
ލިޔުނީ ؛ ފަޔާ
ރަށުގެ މުސްތަޤުބަލަށް ނުވަތަ އަންނަންއޮތް ޖީލަށްޓަކާ އަޅުގަނޑުމެންނަށް ލިބިފައި މިވާ ހިތްފަސޭހަ މާހައުލް އޭގެ އެނމެ ފުރިހަމަގޮތުގައި ރައްކާތެރިކަމާއިއެކު އަޅުގަނޑުމެންގެ ދަރިންގެދަރިންނަށް ވާސިލްކޮށްދިނުމަކީ މިއަދު އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ ފަރުދަކަށްވެސް ޤައުމީ އަދި ފަރުދީ ވާޖިބެއްކަން ކަށަވަރެވެ. ހަމަ އެފަދައިން ގުދުރަތީގޮތުން ލިބިވައިވާ ރީތި މޫދާއި، ހިތްފަސޭހަ ގޮނޑުދޮށްތަކާއި ،މުއްސަނދި ފަސްގަނޑާއި އަދި ރަށުގެ އާދަކާދަތައް ދަރިންނަށްޓަކާ ހިމާޔަތް ކޮށްދިނުމާއި އެއްވަރަށް އިސްލާމީ ރިވެތި އުސޫލުތަށްވެސް ދަރިންނަށް ދަސްކޮށްދިނުމީ މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި ޒިންމާއެކެވެ. އަޅުގަނޑުމެންގެ ލޮލުގެ ނޫރު ކަމުގައިވި ތުއްތުދަރިން ހެޔޮގޮތުގައި ތަރިބިއްޔަތުކޮށް އަޅަމެންގެ ސުލޫކާއި އުޅުންވެސް އެދަރިންގެ ކުރިމަތީ އިސްލާހުކުރަންޖެހެއެވެ. ދަރިން ބެލުމުގައި އަދި މުޢާމަލާތުކުރުމުގައި ފަރުވާތެރިވާންޖެހޭ ބައިވަރު ކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަހުއްޓެވެ.
އަދި ކޮންމެ ތުއްތު ކުއްޖަކީ ތިމާގެ ދަރިޔަކަށް ނުވިޔަސް މުޖުތަމަޢުގައި އުޅޭއިރު ތުއްތުކުދިންނާއި މުޢާމަލާތުކުރުމުގައި ސަމާލުވާންޖެހެއެވެ. ސަބަބަކީ އެކުދިން ގިނަކަންތައްތައް ދަސްކުރަނީ އެކުއްޖެއްގެ ވަށައިގެންވާ މާހައުލުން ކަމަށްވާތީއެވެ. މީގެ ހަޤީޤީ މިސާލެއް ލަންދޫއިން އަޅުގަނޑުގެ ލޮލުން ދެކެ ތަޖުރިބާކުރި މަންޒަރެއް ހިއްސާ ކޮށްލާނަމެވެ. އަޅުގަނޑުހުރީ އަޅުގަނޑުގެ ރައްޓެއްސެއްގެ ގޭ ކައިރީއެވެ. މަގުމަތީ އަޅުގަނޑުގެ ރައްޓެހި މީހާގެ ދަރިޔާކާއި އަދި ދެތިން ކުދިން ކުޅެން ތިއްބެވެ. އިރުކޮޅަކުން ރަށުގެ ވަރަށް ހަރުމީހަކު އެތަނަށް އަތުވެއްޖެއެވެ. އަދި އަހަރެންގެ ރައްޓެހި މީހާގެ 2 އަހަރުގެ ދަރިފުޅާއި މުހާތަބްކޮށް ބުނެލިއެވެ." ކަލޯ ކަލޯ އައްޕަ ......... ....... ކޮބާހެއްޔެވެ" އަހަރެންގެ ރައްޓެހި މީހާގެ ހަސަބާއި ނަސަބައް ހުތުރުވާގޮތަށް ނަންކިޔުމަށްފަހު މިކުއްޖާއާއި ސުވާލުކުރިއެވެ. އަދި އެ ގެ އެއީ އެކުއްޖާގެ ގެ ނޫންކަމަށާއި ހަމަ އެގޮތަށް އެކުއްޖާގެ ބައްޕަގެ ހަސަބާއި ނަސަބް ބޭނުންކޮށް އެގެއައް ރައްކާވާށޭ ބުނެލިއެވެ. ނަތީޖާއަކާށް ވީ ޖެހިގެން އައި ދުވަހު އަޅުގަނޑުގެ ރައްޓެހި މީހާ ހޯދަން އެގެއަށް ދިޔައިރު އެއްކަލަ ކުޑަކުއްޖާ އޭނަގެ ބައްޕައާއި މުހާތަބް ކުރަނީ އެއްކަލަ މީހާ އޭނަގެ ބައްޕައަށް ބޭނުންކުރި ނަމެވެ.
މުޖުތަމަޢުގެ ތެރޭ ހިންގާބިނގާވެ އުޅޭއިރު މިފަދަ ޢަމަލުތަކުން ތިމާ ދުރުހެލިވާންޖެހެއެވެ. ހަޑިހުތުރު ބަހުން ކުޑަކުދިންނާއި މުހާތަބް ކުރުމުން ދެން އޭގެ ނުރަނގަޅު އަސަރު އެކުދިންނަށް ކުރާނެކަން ހަމަ ކޮންމެ މިހަކަށްވެސް ކަޑައެޅިގެން އެނގޭއިރުވެސް މި އާދަ ތަށް ދޫނުކުރަނީ ކީއްވެބާއެވެ. މިކަމާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލަނީ ހޭލުންތެރިކަން ކުޑަވީމަބާއެވެ. ހަމަ އަޑުހަރުކޮށް މުޅިއަވަށަށް އަޑުއިވޭވަރަށް ދަރިންނާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރާއިރު ޖެހިގެން ހުންނަގޭގައި އިންނަ ތުއްތުކުއަޖާއަށްވެސް މިއަޑުއިވެއެވެ. އަދި މިއަޑުތަކަށް މިކުއްޖާވެސް ހޭނި އެކުއްޖާގެ ސުލޫކަށްވެސް މިކަމުގެ ނުރަނގަޅު އަސަރު ކުރެއެވެ. ޒުވާނުންގެ ތެރޭގައިވެސް މި އަމަލު ހިންގާ މީހުންނެއް މަދެއްނޫނެވެ. އޭ ޒުވާނުންނޭވެ، މާދަމާ މި މުޖުތަމަޢުތެރެއަށް ނިކުންނަން ތިބީ ހަމަ ތި ޒުވާނުންގެ ދަރިންނެވެ. ދެރަކަމެއް ނުވަނޭދެވޭ ޢަމަލެއް ނުވަތަ ހިތާމަކުރަންޖެހޭ ކަމެއް ތިމާގެ ދަރިފުޅުގެ ފުށުން ވާން ބޭނުންނުވާނަމަ މިފަދަ ކަންކަމުން ހުރިހާއެންމެންވެސް ރައްކާތެރިވާން ޖެހެއެވެ. ތިމާގެ ދަރިއެއް އަދި ނެތަތީވެ މިއަދުގެ މިތިބި އެހެންމީހުންގެ ތުއްތުކުދިން ސަލާމަތްނުކުރާހިނދަކު ތިބާގެ ދަރިވެސް ސަލާމަތް ނުވާނެކަން މީ ދެބަސްވެވެންނެތް ހަޤީގަތެކެވެ. އެއީ ތިމާގެ މީހަކުގެ ދަރިޔަކަށް ވިޔަސް ދުރުހިލޭ މިހަކުގެ ދަރިޔަކަށްވިޔަސް ތިމާގެ ދުލުގެ ނުބައިކަމުންނާއި ތިމާގެ ޢަމަލުގެ ނުބައިކަމުން އެކުދިން ސަލާމަތް ކުރާށެވެ. އަޅުގަނޑުގެ މި ވިސްނުން ތީގެތެރެއިން ހަމަ ކޮންމެ ޒުވާނަކުވެސް އަދި ވިސްނަންޖެހޭނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫނެވެ. ތިބާގެ ދަރިންގެ ނަމޫނާއަކަށް ތިބާ ނުވާހާ ހިނދަކު ތިބާގެ ދަރި ތިބާ އަށް ހޭހަން ނުކުރެވޭހުއްޓެވެ. ބަންގި ގޮވީމާ ބައްޕަ ސައަކަލުގަ ނޫނީ ބައިސްކަލުގައި ކޮފީއަށް ނައްޓާލަމުން ނޫނީ މަންމަ ވިންނަން އެއިންނަ ފަންގަނޑު މަތީ އިނދެ ދަރިފުޅާ ނާމާދަށް ދާށޭ ކިޔާ ކިތަންމެވަރަކަށް ހަޅޭލެވިޔަސް އެކުއްޖާގެ ޒަމީރު އެއީ ހަމަ އެހާ މުހިންމު ކަމެއްކަމަށް ޤަބޫލުކުރާނެބާއެވެ. އަދި އެއީ ހުސްއެކަނި އެކުއްޖާ ކުރަން ޖެހޭއެއްޗެއްކަމަށް ޤަބޫލުކުރާނެބާއެވެ. ފަހަރެއްގައި މަންމަ ނުވަތަ ބައްޕަދެކެ ބިރުން ގޮސް އެއްފަހަރު މިސްކިތައް އަރާފާނެއެވެ. އެކަމަކު އެކުއްޖާ ހެދިބޮޑުވަމުން ދިޔަވަރަކަށް އެކުއްޖާއަށް ގިނައެއްޗިހިފެނި ގިނަކަންތައްތްއް ދަސްވާ ފެށީމާ އެއްކަލަ ބައްޕަ އަށް ރައްޓެހިންނާއިއެކު ކޮފީ މަންމައަށް ފަންގަނޑު މުހިންމުވާގޮތަށް އެކުއްޖާއަށްވެސް ކޮންމެވެސް ހިތްއެދޭ އެހެންކަމަކާއި ދިމާލަށް އެނބުރެވެއެވެ. ދެން އިތުރަށް ކިޔަނެ އެއްޗެއް އޮންނާނެތޯއެވެ. ކުޑަކުދިންނަށް ކޮންމެކަމަކަށްވެސް ސަބަބެއް މުހިންމުވާހިނދު މިކަމުގާ ދައްކާނެ ސަބަބެއް ކޮބާހެއްޔެވެ. ހުސްއެކަނި ސުކޫލުން ދެވޭ ފިލާވަޅު އޮބާބަހައްޓައިގެން އެކުއްޖާ ލައްވާ ހެދުވިޔަކަސް އެވަރުން ފަރަކު ނުޖެހޭނެއެވެ. ގޭތެރޭގެ މާހައުލުންވެސް އެކުއްޖާއަށް ނަމޫނާ ދައްކާށެވެ. ކުޑަކުދިން ތިބޭ ތަންތާނގައި ހަޑިހުތުރުބަހުން ބޮޑުމީހަކާވިޔަސް މުޢާމަލާތް ނުކުރާށެވެ. ސުވާލުވެވޭ ދުވަހަށްޓަކައި ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާށެވެ.
0 ޚިޔާލު: on "ދަރިންނާއި މެދު ފަރުވާތެރިވާށެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ