Monday, April 19, 2010

ލަންދޫގެ ފުރަތަމަ ދެބުރި ޢިމާރާތް ނިމުމަކަށް ދަނީ



ލަންދުއަކީ ނިސްބަތުންބަލާއިރު ބިމުގެ ގޮތުން ކިތަންމެ ތަނަވަސް ރަށަކަށް ވީނަމަވެސް ބިންކޮޅު ކުޑަ އާބާދީ ބޮޑެތި ރަށްރަށެކޭ އެއްފަދައިން ލަންދޫގައިވެސް އެއްބުރިއަށްވުރެ އުސްކޮށް ގެދޮރު ޢިމާރާތް ކުރަން މިއަދު މިވަނީ ފަށާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ލަންދޫގައި ދެބުރި ޢިމާރާތެއް ކުރުމުގެ ޝަރަފް ހޯދުމުގެ އިތުރުން ލިބިފައިވާ ކުޑަބިންކޮޅުގެ ބޭނުން އެދެވޭގޮތުގައި ހިފުމުގެ މަޤްޞަދުގައި ނ.ލަންދޫ މަންޒިލް އަލްފާޟިލް މުޙައްމަދު ޝުޖާޢު މިވަނީ އޭނައަށް ލިބިފައިވާ 70 ފޫޓް 30 ފޫޓް ގޯތީގައި ދެބުރި ގެއެއް ބިނާކޮށްފައެވެ.

ގްރައުންޑް ފްލޯރ ގައި އެއްކޮޓަރި އާއި، ސިޓިންރޫމާއި، ފާޚާނާއަކާއި، ފަސްޓް ފްލޯރ ގައި ދެކޮޓަރި އާއި ދެފާޚާނާ ހިމެނޭގޮތުން ކޮށްފާވާ މިޢިމާރާތަކީ ލަންދޫ ދެކުނު ފަރާތުން ހުޅަނގުކޮޅުން އޮންނަ ކުއްޅަވައްފަލަށް ނިސްބަތްވާ ހިސާބުގައި ކޮށްފައިވާ އިމާރާތެކެވެ. ކުއްޅަވައްފާ ކަހަލަ ޗަކަބިން އޮންނަ ހިސާބެއްގައި މިފަދަ ޢިމާރާތެއް ކުރުމާއި މެދު ލަންދޫގެ ގިނަބަޔަކު ދަނީ އެކިކަހަލަ ޚިޔާލުވެސް ފާޅުކުރަމުންނެވެ. އެއްބަޔަކު ބުނާގޮތުންނަމަ އެސަރަޙައްދަކީ ޗަކަބިން ސަރަޙައްދަކަށް ވާތީ ވެލިއަޅައިގެން ހިއްކާފާ އޮތަސް ވަރަށް ފަސޭހައި ގަނބާ ގޮތްގޮތް ވާނެކަމަށެވެ.

ކޮންކްރީޓްގެ ހުރިހާ މަސައްކަތަކާއި، ރޭނުމުގެ ހުރިހާމަސައްކަތެއް ގެ އިތުރުން ޑެގް އެޅުމަށް ބޭނުންވާ ލަކުޑިބެރިތައް ވެސްމިހާރު މައްޗަށް އަރުވާ ހަދާފާ މިވާ ޢިމާރާތަށް ރޭނުމަށާއި ، ކޮންކްރީޓްގެ އެންމެހައި މަސައްކަތަކަށް ބޭނުންކޮށްފާ ވަނީ އާދައިގެ ދޮންވެއްޔާއި، އަކިރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލަންދުއަކީ ބިންބޮޑު މާރަށެއްކަމުގައި ވީނަމަވެސް މިފަހަކަށް އައިސް ގޯއްޗެއްގެ ގޮތުގައި ދޫކުރަނީ ވަރަށް ކުޑަބިންކޮޅެކެވެ. ހަމަ އެކަނި ގެއަކާއި، ބަދިގެއެއް އަޅާފާ ދެންއިތުރު ކަމެއް ކޮށްލެވޭވަރުގެ ހުސްތަންކޮޅެއް ނޯވެއެވެ. ކުރީގައި 100 އާއި 50 ގެ ގޯތިތައް ދިންކަމުގައިވިޔަސް މިއަދު މިވަނީ 70 އާއި 30 ށް އެމިންގަނޑު ބަދަލުވެފައެވެ. އެހެންކަމުން ގޯތިގެދޮރު ޢިމާރާތްކުރުމުގައި ތަނަވަސް ކަން ހުންނަމީހުން ދެބުރި ނުވަތަ ތިންބުރިއަށް ވެސް ގެދޮރު އުސްކުރުމަކީ މުސްތަޤްބަލްގައި ލަންދޫން ނުފެނި ނުދާނޭ މަންޒަރެއްކަން ޤަބޫލުކުރަންޖެހެއެވެ. ފަހަރެއްގައި މިއީ ތަރައްޤީގެ ގޮތުން ގިރާކުރުމަށް ފައިނެގޭ އިތުރުހަރުފަތަކަށްވެސް ވެދާނެއެވެ.
Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ލަންދޫގެ ފުރަތަމަ ދެބުރި ޢިމާރާތް ނިމުމަކަށް ދަނީ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ