
ދެކުނު އެފްރިކާގައި ކުރިއަށްދާ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ދިހަ ކުޅުންތެރިންގެ ނަން ފީފާއިން އިއްޔެ އިއުލާންކޮށްފި އެވެ.
ދިހަ ކުޅުންތެރިންގެ ލިސްޓުގައި، މާދަމާ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާނެ ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ސްޕެއިންގެ އަންދުރެސް އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް އަދި ރަންބޫޓަށް ވެސް ވާދަކުރާ ފޯވަޑް ޑޭވިޑް ވިޔާ އާއި ހޮލެންޑްގެ އާޔެން ރޮބެން އާއި ރަންބޫޓަށް ވާދަކުރާ މިޑްފީލްޑަރު ވެސްލީ ޝްނައިޑާ އެވެ. ވިޔާ އާއި ޝްނައިޑާ ވެސް ވަނީ މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފަ އެވެ. ޒަވީ އަކީ 2008 ވަނަ އަހަރު އޮތް ޔޫރޯގެ ޗެމްޕިއަންކަން ސްޕެއިން ހޯދިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ.
މީގެ އިތުރުން ގަދަ ދިހަ ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދީ ސެމީ ފައިނަލުގައި ހޮލެންޑް އަތުން ބަލިވި އުރުގުއޭގެ ފޯވަޑް ޑިއޭގޯ ފޯލާން އާއި ކުއާޓާ ފައިނަލުން ކެޓި ގާނާގެ އަސަމޯއާ ޖިއާން އާއި ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވި ޖަރުމަނުގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ އާއި މެސުޓް އޮޒިލް އާއި އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ.
މި މަގާމަށް ހޮވޭ ކުޅުންތެރިޔާގެ ނަން އިއުލާންކުރާނީ މާދަމާ މިރޭ ކުޅޭ ފައިނަލް މެޗަށް ފަހު އެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރާންސްގެ ޒައިނުއްދީން ޒިދާނެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންނަކީ ޖަރުމަނުގެ ތޯމަސް މުލާ އާއި ދެވަނަ ބުރުން ކެޓި މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންޓޮސް އަދި ގާނާގެ އަންދުރޭ އަޔޫ އެވެ. މި މަގާމު ވާދަކުރާ ތިން ކުޅުންތެރިންގެ ތެރެއިން ފޭވަރިޓަކީ މުލާ އެވެ. އޭނާ ވަނީ މުބާރާތުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.
0 ޚިޔާލު: on "ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ކާކަށްބާ؟"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ