
މުދައްރިސް ކުދިންނަށް ނަންގަވައި ދެއްވި ފިލާވަޅާކީ ދިވެހި ކާބަފައިން ރިޔަލިގައި މަސްވެރިކަން ކުރުމުގައި ގެންގުޅުނު ގޮތާއި، މަސް ބާނަމުން ދިޔަ ގޮތްތަކެވެ. ފިޅާވަލު ނަގާ ނިމުމުން މުދައްރިސް އެކިއެކި ކުދިންނާ ސުވާލްކުރައްވަން ފެއްޓެވިއެވެ.
"އިބްރާހިމް ނިކަން ބުނެދީބަލަ! ދިވެހި ކާބަފައިން މަސްވެރިކަން ކުރަމުން އައީ ކޮންކަހަލަ އުޅަނދުފަހަރެއްގައިތަ؟"
"އަނގަމަތި މަސްދޯނިފަހަރުގައި" މުދައްރިސްގެ ސުވާލަށް ވަރަށް ފުރިހަމަޔަށް އިބްރާހިމް ޖަވާބް ދިނެވެ.
"ވަރަށް ރަނގަޅު. ހަސަނު އަޅެ ބުނެދީބަލަ، ވިއްސާރްވެ ވައިނުބައި ވެއްޖެނަމަ، މަސްވެރިން އޭރު ދަތުރު ކުރަނީ ކިހިނެއް؟"
"ވައި ނުބައިވެއްޖެނަމަ މަސްވެރިން އޮޑި ދުއްވާނީ ފަލި ޖަހައިގެން" ހަސަނުވެސް މުދައްރިސް ހިންހަމަޖެހޭފަދަ ފުރިހަމަ ޖަވާބެއް ދިނެވެ.
"ވަރައް ރަނގަޅު. އަޅެ ޖުހާ ބުނެދީބަލަ ރަށާ މާދުރުނޫން ހިސާބެއްގައި އޮއްވާ ފަލިޖަހައިގެންވެސް ނުދެވޭ މިންވަރަކައް ކަނޑު ގަދަވާން ފަށައިފިނަމަ ދެން ހަދާނީ ކިިހިނެއް؟"
މުދައްރިސައް ހީވެލެއްވީ އެހާ ކަނޑުގަދަވާން ފަށައިފިނަމަ އަވަހަށް ރަށައް ވަންނާނީކަމަށް ޖުހާ ޖަވާބުދޭނެ ކަމަށެވެ. ނަމަވެސް ޖުހާ ދިނީ މުޅިން އެހެން ޖަވާބެކެވެ.
"ކަނޑުގަދަ ވާން ފަށައިފިނަމަ ނަގިލި ވައްޓާލާނީ." ޖުހާ ސާބިތުކަމާއެކު ބުނެލިއެވެ.
" އެހެން އޮއްވާ އަނެއް ކޮޅިގަނޑު އަތުވެއްޖެނަމަ ދެން ހަދާނީ ކިހިނެއް؟" ޖުހާ ދިން ޖަވާބާ މެދު މުދައްރިސް ހިންހަމަޖެހިނުލެއްވުމުން މުދައްރިސް އަނެއްކާވެސް ޖުހާއާ ސުވާލުކުރެއްވިއެވެ.
"އަނެއް ނަގިލި ވައްޓާނީ." ޖުހާ ޖަވާބުދިނެވެ.
" އެހެންތަ؟ އެހެން އޮއްވާ އަނެއްކާވެސް އެއަށްވުރެ ބޮޑު ކޮޅިގަނޑެއް އަތުވެއްޖެނަމަ ދެން ހަދާނީ ކިހިނެއް؟ މުދައްރިސް އަނެއްކާވެސް ސުވާލް ކުރެއްވިއެވެ.
" އޭރުން އެއަށްވުރެ ބޮޑު ނަގިއްޔެއް ވައްޓާލާނީ." ޖުހާ ޖަވާނުދިނެވެ.
" އެހެންތަ؟ ޖުހާ އެހާގިނަ ނަގިލިތަށް ހޯދާނީ ކޮންތަނަކުންތަ؟" ހިނިތުންވެލަމުން މުދައްރިސް ޖުހާއާ ސުވާލް ކުރެއްވިއެވެ.
" މުދައްރިސް ތިޔަހާ ގިނަ ކޮޅިގަނޑުތަށް ހޯއްދެވިތަނަކުން." ޖުހާ ޖެހިލުމެއްނެތި ބުނެލިއެވެ.
0 ޚިޔާލު: on "ކޮޅިގަނޑު އައުމުން ދެން ހަދާނީކިހިނެއް؟"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ