Saturday, October 2, 2010

ކުއްލިއަކަށް ބޭރުން އައިސް ވަންނަ، ދުރުހިލޭ މީހަކަށް ފެނިއްޖެނަމަ ގޭމީހުން ލަދުގަންނަ ކަންތައްތައް ވެސް ގޭގޭގައި ހިނގަމުންދާނެ



ތިޔަ ހުރިހައި ބޭފުޅުން ވެސް އަޑުއައްސަވާނޭ ފަދައިން ގެ ދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އޭގެ މާނަ އަކީ ކޮބައިބާވައެވެ؟ އާދެ! ގެ ދޮރަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކަށް ވަރަށް ޚާއްޞަ ތަނެކެވެ. އަދި އެހެން ތަންތަނުގައި އުޅޭއިރު ކޮށްނޫޅޭ އެތައް ކަމެއް ކޮންމެ މީހަކުވެސް ގޭގައި އުޅޭއިރު ކޮށްއުޅޭނެ އެވެ. އެހެންކަމުން ތިމާގެ ގެޔާއި އެހެން ތަންތަނާ ވަރަށް ތަފާތުކަން އެބަ އެނގެ އެވެ.
ކުއްލިއަކަށް ބޭރުން އައިސް ވަންނަ، ދުރުހިލޭ މީހަކަށް ފެނިއްޖެނަމަ ގޭމީހުން ލަދުގަންނަ ކަންތައްތައް ވެސް ގޭގޭގައި ހިނގަމުންދާނެ އެވެ. ބައެއް ފަހަރަށް މަސައްކަތެއްގައި އުޅޭއިރު މީހުންތިބޭނީ އެހައި ރީތި ފޭރާމެއްގައެއް ނޫނެވެ. އަދި ގޭތެރޭގައި ހުންނަ ތަފާތު ސާމާނު ހުންނާނީ ތަރުތީބަކުން ވެސް ނޫނެވެ. މީގެ އިތުރުން ގޭގޭގައި މީހުން ވަރަށް ޚާއްޞަ އަމިއްލަ ވާހަކަވެސް ދައްކައިއުޅޭނެ އެވެ. ދެބަސްވުންތައް ވެސް ހިނގާނެ އެވެ. މިއިން އެއްވެސް ކަމަކީ ބޭރުން އަންނަ މެހްމާނަކަށް، ވަކިން ޚާއްޞަކޮށް ޢިއްޒަތްތެރިއަކަށް ގޭމީހުން ދައްކަން ބޭނުންވާނެ މަންޒަރެއް ނުވަތަ އެ މީހަކު އަޑުއަހަން ގޭމީހުން ބޭނުންވާނެ ވާހަކައެއްނޫނެވެ.
އެހެންކަމުން ގޭގެއަށް ވަދެނުކުމެ އުޅުމުގައި އަދަބުތަކެއް ވަނީ ކަނޑައެޅިފަ އެވެ. މި އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަދި މިކަންކަމަށް ފަރުވާކުޑަކޮށް މި އުޞޫލުތަކަށް ކަމޭނުހިތުމަކީ ގެދޮރުގެ ޙުރުމަތް ކެނޑުމޭ ބުނެވިދާނެ އެވެ.
ގޭގެއަށް ވަދެ ނުކުމެ އުޅުމުގެ އަދަބުތަކަކީ ކޮބައިބާވަ އެވެ؟ އާދެ! ތިމާގެ އަމިއްލަ ގެ ނޫން އެހެން މީހެއްގެ ގެއަށް ވަނުމުގެ ކުރިން ޤަވާޢިދުން ސަލާމްގޮވައި ހުއްދަ ހޯދުމާއި، ސަލާމުގެ ޖަވާބު ނުލިބުނުނަމަ އެގެއަށް އެވަގުތު ވަނުމުގެ ހުއްދަ ނުލިބުނީކަމުގައި ނިންމައި އެގެއަކަށް އެ ވަގުތު ނުވަނުމާއި، ހުއްދަ ލިބިގެން ގެއަށް ވަންނައިރު ދޮރުހުޅުވާލުމުން ކުއްލިއަކަށް ތިމާއަށް ގޭތެރެ ފެންނާނެހެން ދޮރާ ދިމާ ސީދަލަށް ނުހުރުމާއި، ގެއަށް ވަނުމަށް ފަހު ގޭތެރެ ބަލައި ޗެކްކުރަން ދާ މީހަކު ނޫންނަމަ މުޅި ގޭތެރެއަށް ވަދެ އެތަންމިތަން ކޮޅައި ނުބެލުމާއި އަދި އެގެޔަކަށް ދިޔަ ބޭނުމެއް ފުދުމުން ގޭމީހުނާ ސަލާމްކޮށް ނުވަތަ ހެޔޮ ދުޢާކޮށް ގެއިންނުކުތުން ހިމެނެ އެވެ. މިއީ މުޅިން ވެސް ގޭގެއަށް ވަދެ ނިކުމެ އުޅުމުގައި ޢަމަލު ކުރަންވީ ރަނގަޅު ގޮތްތަކެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކުއްލިއަކަށް ބޭރުން އައިސް ވަންނަ، ދުރުހިލޭ މީހަކަށް ފެނިއްޖެނަމަ ގޭމީހުން ލަދުގަންނަ ކަންތައްތައް ވެސް ގޭގޭގައި ހިނގަމުންދާނެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ