެމަނިކުފާނު ވަނީ 14 މާރޗް 1978 އިން 14 ޖުލައި 2005 އަށް 27 އަހަރާއި ހަތަރުމަސް ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި ވޭތު ކުރައްވާފައެވެ
.
ރާއްޖޭގެ ވަޒީރުންގެ މަޖިލިސް 22 ޑިސެމްބަރ 1932 ގައި އުފެދުނުތާ މިވީ 77 އަހަރު ތެރޭގައި އެމަޖިލީހުގައި އެންމެ މަދު ދުވަސް ހޭދަ ކުރެއްވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ކެބިނެޓްގައި ވިއްސަކަށް ދުވަސް ހޭދަ ކުރައްވާފައިވާ ޤާސިމު އިބްރާހިމް އާއި ދިޔާނާ ސަޢީދު އަދި ޑރ.މުހައްމަދު ޖަމީލު އަޙުމަދު ހިމެނެއެވެ. އަދި ރާއްޖޭގެ ފުރަތަމަ ކެބިނެޓްގެ ގަލޮޅުގޭ މުހައްމަދު ދީދީ ވެސް ހިމެނި ވަޑައިގަންނަވައެވެ. ގަލޮޅުގޭ މުހައްމަދު ދީދީ 22 ޑިސެމްބރ 1932 ގައި އުފެދުނު ރާއްޖޭގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ގެ ހައިސިއްޔަތުން ހިމެނިވަޑައި ގަތުމަށް ފަހު 17 ފެބްރުއަރީ 1933 ގައި އެމަނިކުފާނު އަވަހާރަވުމުން އެމަގާމުގައި ދެމަސް ދުވަސް ވެސް ހޭދަ ކުރައްވާފައެއް ނުވެއެވެ
.
ކެބިނެޓުގެ 77 އަހަރުގެ ތާރީހުން އާދަޔާ ހިލާފު ކަންތައްތަކެއް ވެސް ފެނެ އެވެ. ފުރަތަމަ ކެބިނެޓްގައި އެއްބަނޑު އެއްބަފާ ދެ ބޭފުޅުން ހިމެނެ އެވެ. އެއީ މުހައްމަދު ފަރީދާއި ހަސަން ފަރީދެވެ. މިކަން ފަހުން ވެސް ތަކުރާރުވަމުން އައެވެ. ރައީސް ނާސިރުގެ ކެބިނެޓްގައި ވެސް އެއްބަނޑު އެއްބަފާ ބޭފުޅުން ހިމެނެ އެވެ. އެއީ އިބްރާހިމް ޝިހާބާއި އަދުނާނު ހުސެއިންގެ އިތުރުން މިހާރު ވެސް ދުނިޔޭގައި ތިއްބެވި އަބްދުލް ހަންނާނު ހަލީމާއި މޫމިނާ ހަލީމެވެ. ރައީސް މައުމޫނުގެ ކެބިނެޓުގައި ވެސް އެފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ. އެ ގޮތުން ރައީސް މައުމޫނާއި އަބްދުﷲ ހަމީދެވެ. ދެން މުހައްމަދު މުސްތޮފާ ހުސައިން އާއި އަހުމަދު މުޖުތަބާ އެވެ. އޭގެ އިތުރުން އިލްޔާސް އިބުރާހީމާއި އައްބާސް އިބުރާހިމް އަދި ފަތުހުﷲ ޖަމީލާއި އަބްދުﷲ ޖަމީލެވެ. އެއްބަފާ ތިން ބޭފުޅުންގެ ގޮތުގައި މައުމޫނާއި ޔާމީނާއި އަބްދުﷲ ހަމީދު ތިއްބެވީ ވެސް މައުމޫނުގެ ކެބިނެޓެއްގަ އެވެ
.
ފުރަތަމަ ކެބިނެޓްގައި ބަފާބެއަކާއި ދަނބިދަރިކަލަކު ހިމެނިވަޑައިގަތެވެ. އެއީ މުހައްމަދު އަމީނާއި ހުސައިން ސޮލާހުއްދީނެވެ. މުޅި ވަޒީރުންގެ މަޖިލީހުގެ 77 އަހަރުގެ ތާރީހުގައި ވެސް ބައްޕަ އާއި ދަރިއެއްގެ ގޮތުން ތިއްބެވީ ހަމައެކަނި އަބްދުﷲ ހަމީދާއި ހަމްދޫނު ހަމީދެވެ
.
ޖުލައި 14، 2005 ހިމެނިފައިވަނީ ވަޒީރުންގެ މަޖިލީހުގެ ތާރީޚުގައި މިޑްލްޓާރމްގައި ކެބިނެޓަށް ގެނެވުނު އެންމެބޮޑު ބަދަލު ގެނެވުނު ދުވަހުގެ ގޮތުގައެވެ އެއްފަހަރާ އެންމެ ގިނަ ވުޒާރާ އުފެދި ކެބިނެޓްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެންމެ ގިނަވީ 14 ޖުލައި 2005 ގައެވެ. މިހާރުގެ ވަޒީރުންގެ މަޖިލީހަށް ބަލައިލާއިރު އެމަޖިލީހުގައި ހިމެނި ވަޑައި ގަންނަވަނީ 16 ބޭފުޅުން ނެވެ. އެއީ 1- ރައީސުލްޖުމުހޫރިއްޔާ އަދި ވަޒީރުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، 2- ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، 3- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީ ޢަލީ ހާޝިމް، 4- މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ. ޝަހީދު، 5- މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އާމިނަތު ޖަމީލު، 6- މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝިނަލް ސެކިޔުރިޓީ އަމީން ފައިސަލް، 7- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުސްޠަފާ ލުޠުފީ، 8- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ރަޝީދު، 9- މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ޑރ. އަޙުމަދު ޢަލީ ޞަވާދު، 10- މިނިސްޓަރ އޮފް ހިޔުމަން ރިސޯރސަސް ޔޫތް އެންޑް ސްޕޯރޓްސް އަލްއުސްތާޒު ޙަސަން ލަޠީފު، 11- މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯރޓް އެންޑް އެންވަޔަރމެންޓް މުހައްމަދު އަސްލަމް، 12- މިނިސްޓަރ އޮފް ފިޝަރީޒު އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހިމް ދީދީ، 13- މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަހުމޫދު ރާޒީ، 14- މިނިސްޓަރ އޮފް ހޯމް އެފެއާރޒް މުހައްމަދު ޝިހާބު، 15- މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ އަދި 16- އެޓާރނީ ޖެނެރަލް އަލްއުސްތާޒު ޙުސްނުއް ސުޢޫދު މި 16 ބޭފުޅުން ނެވެ
.
މި ބޭފުޅުންގެ ތެރެއިން ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު، ޑރ. އާމިނަތު ޖަމީލު، ޑރ. ޝަހީދު، ޑރ. މުސްޠަފާ ލުޠުފީ، ޑރ. އަހުމަދު ޢަލީ ޞަވާދު އަދި ޑރ. ޢަބުދުލްމަޖީދު ޢަބުދުލް ބާރީ. މި 6 ބޭފުޅުންނަކީ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ޑޮކްޓަރޭޓުންކަން ފާހަގަކޮއްލެވެއެވެ. ރައީސް ނަޝީދުގެ ކެބިނެޓް ފިޔަވައި މިހާތަނަށް ރާއްޖޭގެ އެއްވެސް ކެބިނެޓެއްގައި ޑޮކްޓަރޭޓުންގެ 6 ބޭފުޅުން ހިމެނި ވަޑައިގެން ފައެއް ނުވެއެވެ
.
ރައީސް ނަޝީދުގެ ކެބިނެޓް ނުވަތަ ނޮވެމްބަރ 2008 ގައި ފުރަތަމަ އެމަނިކުފާނު އެކުލަވާ ލެއްވި ކެބިނެޓްގައި ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ 7 ބޭފުޅުން ހިމެނި ވެޑައިގަތެވެ. މިހާރުގެ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ 16 ބޭފުޅުންގެ ތެރޭގައި، ޑޮކްޓަރޭޓުންގެ 6 ބޭފުޅުންގެ އިތުރުން އަނެއް 10 ބޭފުޅުންނަށް ބަލާއިރު ކޮންމެ ބޭފުޅަކީވެސް، މާސްޓާރޒް ޑިގްރީ، ނުވަތަ ބެޗްލާރ ޑިގްރީ، ނުވަތަ މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅުންނެވެ. ރައީސް ނަޝީދުގެ ކެބިނެޓަށް ބަލާއިރު އެބޭފުޅުން ހަވާލު ވެވަޑައިގެންފައިވާ ވުޒާރާގެ ދާޢިރާގެ ޢިލްމާއި މަޢުލޫމާތާއި، ހުނަރު ލިބިވަޑައިގެންފައިވާ، ތަޖުރިބާ ކާރު ބޭފުޅުން ގިނަކަންވެސް ފާހަގަކުރެވެއެވެ. އަދި ޢިލްމީ ގޮތުން ބަލާލާއިރު، ރައީސް ނަޝީދުގެ މިހާރުގެ ކެބިނެޓަކީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ޢިލްމްވެރި ކެބިނެޓްކަން ތާރީޚު ހެކިދެއެވެ


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ތާރީޚްގައި އާދަޔާ ޚިލާފް ‘އިއްތިފާގު’ ތަކެއް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ