Wednesday, June 2, 2010

ކެނޑުންތަކާއި ފާރު އުފެދިފައިވާ ތަންތަނަށް ފަރުވާ ކުރުމުގައި ނަބިއްޔާ (صلى الله عليه وسلم) ގެ އިރުޝާދު ފުޅު



ޝައިޚް އިބްނު އަލްޤައްޔިމް (رحمه الله)

ތަރުޖުމާ: އަބޫ ޤުދާމާ އަލްމާލްދީފީ (جزاه الله خير)
31 މެއި 2010 - ޞަޙީޙައިންގައި، އުހުދު ހަނގުރާމައިގައި ނަބިއްޔާ (صلى الله عليه وسلم) އަށް ލިބިވަޑައިގެން އަނިޔާތަކަށް ފަރުވާ ކުރެވުނު ގޮތާއިމެދު ސަޙްލް ބިން ސަޢްދް އާއި ސުވާލުވެވުނުކަމަށް ރިވާ ވެފައިވެއެވެ. ޖަވާބުގައި ސަޙްލް ވިދާޅުވިއެވެ. ”ނަބިއްޔާ (صلى الله عليه وسلم)ގެ މޫނުފުޅު ވަނީ ޒަޚަމްވެފައެވެ. ދަތްޕުޅު ވަނީ ބިނދިފައެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ތުރުކުރައްވައިގެން ހުންނެވި ހެލްމެޓްވަނީ އިސްތަށިފުޅަށް ފުނޑުފުނޑު ވެފައެވެ. ރަސޫލާ (صلى الله عليه وسلم) ގެ ދަރިކަނބަލުން ފާޠިމާ (رضى الله عنها) އެކަލޭގެފާނުގެ (صلى الله عليه وسلم) ހަށިކޮޅުގައިވާ ލޭ ދޮންނަވަމުން ގެންދެވިއިރު ޢަލީ (رضى الله عنه) ގެންދެވީ، އެކަލޭގެފާނުގެ އައްޑަނަ ބޭނުން ކުރައްވައިގެން އެކަމަނާގެ އަތްޕުޅަށް ފެން އަޅުއްވާ ދެއްވަމުންނެވެ. ނަބިއްޔާ (صلى الله عليه وسلم) ގެ ހަށިކޮޅުގައިވާ ޒަޚަމްތަކުން އަންނަމުން ދިޔަ ލޭ މަނާ ނުވާކަން ފާޠިމާ (رضى الله عنها) އަށް އިނގިވަޑައިގަތުމުން، ރުކުގެ ފަނުން އަންދާފައިވާ އެތިކޮޅެއް ނަންގަވާ އޭގެ އަޅި ނަބިއްޔާ (صلى الله عليه وسلم) ގެ ހަށިކޮޅުގައިވާ ޒަޚަމްތަކުގައި އެޅުއްވިއެވެ. އަދި އެހިނދުގައި ލޭ މަނާވިއެވެ.“
އަނދާފައިވާ ރުކުފަނުގެ އަޅިއަކީ ލޭމަނާ ކޮށްދޭ އެއްޗެކެވެ. އެއީ އޭގައިވާ ވަރުގަދަ ހިއްކައިދޭ މާއްދާގެ ސަބަބުންނާއި އެއީ (ހަންމަށައިގެން ގޮސްފައިވާ ތަންތަނުގައި އެޅުމަށް) އެންމެ ދިލަ ކުޑަ އެތި ކަމުގައި ވާތީއެވެ. އެހެނިހެން ހިއްކައިދޭ މާއްދާތަކުގެ ސަބަބުން ހަންގަޑުން ދިލަނެގުމަށް މެދުވެރި ކޮށްދެއެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރ މަތިވެ ލޭއައުން އިތުރުވެއެވެ. ނޭފަތުން ލޭ އަންނަ ކަމުގައިވާނަމަ ރުކުފަނުގެ އަޅި (އެކަނި) ނުވަތަ ރުކުފަނުގެ އަޅިއާއި ރާހުތް އެއްކޮށްގެ އެޅުމުން ލޭމަނާ ކޮށްދެއެވެ.’ އަލް ޤުނޫން‘ ގެ ލިޔުން ތެރިޔާ ވިދާޅުވިއެވެ. ” ’އަލްބަރަދީ‘ (އެފްރިކާގައި ހެދޭ ދިގު ގަހެއް) އަކީ (އޭގެ އަޅިޔަކީ) ލޭ މަނާކުރުމަށް ރަނގަޅު އެއްޗެކެވެ. އަދި ޒަޚަމްވެފައިވާ ތަނެއްގައި އެޅުމުން، ރޯމަސްގަނޑުގެ މަތިން ތުނި ފަށަލައެއް އުފައްދައިދެއެވެ. ކުރީގެ މިޞްރުގައި ގަނޑު އުފައްދަނީ ބަރަދީއިންނެވެ. އޭގައި ހިކިފިނިކަމެއް އެކުލެވިގެން ވެއެވެ. ބަރަދީގެ އަޅިއަކީ ފަންގަސް އަށާއި، އިންފެކްޝަންތަކަށާއި، ހެމޮޕްޓައިސިސްއަށް ފަރުވާ ކުރުމަށް ރަނގަޅު އަދި މެލިގްނޭންޓް އިންފެކްޝަން ފެތުރުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.“


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކެނޑުންތަކާއި ފާރު އުފެދިފައިވާ ތަންތަނަށް ފަރުވާ ކުރުމުގައި ނަބިއްޔާ (صلى الله عليه وسلم) ގެ އިރުޝާދު ފުޅު"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ