Wednesday, September 15, 2010

ސްނުމެއްނެތި ކޮށްފި ކަމަކުން……




މިއަދު އަހަރެންނަކީ އެކަނިވެރިއެކެވެ. އަޅާ ލާނެ ޔާރެއް އިޔާރެއް ނެތް ނިކަމެއްޗެކެވެ. އަހަރެން މިވަނީ ދުނިޔެއަށް ގިނަވެފައެވެ. މިހެން މިވީ ހަމަ އަހަރެން އަމިއްލައަށްކުރި ނުބައި އަމަލު ތަކުގެ ސަބަބުންކަން އަހަރެން ގަބޫލު ކުރަމެވެ.
އެއީ މީގެ އެތައް އަހެރެއް ކުރިއެވެ. އަހަރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރި ކަމުން އަހަރެން ބޮޑުވަމުން އައީ މަންމައާއި ބައްޕަގެ ލޯބި ބަރާބަރަށް ލިބެމުންނެވެ. މަންމަ އާއި ބައްޕައަކީ ދީނަށް ލޯބި ކުރާ ދެމީހުން ކަމުން އެމީހުންގެ ފަރާތުން ދީނަށް ލޯބި ކުރުމާއި ރިވެތި އާދަތައް ދަސްވިއެވެ. ރިވެތި އަޚްލަގަކީ ކޮބައިކަން އެމީހުން އަހަންނަށް އުނގަނއި ދިނެވެ. ގަޑިން ގަޑިއަށް ބަރާބަރަށް ނަމާދު ކުރުމަކީ އަހަރެން އޭރު އެންމެ އިސްކަމެއްދީގެކުރާ އެއްކަންތަކެވެ. އެއްވެސް ގޮތަކުން ނަމަވެސް ނަމާދެއް ނުކޮއް ހުރެވިއްޖެ ނަމަ އަހަރެންގެ ހިތައް އެއްވެސް ވަރެއްގެ ހަމަޖެހުމެއް ނުލިބެއެވެ. ހާއްސަކޮއް މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރެވިއްޖެ ނަމަ އަހަރެންގެ ހިތައް ހުންނަނީ ނުތަނަވަސްކަން ވެރިވެފައެވެ.
ގަޑިނުޖެހި ސްކޫލަށް ދިއުމާއި ސްކޫލުންދޭ ފިލާވަޅުތައް ބަރާބަރަށް ނިންމުމާއި މިފަދަ ކަންނަމަކީވެސް އަހަރެންގެ ހަޔާތުގައި އޭރު މުހިންމު ކަންނަމެވެ. ކޮންމެ ފަހަރަކު ކުލާހުން އެއްވަނަ ހޯދަން ކުރާ ބުރަ މަސައްކަތްތައް އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަދި އެއްވަނަ ލިބުމުން މަންމައާއި ބައްޕަގެ މޫނު މަތިން އެ ފެންނަ ހިނިތުންވުން މިއަދުވެސް އަހަރެންނަށް ސިފަވާކަހަލައެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެގޮތުން މިއަދަކީ ރަށުން ލިބެން ހުރި އެންމެމަތީ ތައުލީމް އުނގެނުމަށްފަހު ރާއްޖެއިން ބޭރަށް ކިޔަވަންދާން ފުރާ ދުވަހެވެ. މިއަދަކީ އަހަރެންގެ ހަޔާތުގައި އައި އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ހިތާމަވެރި ދުވަހަކަށްވީ މައިންބަފައިންނާއި އަމިއްލަ ވަޒަންދޫކޮއް އެހެންތާކަށް ދާންޖެހޭތީއެވެ. އުފާވަނީ އިތުރަށް ކިޔެވުމުގެ ފުރުސަތު އެހެން ގައުމަކުން ނަމަވެސް ލިބުނީތީއެވެ.
ބޯޓް ފުރާގަޑި ކައިރިވުމާއި އެކީ މަންމަ އާއި ބައްޕައަށް އެންމެ ފަހުގެ ސަލާމްކުރުމަށްފަހު ބޯޓަށް އަރަން ހިނގައިގަތީމެވެ. ހިތާއި ދެކޮޅަށެވެ. އޭރުވެސް މަންމަ އާއި ބައްޕަ ކަޅިޖަހާ ނުލާ އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ. އެމީހުންގެ ލޯބިވާ ދަރިފުޅު އެމީހުންނާއި ދުރަށް ދާތީ ކުރާ ހިތާމަ އެމީހުންގެ މޫނުމަތިން ފެންނަން ހުއްޓެވެ.
މާލޭ އެއާރޕޯޓުން ބޯޓް ނައްޓާލިތާ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގައި ދާން ހަމަޖެހިފައިވާ ގައުމަށް ދެވިއްޖެއެވެ. އެއާރޕޯޓަށް ފައިބާ ވަށައިގެންވާ މާހައުލަށް އަހަރެން ބަލައިލީމެވެ. ފެންނަނީ މުޅިން ތަފާތު މާހައުލެކެވެ. އެކި ޑިޒައިންތަކަށް ހަދާފައިވާ އެކި ކުލަކުލައިގެ އިމާރާތްތަކެވެ. ތަފާތު ނަސްލުތަކުގެ މީހުންނެވެ. ހައިރާން ވެފައި އެތައްއިރަކު ބަލަހައްޓައިގެން ހުރެވުނެވެ.
އެއާރޕޯޓުން ނިމިގެން އަހަރެން ހުންނަން ހަމަޖެހިފައިވާ އެޕާޓްމަންޓަށް ދެވުނުއިރު އިރުއޮއްސެނީއެވެ. އެޕާޓްމަންޓަށްގޮސް ފެންވަރައިލައިގެން އެނދުގައި ޖައްސާލީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށްޓަކައެވެ. އެނދުގައި ޖައްސަލިތާ މާގިނައިރުތަކެއްނުވަނީސް އަރާމު ނިދީގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ހޭލެވުނީ އަނެއްދުވަހުގެ ހެދުނު 9 ޖެހިފަހުންނެވެ. ތެދުވެ ފެންވަރާލާ ތާޒާވެލުމަށްފަހުދިޔައީ ރެސްޓޯރެންޓަކަށް ހެނދުނުގެ ސައިބޯށެވެ.
އެމާހައުލު ވީ އަހަންނަށް ވަރަށް އާތަނަކަށެވެ. ދަންނަ މީހަކު އުޅެނީކީ ނޫނެވެ. އެހެންވެ ކޮންމެވެސް ވަރަކަށް ފޫހިވާގޮތް ވިއެވެ. މަންމައާއި ބައްޕަ އަދި ރައްޓެހިންގެ މަތިން ހަނދާންވާން ފެށިއެވެ. އަދި އެނބުރި ރާއްޖެދާން ހިތައްއެރިއެވެ. ނަމަވެސް މަންމައާއި ބައްޕަ އެވަރުން ފޮނުވުމުން އަނބުރާލާ ރާއްޖެގޮސްފިނަމަ އެމީހުންވާނޭ ދެރަ ހިތައްއަރާފައި ކެތްކޮއްލައިގެން ހުރީއެވެ. ހެނދުނުގެ ސައިބޮއެނިމިގެން އަހަރެން އަވަސްވެގަތީ ކޮންމެވެސް ގޮތަކުން މަންމަމެންގެ ހާލުއަހުވާލު ބަލާލުމަށް މަންމަމެންނަށް ގުޅާލުމަށެވެ. އިރަދަކުރެއްވީތީ އެންމެންގެ ހާލުވެސް ރަނގަޅެވެ.
އޭގެ ދެދުވަސްފަހެވެ. އަހަރެން ކޮލެޖަށް ދާންފަށައިފީމެވެ. އެތަނުން އަހަރެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ. އަހަރެން އެމަންޒަރު ތަކަށް ނަފުރަތުކުރާ މަންޒަރުތަކެކެވެ. އަންހެންކުދިންނާ ފިރެހެންކުދިން ގައިގޯޅިވެ އުޅޭތަން ފެނުމުން އަހަރެން އެހާ ހިތްހަމައެއް ނުޖެހުނެވެ. އަދި ނިވާކަން ކުޑަހެދުމުގައި އަންހެންކުދިން އުޅޭތަން ބެލުމަކީ އަހަރެން ކުރާހިތްވާ ކަމަކަށް ނުވެއެވެ. އަހަރެންނަކީ އިސްލަމެއްކަމާއި އެފަދަ ގޮތްގޮތަށް އުޅުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއްކަން އަހަރެންނަށް ރަނގަޅަށް އިގެއެވެ.
ދުވަސްތައްފާއިތުވަމުން ދެއެވެ. މަޑުމަޑުން އަހަރެންވެސް ކޮލެޖްގެ ތެރެއަށް ފަރިތަވެ ތަފާތު ރައްޓެހިންތަށް ލިބެމުން ދިޔައެވެ. ރަނގަޅުރައްޓެހިންނާއި ގޯސްތައްޓެހިންނެވެ. އަދި އެންމެ ފަހުން އެމީހުންގެ އެއުޅުން އަހަރެންނަށް ކަމުދާން ފެށިއެވެ. އެމީހުން ކުރާ ފާހިޝްއަމަލުތައް އަހަރެންވެސް ކުރަންފަށައިފީމެވެ. އެމީހުން ބުނަމުން ދިޔައީ އެއީ ފެޝަންކަމުގައެވެ. އެކަހަލަ ކަންތައްތައްނުކޮއް ތިބޭނީ ނުކެރޭ ފިނޑިންކަމުގައެވެ. އެހެންވެ އަހަރެންވެސް އަހަރެންގެ ކެރޭކަން ދައްކާލަންބޭނުންވީއެވެ. އެންމެ ފަހުންގޮސް އަހަރެންނަކީ އަހަރެމެންގެ ކޮލެޖްގައިހުރި އެކަހަލަ ކަންތައްތައް ކުރަން އެންމެ މޮޅުމީހާ ކަމުގައި ވެއްޖެއެވެ. ކޮލެޖްގެ ހުރިހަ އަންހެންކުދިންވެސް ބޭނުންވަނީ މިހާރު އަހަރެންނެވެ. އެހެންވެ ކޮންމެ އަންހެން ކުއްޖަކު ބުންޏަސް އަހަރެން އެކަމެއް އެކަމެއް އެކުއްޖަކަށް ފުއްދާދީ އެކުދިންގެ ފަރާތުން އުފާ ހާސިލް ކުރަމެވެ. ބައެއްފަހަރު އަހަރެންގެ އެޕާޓްމަންޓަށް ކުދިން ގެނެސްގެންނެވެ. އަނެއްބައިފަހަރު ކޮލެޖްތެރޭގައެވެ. އެތަންތާގައި އެއީ މާބޮޑުކަމެއްނޫނެވެ.
ދުވަސްތައް ހަފްތާތަކަށް، ހަފްތާތަށް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދެއެވެ. މިހާރު އަހަރެން އެއްވެސް ވަރަކަށް މަންމަމެން މަތިން ހަދާނެއްނުވެއެވެ. އަހަރެންގެ އިސްލާމްކަމެއްވެސް މިހާރަކު އަހަރެންގެ ކިބައަކު ނެތެވެ. ނަމާދެއް ނުކުރަމެވެ. ނުވިތާކަށް އަހަރެން އުޅެނީ ކްރިސްޓިއަންދީނުގެ މީހުން އުޅޭހެންނެވެ. އަދި ރާއްޖެދާކަށްވެސް ބޭނުމެއްނުވެއެވެ. އަހަރެން ބޭނުންވަނީ މިތާގައި މި އަރާމު ތަކުގެ ތެރޭގައި އަބަދާއި އަބަދު ދިރިއުޅޭށެވެ. ނަމަވެސް ކަންތައްތައް ހިނގާނީ މާތްﷲ ތަގުދީރު ކުރައްވާފައިވާ ގޮތުގެ މަތިންނެވެ.
ކުއްލިއަކަށް އަހަރެން ބަލިވެއްޖެއެވެ. ހަށިގަނޑުގައި ވޭންއަޅާވަރުން ކެތްނުކުރެވިގެން އެންމެފަހުން ޑަކްޓަރަށް ދެއްކީމެވެ. ޑަކްޓަރު އެންގީ ޓެސްޓްތަކެއް ހެދުމަށެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުނު ވަގުތު އަހަންނަށް ހީވީ ދުނިޔެ ކުދިކުދިވެގެން ދިޔަހެންނެވެ. ޓެސްޓްތަކުގެ ނަތީޖާއިން ދެއްކީ އަހަރެންނަށް އެއިޑްސް ޖެހިފައިވާކަމަށެވެ. އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. އަހަރެން އެކަނިވެރިވިއެވެ. އެދުވަހުން ފެށިގެން އަހަރެންނާއި އެކީ ކޮލެޖްގައި އުޅުނު ރައްޓެހިންވެސް ގެއްލި ދުނިޔެއަށް ގިނަވިއެވެ. އެންމެފަހުން މަންމައާއި ބައްޕަގެ މަތިން ހަނދާންވާން ފެށިއެވެ. އަހަރެންގެ މާޒީގެ ހަނދާންތައް އާވާން ފެށިއެވެ. އިސްލާހުވާން ބޭނުންވިއެވެ. ނަމަވެސް މިހާރު މިވަނީ ވަގުތު ފާއިތުވެފައެވެ.
އަހަރެން ނިންމީ ވަގުތުން ރާއްޖެދާށެވެ. މަންމައައި ބައްޕަގެ ކައިރީގައި އަހަރެންގެ ހަޔާތުގެ އެންމެ ފަހު ވަގުތުތައް ހޭދަކުރަން އަހަރެން ބޭނުންވިއެވެ. ރަށަށް ދިއުމުން އަހަރެންނަށް ލިބުނީ އަދި ކުރިއަށް ވުރެ މާބޮޑު ހިތާމައެކެވެ. މަންމައާއި ބައްޕަ ވަނީ އެކަމާ ހިތާމަ ކޮށްކޮށް މިދުނިޔެ ދޫކޮއްފައެވެ. މިއީ ހަމަ އަހަރެން ކުރި ކުށުގެ ޝަޒާއެވެ. މިއީ ވިސްނުމެއްނެތި ކުރާ ކަންނަމުގެ ނިމުން އަންނަގޮތެވެ. ޝާއިރުވެސް ވިދާޅުވަނީ މިހެންނެވެ.
ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގާ
ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ސްނުމެއްނެތި ކޮށްފި ކަމަކުން……"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ