
ރޯދަމަހަކީ ދިވެހިންގެ ކެއުމުގެ އާދަތަކަށް ވަރަށް ބޮޑު ބަދަލެއް ގެންނަ މަހެކެވެ. ސުފުރާމަތި އާދަޔާ ހިލާފަށް މުއްސަނދި މަހެކެވެ. ގިނަ މީހުން އިސްކަންދެނީ އަނގަޔަށް މީރު ކާ ތަކެއްޗަށެވެ. ސިއްހީ ގޮތުން ހަށިގަނޑަށް ފައިދާހުރި އެއްޗަކަށް ނުބަލައި، ރޯދަ ވީއްލާ ވަގުތު އަވަހަށް ބަނޑު ފުރާލުމަށް ގިނަ މީހުން ތިބެނީ އާދަވެފަ އެވެ.
ރޯދަމަހުގެ ގިނަ ވަގުތަކީ ހައި ބަނޑަށް ހުންނަ ވަގުތުތަކަކަށް ވުމުން، ކާ މަދު ވަގުތުކޮޅު ކެއުމުގެ އާދަތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެ އެވެ. ދިވެހިންގެ ކެއުން ބުއިމުގެ އާދަ ހުންނަ ގޮތުން ސަރުބީ އާއި ހަކުރާއި ލޮނުގެ ބާވަތްތައް ކާން ޖެހުނަސް މާ ބޮޑު ކަންބޮޑުވުމެއް ނުހުރެ އެވެ. މި ބާވަތްތަކަކީ މާގިނައިން ހަށިގަނޑަށް އެތެރެވެއްޖެ ނަމަ ގެއްލުމާ ކުރިމަތިވާ ބާވަތްތަކެކެވެ.
ނަމަވެސް ރޯދަ މަހު އެންމެ ގިނައިން ކަނީ ސަރުބީ ހުންނަ ބާވަތްތަކާއި ފޮނި ކާތަކެއްޗާއި ބުއިންތަކެވެ. އަދި ލޮނު ހުންނަ ތަކެއްޗާއި ކުޅި ތަކެއްޗެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ތެޔޮ ހުންނަ ބާވަތްތަކާއި ކުޅި ކާއެއްޗެހި މާ ގިނައިން ބޭނުންކުރުމަކީ ގޭހުގެ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. ލޮނު ހުންނަ ބާވަތްތައް މާ ގިނައިން ކެއުމަކީ ވެސް ސިއްހީ ގޮތުން ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް ހަކުރުގެ މައްސަލަ ހުންނަ މީހުންނެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހަށިގަނޑުގައި ލޮނު ގިނަވުމުގެ ސަބަބުން، ސޯޑިއަމް ފުނިޖެހި، މައްސަލަތައް ކުރިމަތިވެ އެވެ. ހިތުގެ ބައްޔާއި ކިޑްނީ އަދި ލޭ މައްޗަށް ދާ މީހުންނަށް މިއީ އިންޒާރެކެވެ. އަދި ހަށިގަނޑުގައި ސޯޑިއަމް ގިނަވުމަކީ އެފަދަ ބަލިތަކާ މީހާ ކައިރިކޮށްދޭނެ ކަމެކެވެ. އެހެންވުމުން މިއީ ހާއްސަކޮށް ރޯދަ މަހު ސަމާލުކަންދޭން ޖެހޭ ކަމެކެވެ.
ރޯދަ މަހަކީ ފޮނި އެއްޗެހި ވެސް މާގިނައިން ކެވޭ މަހެކެވެ. އަދި ރޯދަ ވީއްލުމަށް ފަހު ހާރު ކެއުމާ ދޭތެރޭގައި ދޭތެރެދޭތެރެއިން ވައްތަރުވައްތަރުގެ ފަނި ބޮއެވެ. މިއީ ވެސް ސަމާލުކަންދޭން ޖެހޭ ކަމެކެވެ.
0 ޚިޔާލު: on "ބަންގި ގޮވާއިރަށް ކައިގަނެ ބުރާންތިވާ މީހުން އަދިވެސް އެބައުޅެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ