
މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ ހަޔާތުގައި އައި އެހެން ރަމަޟާންމަސްތަކާ ތަފާތު މަހެއްގެ ގޮތުގައެވެ. މި ރަމަޟާންމަސް ފެށުމާއެކު އެހެން އަހަރުތަކެއްގެ ރަމަޟާންމަސްތަކެކޭ އެއްފަދައިން މިސްކިތްތައް ފުރި ތޮއްޖެހުނެވެ. މިއަހަރުގެ ތަފާތަކީ އެހެން އަހަރުތަކެކޭ އެއްފަދައިން މަހުގެ ފަހުކޮޅަށްގޮސް މިސްކިތްތަކުން މީހުން ފެނުނެވެ. ޖަމާޢަތުގައި ދަމުނަމާދުކުރުމާއި ބައެއް މިސްކިތްތަކުގައި އިއުތިކާފަށް ތިބުން ސަރުކާރުން ހުޅުވާލިއެވެ.
ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް ދީނީ ސުވާލު ޖަވާބުދެއްވާ ފޯރަމަކަށް ހެއްދެވިއެވެ. ދީނީ ނަސޭހަތް އާންމުކޮށް ދެއްވިއެވެ. ޓީވީއާއި ރޭޑިޔޯ ޗެނަލުތަކުން ދީނީ ޢިލުމުވެރިންގެ ނަސޭހަތް މެދުނުކެޑި ފޮނުވިއެވެ. ދީނީ ގޮތުން ނޭނގޭ އެތައް މަޢުލޫމާތެއް ދީނީ ޢިލުމުވެރިން ސާފުކޮށް ދެއްވިއެވެ. ބޭނުން ސުވާލެއްކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ބައެއް ރޭޑިޔޯ ޗެނަލްތަކުންނާއި ޓީވީ ޗެނަލުތަކުން އާންމުކޮށް ހުޅުވާލިއެވެ. ޖުމުލަ ގޮތެއްގައި ދަންނަވާނަމަ މި ރަމަޟާންމަހަކީ ދީނީ ގޮތުން ދިވެހިންގެ ތެރޭގައި ވަރުގަދަ އޮއިވަރެއް އުފެއްދި ރޯދަމަހެކެވެ.
ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. އަޅުގަނޑުމެން އަޅުކަން ކުރަނީ ރަމަޟާންމަހަކަށް ނޫނެވެ. ﷲ ތަޢާލާއަށެވެ. އެހެންކަމުން ރަމަޟާންމަސް ފާއިތުވެ ދިޔަނަމަވެސް ނަމާދުކުރުމާއި ދީނުގެ ކަންތައްތަކަށް ދޫނުކޮށް ކުރިއަށް ގެންދަންޖެހެއެވެ. ސައްވާލުމަހުގެ ހަރޯދަ ހިފުމަކީ ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ. އަދިވެސް އެއްފަހަރު ލަންދޫ ހެޑްލައިންސްގެ ފަރާތުން އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް ދަންނަވަމެވެ.
އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކުބާދީ އިސްލާމީ އުންމަތަށް ފޮނުވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ބަރަކާތްތެރި ރަމަޟާންމަހަށްފަހު އަންނަ މި އުފާވެރި ޢީދުގެ އުފާ ހެޔޮގޮތުގައި ފާޅުގައި ދޭދޭ ފަރުދުންނާއި މުޖްތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެން ދިއުމަކީ އަޅުގަނޑުގެ ދުޢާއެވެ.
0 ޚިޔާލު: on "ލަންދޫ ހެޑްލައިންސްގެ ފަރާތުން އުފާވެރި ފިޠުރު ޢީދުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް ދަންނަވަން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ