ޚާލިޤްވަންތަ ﷲ ތަބާރަކަ ވަތަޢާލާ ބޭބެއަށާއި އެންމެހާ މުސްލިމުންނަށް އަމުރު ކުރައްވާފައިވަނީ ނަމާދަށް ރައްކާތެރިވުމަށެވެ.
ޤިޔާމަތް ދުވަހުން ބޭބެއާ އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާ ބެހޭގޮތުންކަން އެނގޭހެއްޔެވެ؟ އެނަމާދާމެދު ޖަވާބުދާރީ ނުވެވިއްޖެނަމަ ބޭބެ ކޮށްފައިވާ އެހެން ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ. " أول ما يحاسب عليه العبد يوم القيامة الصلاة، فإن صلحت صلح سائر عمله وإن فسدت فسد سائر عمله " ( الطبراني ) މާނައީ" ޤިޔާމަތްދުވަހު އަޅާގެ ހިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ކަމަކީ ނަމާދެވެ. ނަމާދު ރަނގަޅުވެއްޖެނަމަ އެހެން ހުރިހާކަމެއް ރަނގަޅުވީއެވެ. ނަމާދު ގޯސްވެއްޖެނަމަ އެހެން ހުރިހާ ޢަމަލެއްވެސް ގޯސްވީއެވެ."
ބޭބެއަކީ ނަމާދު ނުކުރާ މީހެއްކަމުގައިވާނަމަ ބޭބެއާ ކާފިރު ކަމާމެދު އެއްވެސް ހުރަހެއް ނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. " بين الرجل وبين الكفر، ترك الصلاة " – مسلم - "މީހާއާ ކާފިރުކަމާ ދެމެދު ވަނީ ނަމާދު އެޅުމެވެ". އެހެންކަމުން ނަމާދު ނުކުރާނަމަ ބޭބެއަށް އޮތީ ހަމައެކަނި މުސްލިމް ނަމެކެވެ. އަދި ބޭބެވާނީ އާޚިރަތުގައި ގެއްލުމާއި ހަލާކާ ކުރިމަތިލާން ޖެހޭނެ މީހެއްކަމުގައެވެ. ބޭބެއަށް އެގޮތް މެދުވެރިވާކަށް ނޭދެމެވެ.
ބޭބެއަށް ކުރަން ޖެހިފައިވަނީ ދުވާލަކަށް ފަންސާސް ނަމާދެއް ނޫނެވެ. އެންމެ ފަސް ނަމާދެވެ. އަދި އެފަސް ނަމާދުން ފަންސާސް ނަމާދުގެ ޘަވާބު ﷲ ތަޢާލާ ބޭބެއަށް ދެއްވާނެއެވެ. ވީއިރު ކުޑަވަގުތު ކޮޅަކުން ހޯދޭ މިމަތިވެރި ޘަވާބާމެދު ފިކުރުކޮށްބަލާށެވެ. ބޭނުމެއް ނެތް ބޭކާރު ކަންތައްތަކުގައި ބޭބެ ހޭދަކުރާ ވަގުތު ތަކުގެ ތެރެއިން ކުޑަ ވަގުތު ކޮޅެއް ނަމާދަށް ހުސްނުކުރެވޭނެ ހެއްޔެވެ؟ ބޭބެއަށް އިވުމާ ފެނުމާ ވާހަކަދެއްކުމާ ހިނގާބިނގާވެ އުޅުމުގެ ކުޅަދާނަކަން ދެއްވި އޯގާވަންތަ މާތް ﷲ އަށް ސަޖިދައެއް ކޮށްލުމަށްޓަކައި 24 ގަޑިއިރުން އެންމެ ގަޑިއިރެއް ހޭދަކޮށްލަން ބޭބެގެ ހިތް ނުރެހެނީ ހެއްޔެވެ؟ ލޮލަށް ނުފެންނަ ނުހިނގޭ މީހުން، ﷲ ގެ މަތިން ހަނދާންކޮށް ނަމާދަށް ރައްކާތެރިވާއިރު މިހުރިހާ ނިޢްމަތްތަކެއް މާތް ﷲ ބޭބެއަށް ދެއްވާފައިވާއިރު އެކަމާ ލަދުވެތިނުވަންހެއްޔެވެ؟ ބޭބެގެ ލޯމަތީގައި އެތައް ބަޔަކު މިފަނާވަނިވި ދުނިޔެއާ ވަކިވެގެންދާއިރު ބޭބެ މާތް ﷲ އަށް ތައުބާވެ ބިރުވެތިވާންވީ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟
އެހެން އެއްވެސް ފަރާތަކަށް ބޭނުންވެ ވޮޑިގެންނުވާ، އެންމެހާ ކަމަކަށް ކުޅަދުންވަންތަ، ގަދަކީރިތިވަންތަ، ﷲ އާ ކުއްތަން ވެވުމަށްވުރެ މާތްކަމެއް އޮންނާނެ ހެއްޔެވެ؟ ވެރިއެއްގެ އަރިސްކަމާއި ގާތްކަމަށް އެދެވޭ އިރު، ބޭބެއާއި މިކައުނު އުފެއްދެވި، ޢަޒީޒްވަންތަ ﷲ އާ ކުއްތަން ވުމަށް ނޭދެން ހެއްޔެވެ؟ ދުނިޔެއާއި ދުނިޔޭގައި ވާހާ ބަޔަކަށްވުރެ އެއިލާހުގެ މާތްކަމާއި މަތިވެރިކަން ބޮޑެވެ. ބޭބެއަށް އެއިލާހާ އެންމެ ކުއްތަންވެވޭނީ ނަމާދުންނެވެ.
އިންސާނަކަށް ވީތީ، އެނގިހުރެގެންނާއި ނޭނގިހުރެ ބޭބެއަށްވެސް ފާފަ ކުރެވޭނެއެވެ. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްކަން ހޯދުމަށްޓަކައި އެހުރިހާ ފާފަތައް ފުހެވުމަށް ނޭދެން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، މުއުމިނުންނަށް މާތް ނަބިއްޔާ ދެއްވި މިއުފާވެރި ޚަބަރު އަޑުއަހާށެވެ. " أرأيتم لو أن نهرًا بباب أحدكم يغتسل منه كل يوم خمس مرات، هل يبقى من درنه شىء ؟ قالوا: لا يبقى من درنه شيء . قال : " فذلك مثل الصلوات الخمس يمحو الله بهن الخطايا " . (البخاري) " ތިޔަބައިމީހުން ތެރެއިން މީހަކު ކޮންމެ ދުވަހަކު ފަސްފަހަރު ގޭދޮރުމަތީގައި އޮތް ކޯރަކުން ފެންވަރާނަމަ އޭނާގެ ހަށިގަނޑުގައި އެއްވެސް މިލައެއް ހުންނާނެ ހެއްޔެވެ؟ " އެބޭކަލުން ދެންނެވިއެވެ. " ނުހުންނާނެއެވެ. " އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " ފަސްނަމާދުވެސް އެފަދައެވެ. އެނަމާދުތަކުގެ ސަބަބުން ﷲ ތަޢާލާ، (އަޅާގެ) ފާފަތައް ފުއްސަވައެވެ."
އެހެންކަމުން އާދޭސްކޮށްފައި ބުނަމެވެ. ނަމާދު ނާޅާށެވެ. ނަމާދަށް ރައްކާތެރިވާށެވެ. ބޭބެ އެނގިހުރެ ޤިޔާމަތްދުވަހުން ނަރަކައިގެ ޢަޛާބަށް ހުށަހެޅި ނުގަންނާށެވެ. ކަށްވަޅުގައި ލިބިދާނެ ވޭންދެނިވި ޢަޛާބަށް ބިރުވެތިވާށެވެ. މާދަމާވެސް މިދުނިޔެ ދޫކޮށް ދާންޖެހިއްޖެނަމަ ބޭބެއަށްޓަކައި އެހެން މީހުންކުރާ ދުޢާ އަކުން ފައިދާއެއް ކުރާނީވެސް އޭރުންނެވެ. އެހެނީ ނަމާދު އެޅުމަކީ ކުފުރެކެވެ. އަދި އެއަށްވުރެ ވަކިން ބޮޑު ފާފައެއްވެސް ނޯންނާނެއެވެ. އެހެންކަމުން އެފާފައިން ތައުބާވެ ނަމާދަށް ރައްކާތެރިވުމަށް ޢަޒުމް ކަނޑައަޅާށެވެ.
0 ޚިޔާލު: on "ބޭބެއަށް ކުރަން ޖެހިފައިވަނީ ދުވާލަކަށް ފަންސާސް ނަމާދެއް ނޫނެވެ. އެންމެ ފަސް ނަމާދެވެ."
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ