
ރަމަޟާން މަހަކީ މައްސަރުތަކުގެ ތެރެއިން މާތް ކުރައްވާފައިވާ މަހެކެވެ. އެމަހުގައި ކީރިތި ޤުރުއާން ބާވައި ލެއްވިއެވެ. އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގެ ރޭއަޅުކަން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެމަހުގައި ކުރެވޭ ކޮންމެ ހެޔޮ ކަމެއްގެ ޘަވާބު އިތުރު ކުރެއްވިއެވެ.
އަދި އެމަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތެވެ. މެދުތެރޭގައި ވަނީ ﷲ ގެ ފުއްސެވުމެވެ. ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތި ކުރެއްވުމެވެ. އެމަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އެމަހުގައި ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ކުރިއަރާ ދާށެވެ. އަދި ނުބައި ކަމަށް އެދޭ މީހާއެވެ. ދޫކޮށްލާށެވެ. ނަރަކައިން މުއްތި ކުރެއްވުން ﷲ ތަޢާލާއަށް ވެއެވެ.
އަދި އެފައިން ކޮންމެ ރެއަކު ގޮވާލައްވާނެއެވެ. އާދެ! މިހުރިހާ ކަމަކަށްވުރެ ރޭއަޅުކަން ކުރާ މީހުނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އަޅަމެންގެ ވެރި ގަދަ ކީރިތިވަންތަ ރަސްކަލާނގެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން ވަޙީކުރެއްވުމެވެ. [ތިމަން ރަސްކަލާނގެއަށް ދުޢާ ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ އިޖާބަ ކުރެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދި ސުވާލު ކުރަނީ ކާކު ހެއްޔެވެ؟ ފަހެ އޭނާ އެދޭ ކަންތައް އޭނާއަށް ދެއްވުމަށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ ފަހެ އެމީހަކަށް ތިމަން ރަސްކަލާނގެ ފުއްސެވުމަަށެވެ.]
0 ޚިޔާލު: on "ރަމަޟާން މަހުގެ ކުރީކޮޅުގައި ވަނީ ﷲ ގެ ރަޙްމަތް"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ