Wednesday, June 23, 2010

ހަމައެކަނި، ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަން އޮތީ އެންމެ ފަރާތެއް




ލަންދޫ ކުރިއެރުވުމަށް މަސައްކަތް ކުރުމީ ލަންދޫގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ. އެއީ ލަންދޫގެ އުމްރާނީ ތަރައްޤީ ވިޔަސްމެއެވެ. އިޖްތިމާއީ ތަރައްޤީ ވިޔަސްމެއެވެ. ލަންދޫގެ ކުޅިވަރު ތަރައްޤީކުރުމުގައި ވިޔަސް މެއެވެ. ނުވަތަ ހަމައެކަނި ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމުގައި ވިޔަސްމެއެވެ.
މިޒިންމާ ފަރުދީ ގޮތުންނާއި ޖަމާއަތުގެ ގޮތުން ފުރިހަމައަށް އަދާކުރަން ޖެހެއެވެ. އަދާކުރެވޭތޯ މަސައްކަތްކުރަން ޖެހެއެވެ. މިކަންކަމުގައި އިސްނަގާނީ ކޮންބައެއްތޯއެވެ؟ މިއީވެސް ސުވާލެކެވެ.
މިކަންކަމަށް އިސްނަގަން ލަންދޫގެ ކޮންމެ ފަރުދަކުވެސް ރަނގަޅުވާނެއެވެ. ޚާއްޞަގޮތެއްގައި ވަކި ކަމަކަށް މަސައްކަތްކުރާކަން އިއުލާންކޮށް، ސީދާ އެކަމަކަށް މަސައްކަތް ފަށާފައިވާ މީހުން އެކަމެއްގައި އިސްނަގައި މުޙިންމު ދައުރެއް އަދާކުރުން އައުލާކަން ބޮޑެވެ.
ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީއަކީ ވަކިކަމެއް ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެއް ނޫނެވެ. ކަންތައްތަކެއް ކޮށް، ފުޅާ ދާއިރާއެއްގައި ޖުމްލަ ގޮތެއްގައި ކަންތައްތަކެއް ކޮށްދެވޭތޯ ނުވަތަ ފުރުޞަތުތަކެއް ހޯދައިދެވޭތޯ މަސައްކަތް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ޖަމްއިއްޔާއެކެވެ. ކުޅިވަރަކީ މީގެތެރެއިން ބައެކެވެ. ފުޓްބޯޅަ އަކީ ކުޅިވަރުގެ ތެރެއިންވެސް ބައެކެވެ. ކޭކް ފޮތި ބައިބަޔަށް ބަހާ ނިމޭއިރު ހަޤީޤަތުގައި ފުޓްބޯޅައަށް އޮންނަ ބައި ވަރަށް ކުޑަވާނެއެވެ. ބޮޑު މަންޒަރަކީ މިއީއެވެ. މިމަންޒަރު ކުރައްސަވާ ބައްލަވާށެވެ.
ހަޤީޤަތުގައި ފުޓްބޯޅައަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ ބޮޑަށް ވޭތުވެދިޔަ ތަނުގައި ވަނީ މަސައްކަތް ކުރެވިފައެވެ. ޒުވާނުންގެ އެންމެ މަޤުބޫލު ކުޅިވަރަކީ އެއީކަމަށްވާތީ އިސްކަންދެވޭވަރު ބޮޑުވަނީއެވެ. ލިޔެސްއަކީ ފުޓްބޯޅަ ކްލަބަކަށް ނުވާތީ ޒުވާނުން އެދޭހާ ވަރަށް އެރޮނގުން މަސައްކަތް ކޮށްނުދެވޭކަމަށް ޤަބޫލުކުރުމީ ލިޔެސްގެ ފަސްބައިގައި ޖެހޭ ކިލަނބުކަމެއް ނޫނެނެވެ. ލިޔެސްގެ ހަރަކާތްތައް މިހިންގަނީ މެމްބަރުންގެ ޖީބުން ޗަންދާ ނެގުމަކާ ނުލައެވެ. ރާއްޖޭގެ ގިނަ ޖަމްއިއްޔާތައް ހިންގަމުންދަނީ ކޮންމެ މަހަކު މެމްބަރުންގެ އަތުން ޗަންދާއެއް ނަގައިގެންނެވެ. މިހާލަތުގައި ލިޔެސްއިން ފުޓްބޯޅައަށްދޭ ސަމާލުކަން ކުޑައެއް ނޫނެވެ. ހަޤީޤީ ބޮޑު މަންޒަރަކީ ސީދާ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ފެށި ފަރާތްތަކުގެ މަސައްކަތް ނުފެނުމެވެ.
މުޅި ޤައުމަށް ޢާންމުކޮށް އިއުލާން ކޮށްގެން ސީދާ ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ފެށި ފަރާތްތަކުގެ ދައުރު ކުޑަވުމެވެ. އެންމެ ކުޑަމިނުން ލަންދޫގެ ފުޓްބޯޅައިގެ ދެފުށް ފެންނަ މައުލޫމާތު ގެނެސްދިނުމުގައިވެސް އިހުމާލުވުމެވެ. ލިޔެސްއިން އިންތިޒާމްކޮށްގެން ރާވާ މެޗްތަކުގައިވެސް ހައްޤު ކްރެޑިޓް ނުދިނުމެވެ. ކްރެޑިޓް ދޭނަމަވެސް ދެނީ ޒައްރެއްގެ މިންވަރެވެ. " ލިޔެސްގެ ނަމުގައި" މިފަދަ އިބާރާތްތަކުންނެވެ. މައްސަލައެއް ނޫނެވެ. އެފަދަ މީހުންނަށް ފެންނަ ބޮޑު މަންޒަރަކީ އެއީކަމަށް ވެދާނެއެވެ.
ނަމަވެސް ހިތާމައަކީ ސީދާ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރަން ފާޅުގައި ނިކުއިން މީހުންގެ އިސްނެގުމުގެ މަތީން އެވިދާޅުވާފަދަ ކޭމްޕްތައް ނުބޭއްވޭތީއެވެ. ޤަވާއިދުން ކުޅެންދާ ކުދިން ބޭނުންކޮށްގެން، ރުއްސަވާ މީހުންނާއި ނުރުއްސަވާ މީހުން ހަމަހަމަވާ ގޮތަށް ލަންދޫގެ މުސްކުޅި ފޯމޭޝަން ބަދަލުކޮށްގެން މެޗްތަކެއް ނުކުޅޭތީއެވެ. ނުވަތަ އެކަމަށް އިސްނަގައި ލަންދޫ ރައްޔިތުންގެ ބައިވެރިވުން ހޯދަން ނޫޅޭތީއެވެ. ޅޮހީ ދަތުރުކުރި މަގުން ދަތުރުކުރުމަށް އިސްނަގަން ނުކެރޭތީއެވެ. ހަމައެކަނި ރަށުގައި އޮތް މަދަނީ ޖަމްއިއްޔާއަށް ފާޑުކިޔަމުން ދުވާތީއެވެ. ރަށުގައި ހުރި މުޙިންމު މައްސަލަތައް ކަމަށްވާ ބޭހުގެ އަގާއި، މުޙިންމު ބޭސްތައް ބޭސް ފިހާރައިން ނުލިބުމާއި، ބޭސްތައް ހުންނަން ޖެހޭ ފިނިހޫނުމިނުގައި ނުހުރުން ފަދަ ކަންކަމަށް ފާޑުކިޔަން ޖެހިލުންވާތީއެވެ.
ފަހަރެއްގައިވެސް ފުޓްބޯޅައިގެ ތާރީޚް އޮޅުވާލައި، މެޗްތަކުގެ މޮޅު ކުޅުންތެރިޔާ ހޮވުމުން ފުދުނީއެއް ނޫނެވެ.
ލަންދޫގެ ފުޓްބޯޅަ ޓީމް ކީއްކުރަން ތޯއެވެ. އެހެން ޓީމެއްވެސް ޕްރެކްޓިސް މެޗަކުންވެސް ބަލިވާކަށް ނޭދޭނެއެވެ. ނަމަވެސް ދުނިޔޭގެ ބޮޑަތި ބާރުތަކަށް ބޮޑަތި މުބާރާތްތަކުގައި ވާގޮތްވެސް ލޮލު ކުރިމަތީގައި މިދަނީ ފެންނަމުންނެވެ.
ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ނ.އަތޮޅުގެ ޗެމްޕިއަން ޓީމަކީ މިވަގުތުވެސް ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީ، ލިޔެސް ކަމެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ހަމައެކަނި، ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަން އޮތީ އެންމެ ފަރާތެއް"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ