
ބޮޑުވަމުން އަންނަ ދަރިފުޅު އަލަށް ކަމެއްކުރާ ކޮންމެ ދުވަހަކީ ވެސް ވަރަށް ޚާއްސަ ދުވަހެކެވެ. ދަރިފުޅުގެ ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުތަކުގެ އިތުރުން ދަރިފުޅުގެ ޢަމަލުތަކާއި ވިސްނުން ބޮޑެތިމީހުންނާއި އެއްގޮތްވާން ފެށުމުގެ ފުރަތަމަ މަރުޙަލާއަކީ، ބޮޑެތިކުދިންނަށް ޚާއްސަކަންކަން ދަރިފުޅު ކުރަންފެށުމެވެ. މިގޮތުން ރަމަޟާންމަހުގެ ރޯދަ ފުރަތަމަ ފަހަރަށް ހިފަންފަށާ ދުވަހަކީ ވެސް ވަރަށް ޚާއްސަ ދުވަހެކެވެ.
އެންމެ ފުރަތަމަ ދަރިފުޅު ރޯދައަށް ބަހައްޓަންވާނީ، އެއީ މަޖުބޫރުން ކުރުވާ ކަމަކަށް ނުހަދާ ދަރިފުޅުގެ ހިތްވަރު ގަދަ ކަމާއި މޮޅުކަން ނުވަތަ ބޮޑުކަން ހާމަކޮށްދިނުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައެވެ. މީގެ ބަދަލުގައި “ މާދަމާގެ އިރު އޮއްސުމުގެ ކުރިން އެއްވެސް އެއްޗެއް ނުކެވޭނެޔޭ “ ބުނުމުން ކުޑަކުއްޖަކަށް އެވާނީ ވަރަށް ގިނަ ވަގުތު ތަކަކަށެވެ. ފުރަތަމަ ރޯދަހިފަން ދަރިފުޅު މަސައްކަތްކުރާ ދުވަހު އެރޯދަ ފުރިހަމަ އަށް ނުހިފި ހިނގައިދާނެއެވެ. ދަރިފުޅަށް ހިތްވަރުދީގެން ދެވަނަ ދުވަހު އެއަށްވުރެ ގިނަވަގުތު ރޯދައަށް ބެހެއްޓޭތޯ ބަލާށެވެ. ރޯދަ ހިފުމަށް ދަރިފުޅުގެ ހިތްޖެއްސުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަލަށް ރޯދަ ހިފާ ކުއްޖަކީ ކޮންމެ ދުވަހަކު ރޯދައަށް ހުރެވޭ ކުއްޖަކަށް ނުވެ ދާނެއެވެ. ވަރުބަލި ކަމަށް ވާނަމަ މަންމަމެން ގާތުބުނުމަށް ހަނދާން ކޮށްދޭށެވެ. އަދި ރޯދަ ދޫކޮށްލަން އެދެފިނަމަވެސް އިތުރަށް ހިތްވަރުދީގެން ބެހެއްޓޭތޯ ބަލާށެވެ. ދަރިފުޅުގެ ސިއްހަތު އެންމެ ރަގަޅަށް އެނގޭނީ މައިންބަފައިންނަށެވެ. އެހެންކަމުން ދަރިފުޅަށް ރޯދައަށް ނުހުރެވޭނަމަ ރޯދަދޫކޮށްލަން ހުއްދަދޭށެވެ. ނަމަވެސް ފަހުން އެކަމަށް މާލާމަތްކޮށް ކުއްޖާ ދެރަވާ ގޮތަށް ކަންތައް ނުކުރާށެވެ. ނަމަވެސް ދަރިފުޅު ރޯދަދޫކޮށްލިކަން އެއީ ދަރިފުޅު ކުރި ދެރަކަމެއްކަން ވާހަކައިން އަންގައިދޭށެވެ. ދަރިފުޅު ކާންބޭނުންވާފަދަ މެޓާ ޗޮކްލެޓް ދަރިފުޅަށް ފެންނަ ހިސާބުގައި ނުބަހައްޓާށެވެ.
ދަރިފުޅު ފުރަތަމަ ރޯދައަށް ހުންނަދުވަހަކީ ވަރަށް ޚާއްސަދުވަހަކަށް ހަދާށެވެ. މިކަމުގެ މުނާސަތުގައި ރޯދައަށް ހުންނަ ދުވަހުގެ ކުރީ ރޭވެސް ދަރިފުޅަށް މީރު އަދި ގިނައިން ކެވޭ އެއްޗެއް ތައްޔާރު ކުރާށެވެ. އަދި އެއީ ޚާއްސަކޮށް ދަރިފުޅު ރޯދައަށް ހުންނާތީ ތައްޔާރު ކުރި އެއްޗެތިކަމުގައި ބުނެދޭށެވެ. އަދި ރޯދަ ވީއްލުމަށް ވެސް ދަރިފުޅު ހިތްހަމަޖެހިގެންކާ އެއްޗެއް ހަދާށެވެ. އަދި ދަރިފުޅުގެ ރައްޓެހި ކުދިން ނުވަތަ ގާތް އާއިލީކުދިންނަށް ރޯދަ ވީއްލުމަށް ދަޢުވަތު ދޭށެވެ. ނުވަތަ ގާތް އެހެން ގެއަކަށް ދަރިފުޅު ރޯދަ ވީއްލަން ގެންދާށެވެ. ދަރިފުޅުގެ ހިތްވަރަށް ތަޢުރީފްކޮށް އެކުއްޖާގެ އަމިއްލަ ނަފުސަށްކުރާ އިތުބާރު ބޮޑު ކުރުވާށެވެ. މިދުވަސް ފާހަގަ ކުރުމަށްޓަކައި ގޭ އެންމެން އެކުގައި ފޮޓޯނެގުން ފަދަ ކަމެއްކުރާށެވެ. ނުވަތަ އެދުވަސް ހަނދާންހުންނާނެ ފަދަ ހަދިޔާއެއް ދޭށެވެ.
ރޯދައަށް ހުރުމަކީ ކިހާ މުހިއްމު ކަމެއްކަން އަންގައިދިނުމަށްޓަކައި، ރޯދަ ވީއްލާވުގުތު ރޯދަ ވެރިން ގާތުގައި ދަރިފުޅު ބައިންދާށެވެ. އަދި ދަރިފުޅު ފުރިހަމަކުރި މުހިއްމު އަދި ބޮޑުއަޅުކަން އާއިލާގެ އެހެން މީހުންގެ ކުރިމަތީގައި ފާހަގަ ކުރާށެވެ. ދަރިފުޅު ރޯދައަށް ހުރުމަށް ހިތްވަރު ދިނުމަށްޓަކައި ރޯދައަށް ހުންނަކޮންމެ ދުވަހަކަށް އެލަވަންސެއް ދެވިދާނެއެވެ. ނަމަވެސް ބޮޑުވަމުން ދާވަރަކަށް މި އެލަވަންސްކުޑަކޮށް އަދި ރޯދައަކީ އެއްޗެއްހޯދުމުގެ ބަދަލުގައި އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެއްކަން ވިސްނައިދޭށެވެ. އަދި މިއީ ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ރުކުނެއްކަމާއި ކޮންމެ މުސްލިމްކުއްޖެއްގެ މައްޗަށް ވާޖިބް ކަމެއްކަން ވިސްނައިދޭށެވެ.
0 ޚިޔާލު: on "އެންމެ ފުރަތަމަ ދަރިފުޅު ރޯދައަށް ބަހައްޓަންވާނީ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ