Sunday, August 29, 2010

އަހަރެން އެކަން ހުއްޓާލީ އޭނާ އެއްޗެހިކިޔާތީ . . . ؟




ލިޔުނީ : ޢަލީ ޒިޔާދު
އަޅުގަނޑުގެ ލިޔުމެއް ހެޑްލައިންސްއަށް ފުރަތަމަ ފަހަރު ޝާއިޢު ކުރެވޭއިރު، އަޅުގަނޑު ބޭނުންވަނީ ޙަޤީޤީ ޙާދިސާއެއް ހިމަނާލާށެވެ. އެގޮތުން މިއީ ހުދު މިރަށުގައި ހިނގި ހަޤީޤީ ހާދިސާއެކެވެ. އެހެންނަމަވެސް މިވާހަކަ އަޅުގަނޑު މި ހިމަނާލަނީ ބަދަލުތަކާއި އެކުއެވެ. ބަދަލަކަށް މިގެންނަނީ ހަމައެކަނި އެ މީހުންގެ ނަމަށެވެ. ކުރިއަށްވަޑައިގަންނަވާށެވެ.
ނަން ހާމަކުރަން ބޭނުންނުވާ، އަހަރެންވެސް އައީ ރޯދަ ވީއްލުމަށް މިސްކިތަށް، އެކަމަކު އެދުވަހަކު މިސްކިތުގައި ރޯދަ ވީއްލާނެ އެއްވެސް ބާވަތެއްގެ އެއްޗެއްނެތް، އެންމެ ކުޑަވެގެން ބޯލާނެ ފެންފޮދެއްހާ ހިސާބުވެސް ނެތެވެ. އަހަރެން އެދުވަހު މިސްކިތަށް އައީ އެހެންޏާވެސް މިސްކިތުގައި ރޯދަ ވީއްލުމަށް ބައެއްމީހުން ކަދުރު ފަދަ ތަކެތި ގެންނާތީވެއެވެ. ކުރިން އެކަންކޮށް އުޅުނު އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށްނެތެވެ.
ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި މި ބުނާ މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިސްކިތަށް އަތުވެއްޖެއެވެ. އެއީ ޢަލިބެ ( އަސްލުނަމެއް ނޫން ) އެވެ. އޭނާ އައުމާއި އެކު، ޖެހިގެން ހުރިމީހާ މިކަންމިހެން މިވީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ޖަވާބު ދިނެވެ. " އަހަރެން ތިކަން މިހާރު ނުކުރަނީ، މިރަށު ސަމަދުބެ ( އަސްލުނަމެއް ނޫން ) އެއްޗެހި ކިޔާވަރުންނެވެ. ދިމާ ކުރާ ވަރުންނެވެ. " އެތާ ތިބި މީހުންވެސް މީނާގެ މިވާހަކަ ހުރި ގޮތުން ހަމަހިމޭންވެގެން ދިޔައެވެ. ހެޔޮދަރުމަޔާއި ޘަވާބަށް އެދިގެން ކުރަމުން އައިކަމެއް އެންމެ މީހެއްގެ ނުރުހުމުގެ ބަހަކަށް ހުއްޓާލަން ހެޔޮވެދާނެ ހެއްޔެވެ؟ ފަހަރުގައި އެކަމުގައި ހުރި ހެޔޮދަރުމަޔާއި ޘަވާބު އޭނާއަށް ނޭންގި އޭނާ ކުރީގާ އެކަން ކުރީއެވެ.
ޢަލިބެ އާއި އެ ސުވާލު ކޮށްނިމުނު ތަނާހެން އިދުރީސް ( އަސްލުނަމެއްނޫން ) މިސްކިތަށް އައެވެ. އައުމުން ހަމަ އެސުވާލު ކުރިމަތި ކުރުވިއެވެ. އިދުރީސްގެ ޖަވާބަކަށް ވީ، ޢަލިބެ ނުކުރާ ކަމެއް އަހަރެންވެސް ނުކުރާނެ ކަމަށެވެ. ސުބުޙާނަﷲ، މިހުރީ މި މީހުންގެ ކަންތައްތައް ހުންނަ ގޮތެވެ. ދެން އަނެއް މީހާ އައުމުންވެސް ހަމަ އެސުވާލު ކުރިމަތި ކުރުވިއެވެ. ލިބުނީ ހަމަ އިދުރީސް ދިން ޖަވާބެއެވެ. މި މީހުން މި ބުނާ ގޮތުން ވިއްޔާ، އެމީހުން ކަންމިކުރަނީ، މިދުނިޔޭގައި ތާކުން ތާކުން ނުޖެހޭ، މީހުން ކަންކުރާ ގޮތަށެވެ. އަހަރެމެނަށް އޮތީކީ ޢަލިބެ އުޅޭހާ ގޮތަކަށް އުޅުމަށް ޢަމުރުވެވިފަކާ ނޫނެވެ. އަދި މީހަކު ނުރުހުން ފާޅު ކުރާއިރަށް އަޅުކަންތައްތައް ދޫކޮށްލާކަށެއްވެސް ނޫނެވެ.
އޭބަލަ މޮޔައިންނެވެ. ކަލޭމެން ތިން މީހުންގެ ކަންތައް އެންމެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ހަތްވަނަ އުޑުގައި ވޮޑިގެންވެއެވެ. ކަލޭމެން ހެޔޮކަންތައްތައް ކުރަންވީކީ، ބަޔަކުގެ ރުހުން ހޯދާކަށެއް ނޫނެވެ. އާޚިރަތުގައި އެކަމާއި މެދު ސުވާލު ވެވޭނެކަން ހަނދުމަ ބަހަށްޓާ، ތިބާގެ ހެޔޮކަންތައްތައް ކުރުން ގިނަކޮށް، ރުހުނަސް ނުރުހުނަސް، އެގޮތުގައި އެއީ ރަނގަޅުގޮތެއްނަމަ ދެމިހުންނާށެވެ. ޔާ ﷲ، އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން.














Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "އަހަރެން އެކަން ހުއްޓާލީ އޭނާ އެއްޗެހިކިޔާތީ . . . ؟"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ