ދުވަސްވަރަކީ ދަތުރުފަތުރުގެ ބިކަ ޒަމާނެވެ. މިހާރު މިދެކޭ ރަންޒަމާން ހުވަފެނަކުންވެސް ނުދެކޭ ޒަމާނެވެ. ރިޔަލަކީ އިންޖީނުކަމުގައި ބެލި ޒަމާނެވެ.އެޒަމާނުގައި ފަންސަވީހަކަށް ފޫޓު ހުރެއްޖެނަމަ އެވާނީ މިހާރުގެ “ބަހާދަރަ”ށެވެ. މާލެއިން ފުރައިގެން ތިލަދުންމައްޗަށް ހަފުތާއެއްހާ ދުވަހުން އާދެވިއްޖެނަމަ މިހާރުގެ މަތިންދާބޯޓުދަތުރަކާ އެއްވަރުވީއެވެ.
މިފަދަ ދެރަވަރުގޮތެއްގައި ދަތުރުފަތުރު އޮތްޒަމާނުގައި މާލެ ދިޔުމަކީ ވާ ބޮޑުކަމެކެވެ. އެހެންމެ ޝަރަފުވެރިކަމެއްވެސް މެއެވެ. މާލެއިން އާދެވިއްޖެނަމަ އޮންނާނީ ފޮނިކެނޑުމެވެ. ފެނުނުތަންތަނާއި މީހުންގެ ވާހަކައިންނެވެ. ބެލިފިލްމުތަކާއި ހޮޓާތަކުން ކެއި ކުޅި ފޮނި ހެދިކާތަކުގެ ވާހަކައިންނެވެ
.
މުޙައްމަދަކީ މައިންބަފައިންގެ ނިކަމެތިކަމުގެ ސަބަބުން މާލެދިއުމުގެ ނަސީބު ގެއްލިފައިވާ ކުއްޖެކެވެ. އެކަނިނަމާދަށްވެސް އެރިއެވެ. ޞަލަވާތްފާތިޙާވެސް ދަސްކުރިއެވެ. ޚަތިމުވެސްކުރިއެވެ. މާލެ ދެވޭނެގޮތެއް ވޭތޯއެވެ. އެހެންކުދިންނަށްވެސް އެފަދަކަމެއްކޮށްފިނަމަ މާލެދެވެއެވެ. އެކަމަކު މުޙައްމަދުގެ ނަޞީބު މާލެ ދިއުމަކަށް ޖާގައެއް ނުދިނެވެ. އެހެން ހުރެ ފަނަރަ ފުރުނީއެވެ. ބޮޑުވީއެވެ. ކިޔަވާވެސް ނިމުނީއެވެ. އެދުރުގެއިންނާ ރަށުގެ މަކުތަބުން ދެން އިތުރަށް ކިޔަވާނެ އެއްޗެއް ނެތިގެންނެވެ. އެކަމަކު މާލެއަކަށް ނުދެވުނެވެ. ނުދެވުނުތާ ފޮޓޯގަނޑަކުން ބަލައިލުމުގެ ފުރުޞަތުވެސް ނުލިބުނެވެ. ޒަމާނުގެ ގޮތުންނެވެ.
ބޮޑުމީހަކަށް ވީއެވެ. ކޮންމެވެސް ކަމެއް ކުރަންޖެހޭނެތާއެވެ. ކުރެވެން އޮތްކަމަކީ ނޯކިރީކުރަން ދިއުމެވެ. ފައިބަން ދިއުމެވެ. އެހެން މީހުން ނެކޭ އެެއްފަދައިންނެވެ.
ރަށުގެ ” ދުންމާރި” ބޯޓު ގެ ކައްޕިތާނުގާތު ބުނެ ކުޑަސިޓީ ހައްދައިފިއެވެ. އެއާނުލައި މާލެ ނޭރޭތީއެވެ. މައިންބަފައިންނާއި ރައްޓެހިންނާ ދެކެފަރިތަ ރައްޓެހިންނާ ސަލާންގަލާންކުޅައުމަށްފަހު ދަތުރަށް އަރައިފިއެވެ. ނިޔާމަދަތުރެކެވެ. އަލަށް ކުރެވޭ މާލެ ދަތުރުކަމަށް ވީތީ ފެންނަ ކޮންމެ އެއްޗެއްވަނީ އާއެއްޗަކަށެވެ. ކުރަންޖެހޭ ކޮންމެކަމެއް ވަނީ އާތަޖުރިބާއަކަށެވެ.
ހައެއްކަ ދުވަހުން މާލެ ފޯރައިފިއެވެ. ފުރަތަމަ ދުވަހު ދޯނިން ކާންދިނެވެ. ރަށު ދޯންޏަކަށް ވީތީއެވެ. ފަޅުވެރިންނަށް ކައްކާނެ ވަގުތުވެސް ވީތީއެވެ.
ދެވަނަދުވަހެވެ. ހެނދުނު ސައިބޯން އެއްގަމަށް ފައިބައިފިއެވެ. ކައިރީހުރި ސައި ހޮޓަލަކަށް ވަދެއްޖެއެވެ. ދުވަސްވަރަކީ މިހާރުހެން “ސެލްފް ސަރވިސް” ގެ ދުވަސްވަރެއް ނޫނެވެ. މޭޒުމަތީ ހުންނާނީ އަބަދުވެސް ހެދިކާތައް އަތުރާފައެވެ. ކާގަޑިއެއްނަމަ ރިހަތަކާއި ސަޓަނިތައް ބަހައްޓާފައެވެ. ޖައްވުގެ ތެއްކަމާ ފަނިފަކުސަތައް އިންސާފުކުރުމަށް އަވީއްލާފައެވެ. އެކަމަކު އެއީ މައްސަލައެއް ނޫންތާއެވެ. އަހަރެމެންނަށްވެސް ލިބޭވިއްޔާއެވެ.
ހެނދުގެ ގަޑިއެވެ. ގޮތްގޮތަށް ވިސްނުމަށްފަހު ކަޅުސައިތައްޓަކާ 4 ހެދިކާ ކެއުމަށްފަހު ފައިސާ ދައްކަން މޭޒުކައިރިއަށް ދިޔައެވެ.” 6 އެތި ކަޅެއް” މޭޒާ ހަވާލުވެހުރި ވޭޓަރު މީހާ ގޮވާލިއެވެ. މުޙައްމަދުގެ މޫނަށް ހައިރާންކަން ވެރިވެއްޖެއެވެ. އެއްފަހަރު ސޭޓުގެ މޫނަށް އަނެއްފަހަރު ވޭޓަރުގެ މޫނަށް ބަލަބަލަ އެބަހުރެއެވެ. ” ފައިސާ ދައްކާ ، 7 ރުފިޔާ ދޭންޖެހެނީ” ސޭޓުބުންޏެވެ. ވާނުވާ ނޭނގިފައި ހުރި މުޙައްމަދު ޖީބުން 10 ރުފިޔާ ނެގިއެވެ. އަދި ސޭޓަށް ދިއްކޮށްލިއެވެ. ބާކީ ތިންރުފިޔާ ދިނުމުން އެބަހުރެގެން ނިކުމެއެވެ. އާޝޯޚުވެފައި ހުރެގެނެވެ.
ނިކުމެ ހުރެ އެބަކިޔައެވެ. މަޑުމަޑުންނެވެ. މިއީ ހާދަ އިންސާފެއްނެތް ހޮޓަލެކެވެ. އަހަރެންކެއީ 3 ގުޅަ އެވެ. ދެން ވެލާބިހު ފޮޅިއެކެވެ. އިތުރަށް ބުއީ ސައިޖޯޑެކެވެ. އެކަމަކު 6 އެތި ކައިފިޔޯލައެވެ. ނުވިތާކަށް ނުވެސްކާ ނުވެސް ދަންނަ ހެދިކާއެއްކޭ ކަމަށްވެސް ހަދައިފިއެވެ. ފައިސާހޯދުމަށް މިއީ ތަންފުކެއް ބޮޑުވަރެވެ. ހުރެބަލާށެވެ. ދެނެއް މިހޮޓަލަކަށް ނުވަންނާނަމެވެ.
އޭގެ ފަހުން ދެތިންފަހަރު ހޮޓަލަށް ވަނެވެ. އެކަމަކު އެއްފަހަރުވަންނަ ހޮޓަލަކަށް އަނެއްފަހަރު ވަދެވޭގޮތެއް ނުވިއެވެ. ފުރަތަމަ ހޮޓަލުން ކުރިކަންތައް އެހެން ހޮޓާތަކުންވެސް ކުރާތީއެވެ. ކާވަރަށްވުރެ ގިނައިން ފައިސާ ނަގާތީއެވެ. އަދި އެކަމަށްވުރެ އަޖައިބުވެ އަންތަރީސްވާންޖެހުނީ ކޮންމެ ހޮޓަލަކުންވެސް އާބާވަތެއްގެ ނުވެސް ދެކޭ ހެދިކާއެއްގެ ނަންކިޔާތީއެވެ. ތަފާތުގޮތްގޮތަށް އުޅެ އެހެދިކާއަކުން ސަލާމަތެއް ނުވެވުނެވެ. އެެއްފަހަރަކު އެންމެ ހެދިކާއެއް ވެސް ކައިފިއެވެ. އެފަހަރުވެސް ދޭތިކެވުނޯލައެވެ. ގޮތް ނޭނގޭ ހެދިކާ ވެސް ކެވުނޯލައެވެ. ބޮޑު އަޖައިބެކެވެ.
އަނެއްކާވެސް ބަނޑުހައިވެއްޖެއެވެ. ސައިބޯން ވަންނަންވީއެވެ. އެކަމަކު މައްސަލައަކީ އެއްފަހަރު ވަންނަ ހޮޓަލަށް އަނެއްފަހަރު ވަދެވެންނޯންނާތީއެވެ. މަކަރުވެރިކަމުންނެވެ. ކޮންމެއަކަސް މި ހެން ކަންހިނގާނަމަ ދުވަސްކޮޅަކުން ހޮޓާތައް ހުސްވެ ކޮންމެވެސް އެހެން ގޮތެއް ހޯދަން ޖެހިދާނެތާއެވެ.
ކުރިންނުވަންނަ ހޮޓަލެއް ފެނިއްޖެއެވެ. ވަދެ ބަނޑުހައިކަން ފިލުވައިލުމުގެ ގޮތުން 3 ގުޅައާއި ސައިތަށްޓެއް ބޮއިފިއެވެ. “ތިނެތި ކަޅެއް” ސޭޓު ގާތަށްގޮސް ފައިސާ ދައްކަން ތައްޔާރުވިއިރަށް ވޭޓަރު އެބަ ގޮވާލައެވެ. މިފަހަރު މުޙައްމަދަކަށް ތައްބައްދައިގެން ނުހުރެވުނެވެ. ސޭޓާ މުޚާޠަބުކޮށް އެބަ ބުނެއެވެ. ބަލަ ސޭޓާއެވެ. ނުކާހެދިކާއަށް އަގުނަގަނީ ކީއްވެހެއްޔެވެ؟ މި މާލެއިން ތިގޮތަށް ކަންތައް ނުކުރާ ހޮޓަލެއް މަށަކަށް މައްޗެއް ނުވިއެވެ.އެހެން ތަންތަނަށް ވުރެ މިތަން ތަ ންކޮޅެއް ލާހިކެވެ. ތިން ހެދިކާ ކެއުމުން ތިބުނީ 3 ހެދިކާ ކޭކަމަށެވެ. އެހެންތަންތަނުން ހަތެއްޗޭ ހައެއްޗޭ ގޮވައެވެ. އަމުދުން ކަޅޭ ކިޔުނު ހެދިކާއެއް އަހަރެން ނުކަމެވެ. ތިކަޅުން ސަލާމަތްވޭތޯ ލައްކަ މަސައްކަތްކޮށްފީމެވެ. ކަވާބުއެއީ މަށަށް މީރު އެއްޗެކެވެ. އެކަމަކު އޭގައި ޒާތެއްގެ ކަޅުކުލައެއް ހުންނާތީ އެވެސް މިހާރަކު ނުކަމުއެވެ. އަދި ކަޅުކުލަ ހިމެނޭ އެއްވެސް ހެދިކާއެއް މިހޮޓަލަކުން އަހަރެން ނުކަމެވެ. ތި ކަޅަކަށް އަހުރެން ފައިސާއެއް ނުދައްކާނަމެވެ.
ސޭޓު ދެމިޔަކަަނުން ހިނިތުންވެ އިނދެ އެބަނުނެއެވެ. ކޮއިފުޅު މާލެ ތިޔައީ އަލަށް ދޯއެވެ؟ ހަތެއްޗޭ ފަހެއްޗޭ އެބުނަނީ ކާ ހެދިކާގެ ޢަދަދަކަށްނޫނެވެ. ކެއިހުރިހާ ހެދިކާއަށް ނަގަންޖެހޭ ރުފިޔާ އަށް ނިސްބަތްކޮށެވެ.ކަޅޭ އެކިޔަނީ ހެދިކާއަކަށް ނޫނެވެ. ބުއި ކަޅު ސައިތަށްޓަށެވެ. ބުއި ކޮންވައްތަރެއްގެ ސައެއްކަން އަންގައިދިނުމަށެވެ. ތިހިސާބުގައި ކިޔައި އުޅެނީ ސައި ތަށި ދޮތައެވެ. ތިލާރި މިފަހަރު ނުދެެއްކިޔަސް އެންމެ ރަނގަޅެވެ.މިފަހަރުގެ ސަޔަކީ އަލަތަށް މާލެއައި ފަހަރު މިހޮޓަލުން ކުއްޖާއަށް ދިން ހަދިޔާއެއް ކަމަށް ބަލާށެވެ.
ސައިހިލޭވުމަށް ވުރެ ގަންނަންޖެހުނު ލަދު މާބޮޑުވެއްޖެއެވެ. ބޯކަހަމުން ނުކުމެގެން ގޮސް ދޯންޏަށް އަރައިފިއެވެ. އަދި ނޯކިރީކުރުމުގެ ޚިޔާލުދޫކޮށް ރަށަށް ދާންނިންމައިފިއެވެ.
0 ޚިޔާލު: on "ނުފެނުނު ހެދިކާ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ