
ލިޔުނީ؛ ފަޔާ
ލޯމަތިން ހަޤީގަތް ފެންނަން އޮންނަ ހާލުގައިވެސް ބައެއް ފަރާތްތަކުން ހަޖަމް ނުކުރެވިގެން ރަށުގައި ހިންގޭ ޢިޖުތިމާއީ ބައެއް ޙަރަކާތް ތަކުން ލިޔެސްގެ ނަން އުނިކުރުމަށްޓަކައި މަސައްކަތް ކުރައްވާ މަންޒަރު އެބަފެނެއެވެ. ނަމަވެސް އެބޭފުޅުންނަށް މިކަން ކާމިޔާބް ވަނީ ކިހާ މިންވަރަކަށް ބާއެވެ. ނުވަތަ އެކަން އެގޮތަށް ވާނެބާއެވެ. ނޫނެކެވެ. ހަމަ ހިލާ އެކަމެއް ނުވާނެއެވެ. އެއީ ތާރީޙަށްޓަކާ މަސައްކަތް ކުރައްވާ ބޭފުޅުންނަށްވިޔަސް އަދި ތާރީހް ދިރާސާ ކުރައްވާ ބޭފުޅަކަށްވިޔަސްވެސް މެއެވެ. އަމިއްލަ ފަރާތަކުން ހިންގާ ބްލޮގަކަށް ވިޔަސްވެސް މެއެވެ. ނޫނީ އާދައިގެ ނޫން އާއިލާއެއްގެ ބޭފުޅަކަށް ވިޔަސް މެއެވެ. ބައެއް ބޭފުޅުން ވަކިބަޔަކު ރާވާ ހިންގާ ހަރަކާތަކަށްވާތީ އެކަމެއްގައި ބައިވެރި ނުވެ ނުވަތަ ތިމާއަށް ނަންބަރެއް އިތުރުނުވާތީ އެކަމެއްގައި އެއްބާރުލުން ނުދީ ތިއްބެވިއެއްކަމަކު ލިޔެސް ޖަމިއްޔާއަކުން އެކަމެއްގައި ބައިވެރިނުވެއެއް އަދި އެއްބާރުލުން ނުދީ ފަހަތަކަށް ނުޖެހޭނެއެވެ. ރަށުގައި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއް ކުރިޔަސް އެކަމެއްގައި ފުރިހަމަ އެއްބާރުލުން ދޭނެއެވެ. އަދި ޖަމިއްޔާގެ ފަރާތުން އެދިއްޖެ ކޮންމެ ކަމެއް މިހާތަނަށް އޮންނާނީ ވީ އެންމެ ފުރިހަމައަކަށް ކޮށްދީފައެވެ. އަދި ގިނަފަހަރަށް އިސްނަގާފައިވެސް އޮންނާނީ ލިޔެސްކަން ހިއްސު ސަލާމަތުން ހުރި ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ. އެއީ ފުޓްބޯޅަ މެޗެއް ކުޅުނުކަމުގައިވިޔަސް، ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގިޔަސް، މުނިފޫހި ފިލުވުމުގެ ހަރަކާތެއް ވިޔަސް އަދި ކޯހެއް ހިންގުނުކަމުގައި ވިޔަސް މެއެވެ. އެއްބަހެވެ، މިފަދަ ކަންކަމުގައި އުޅެނީ ގިނައިން ޒުވާނުންނެވެ. ލިޔެސްގެ ޒުވާން މެންބަރުންނެވެ. ފަހަރެއްގައިވެސް އޭގެތެރޭގައި ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ޒުވާނެއް ނުހުންނާނެއެކެ ނުދަންނަވާނަމެވެ. ދެރަކަމަކީ ލިޔެސްގެ ނަމުގައި ކުޅެވުނު މެޗް، ލިޔެސްގެ ނަމުގައި ހިންގުނު މިވެނި ކަމެއް އެވެނި ކަމެއް މިފަދަ އިބާރާތްތަކުން ލިޔެ ލިޔެސްގެ ނަން ފަނޑުކޮށްލުމަށްޓަކައި ބައެއްބޭފުޅުން މަސައްކަތް ކުރައްވާކަމެވެ.
އެއްވެސް ހާލެއްގައި މި ލިޔުމަކީ މީހަކާއި ހަސަދަވެރިވެ ނޫނީ ޒާތީވެގެން ލިޔުނު ލިޔުމެއް ނޫނެވެ. މިއީ ހަޤީގަތެވެ. ކަންކަން ހުރި ބީދައެވެ. ހަޤީގަތާއި ކުރިމަތިލާށެވެ. ކޮންމެ މީހަކު ބްލޮގެއްހަދާ ހިތުހުރިހާ ގޮތަކަށް ކަންކަމުގެ އަސްލު އޮޅުވާލާ ލިޔެ ސާޢިރު ކުރުމުން އެމީހާ ގާބިލް މޮޅު މީހަކަށް ވީކީނޫނެވެ. ހުސްއެކަނި ތާރީޙައްޓަކާ ކަންކަން ކުރުމަކުން އެ ނިމުނީކީވެސް ނޫނެވެ. ހުސްއެކަނި ތިމާމެންގެ ކައިރީ އުޅޭ ނުވަތަ ތިމާމެންގެ ހިޔާލާއި ފިކުރަށް ތަބަޢުވާ މީހުންގެ ބޭރުފުށުގައި ދަވާދުލާ އޮފު ދުއްވިއަކަސް ދެންތިބޭމީހުން މިކަން ބަލައިގަންނާނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ. ތިމާ މިޖުތަމަޢުއަށް ކޮށްދޭ ކޮންމެކަމެއް ކުރަނީ ޝާޙީ އާއިލާގެ ގެކޮޅުގެ މަތާރަންފިލާގައި ލިޔެ ފޮރުވަން ކަމަށްވަނީނަމަ އެކަމަކުން މިޒަމާނަކު ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ހިރަފުސް އެރީމާ ހިރަފުސްފޮޅުން ފިޔަވާއެވެ. ޒަމާނަށް ހޭނޭށެވެ. އަންނަމުންދާ ބަދަލުތަކަށްވެސް މެއެވެ. ހުސްއެކަނި އެއްފަރާތަށް އޮޑި ބަރުކޮށްގެން އޮވެ ދަތުރު ފެށީމަ ކިޔިޔާ ރާޅެއް އަޔަސް އޮޑި ބަންޑުން ޖަހާލަފާނެއެވެ. އެކަމަކު ދެފަރާތަށް ހަމައަށް އެއްވަރަށް އޮޑި ބެލެންސްވާގޮތަށް އޮޑި ބަރުކޮށްގެން ދަތުރަށް ފަށައިފިނަމަ އޮޑި އަނބުރާ ހޭރިޔާކުރަން ފަސޭހަވެ ރައްކާތެރިވާނެއެވެ.
އަދި އެކަނި އިނދެ ފަލި ޖެހުމުގެ ބަދަލުގައި އެކުގައި ދާނެ ފަލިޖަހަން ދަންނަ ރަނގަޅު ބަޔަކު ގޮވައިގެން ދަތުރު ފައްޓައިފިނަމަ މާ ހައްޓަށް ލުއިވެފައި ފަސޭހަވާނެއެވެ. އެއްގަމު ކެޔޮޅުކަމުގައި ތިމާ އެކަނި އެކަނި އުޅުނަސް އަދި ކިތަންމެ ކާމިޔާބްވިޔަސް ކަނޑުމަތީ ކެޔޮޅުކަމަކީ ވަރަށް ފާޑެއްގެ އަދި އެކަނި ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަހަރެމެންގެ މި ދަތުރުގައި ބައިވެރިވެ އެއްއޮޑިކަށް އެރުމަށް ތި ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވަމެވެ. އަހަރެމެންގެ މަންޒިލް ވަރަށް ސާފް އަދި އުޖާލާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހް އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާ އަދައްވުރެ ފަހި މާދަމާއެއް ދައްކަވާ އެންމެންގެ ހިތްތަށް އެކުވެރި ކުރައްވާށިއެވެ. އާމީން..!
0 ޚިޔާލު: on "އެއްވެސް ހަރަކާތަކުން ލިޔެސްގެ ނަން އުނިކުރެވޭނެ ފުރުޝަތެއް ނޯންނާނެއެވެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ