Tuesday, September 28, 2010

މިބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާ މިސްކިތް ސާފްތާހިރުތަނަކަށް ހެދުމަށް ކޮންމެ މީހަކަށްވެސް މަސައްކަތް ކުރެވިދާނެ



މިސްކިތަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ޤަދަރެއް ދެވިފައިވާ، މިބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ އެއިލާހުގެ ގެކޮޅެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވާތީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދުކުރުމަށާއި ﷲ އަށް އަޅުކަންކުރުމަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ. މިސްކިތްތަކަކީ މިމަތިވެރި މަޤްޞަދުގައި ބިނާކުރެވިފައިވާ ﷲ ގެ ގެކޮޅަށް ވާއިރު އަޅުގަނޑުމެންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވަނީ ވަރަށް ޚާއްޞަ ޤަދަރެކެވެ.
މިބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާ މިސްކިތްތައް ފޮޅައި ސާފުކޮށް ބަލަހައްޓަމުން އައިސްފައި ވަނީ އެކަން ކުރުމުގެ ސަބަބުން ލިބިދާނެ މާލީ ފާއިދާއެއްގެ ބޭނުމެއްގައެއް ނޫނެވެ. އެއީ އާޚިރަތް ދުވަހުން ނުހަނު ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމުގައިވާތީއެވެ. އެކަން ނުދަންނަ މީހަކު އިސްލާމުންގެ ތެރޭގައި ހުރުމަކީ ހިތާމަ ހުރި ކަމެކެވެ.
އިސްލާމްދީނުގައި މިހާ މަތިވެރި ޤަދަރެއް ދެވިފައިވާ މިސްކިތްތަކާމެދު އަޅުގަނޑުމެންގެ ތެރެއިން މިހާރު ފެންނަ މަންޒަރުތަކަކީ މިދިވެހި މުޖުތަމަޢުން ދުށުމަށް އަޅުގަނޑުމެންގެ އެއްގޮތަކަށްވެސް ޟަމީރު ޤަބޫލުކުރާ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެފަދަ ކަންތައްތައް، ޚާއްޞަކޮށް ރަށްފުށުގައި ޢާންމުވަމުން ދިއުމެވެ.
އަޅުގަނޑުމެން ނަމާދުކުރާ މިސްކިތްތަކުގެ ސާފުތާހިރުކަން ދަމަހައްޓަން ޖެހޭނީ އަޅުގަނޑުމެންނެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ އިސްލާމީ މިރިވެތި އާދަ ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމުގައި ނޫނީ ނުވާނެއެވެ. މިސްކިތްތައް ބެލެހެއްޓުމަކީ ސަރުކާރުން ކުރައްވާ ކަމެއް ކަމުގައިވީ ނަމަވެސް އެކަމާ ޙަވާލުވެގެން ތިބޭ ބަޔަކު އެކަންތައް ކުރަންޖެހޭނީ މާތް ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އެކަލާނގެ ކިބަޔަށް ހިތް ނިޔަތް ޚަލާޞްކޮށް ގެން ކަމަށް ފެނެއެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "މިބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާ މިސްކިތް ސާފްތާހިރުތަނަކަށް ހެދުމަށް ކޮންމެ މީހަކަށްވެސް މަސައްކަތް ކުރެވިދާނެ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ