ދިގު އުމުރަކަށް އެދެން” ނުވަތަ “އައި ވިޝް ޔޫ އަ ލޯންގް ލައިފް” މިއީ ހެޔޮ އެދުމުގެ ގޮތުން ބުނެ އުޅޭ ޖުމްލައެކެވެ. ނަމަވެސް ސަތޭކަވަނަ އުފަންދުވަހުގެ ކޭކުގައި ޖަހާފައިވާ ކެންޑްލް ނިއްވާލުމުގެ ޝަރަފް އަހަރެމެންގެ ތެރެއިން ލިބެނީ ވަރަށް މަދު މީހަކަށެވެ. ތަފާސް ހިސާބުތައް ހެކިދެނީ އުމުރުން އަށްޑިހަ އަހަރު ކަޓުވާލާފައި ކުރިޔަށް ކަނޑާލެވެނީވެސް ވަރަށް މަދު މީހަކަށް ކަމަށެވެ.
ނަމަވެސް، ވަރަށް ގިނަ ބާވަތްތަކުގެ ގަސްގަހާގެހި އަހަރެމެންނަށްވުރެ ޢުމުރުދިގެވެ. ހަމަ މިގޮތަށް، އަހަރެމެންނަށްވުރެ ޢުމުރު ދިގު ޖަނަވާރު ވެސް އުޅެއެވެ. މިސާލަކަށް:
ބިޔަ އެއްގަމު ކަހަނބު ގެ އުމުރަކީ އެވްރެޖްކޮށް 200 އަހަރެވެ.
އޮރެގޮން ސްޓާޖަން އޭ ކިޔާ ބާވަތުގެ މަހުގެ އުމުރަކީ އެވްރެޖްކޮށް 150 އަހަރެވެ.
އީސްޓަން ބޮކުސް ޓާރޓަލްގެ އެވްރެޖް އުމުރަކީ 123 އަހަރެވެ.
އިޖިޕްޝިއަން ވަލްޗާރ ދޫނީގެ އެވްރެޖް އުމުރަކީ 118 އަހަރެވެ.
އެއްގަމު ޖަނަވާރާއި ދޫނި ސޫފާ ސޫތްޕާއި، މަސްމަހާއި މެއްސަށް ބަލިނުވެ، ޑަކްޓަރެއްގެ ގާތަށް ބޭސް ގުޅައެއް ހޯދަން ދާންނުޖެހި، އަހަރެމެންނަށް ވުރެ ދިގު އުމުރެއް ހޭދަ ކުރެވޭނަމަ، އަހަރެމެންގެ ސިކުނޑި ފެލާލައިގެން ނަމަވެސް ދިގު ޢުމުރެއް ލިބޭނެ ގޮތެއް ހޯދާކަށް ނުވޭ ހެއްޔެވެ؟ އަހަރެމެންނަކީ އެންމެ ވިސްނުންތޫނު މަޚްލޫޤުން ވިއްޔާއެވެ.
އަހަރެމެންނަށް، ކޮންމެވެސް މަރުބައްޔެއްގައި އުމުރުކުރުކޮށްލާފައި ކަށްވަޅަށް ދިޔުން ނޫން އެހެން އިޚްތިޔާރެއް ނެތީ ބާވައެވެ؟ މިހެން ބުނާއިރު، ބައެއް މީހުން، ދިގު އުމުރެއްގައި ދުނިޔޭގައި މަދުން ނަމަވެސް އުޅޭކަން އަހަރެން ހަނދާން އެބަހުއްޓެވެ. ނަމަވެސް، މިބުނި ދިގު އުމުރުގައި އުޅޭ މަދު މީހުންނާއި މެދު ބުނެ އުޅެނީ އެއީ، ވަރުގަދަ ޖީންތައް ނުވަތަ ވިރާސީ ކަންތައްތަކެއްގެ ސަބަބުންނާއި ޑީއެންއޭގައި ހުޅި މޮޅުކަމުން އެމީހުންނަށް ލިބިފައިވާ ޚާއްޞަ ޢިނާޔަތެއް ކަމަށެވެ. މި ޖީންތަކާއި، ޑީއެންއޭގައި މޮޅުކަމެއްނެތް، ޚާއްޞަ ޢިނާޔަތެއް ނުލިބި ތިބި، އަހުރެންނާއި ކަލެޔާއި، މީނަޔަށް، ދިގު ޢުމުރެއްގައި ދުނިޔޭގައި އުޅެވޭނެ ގޮތެއް އެބަ އޮތްބާވައެވެ؟
ފަހަކަށް އައިސް، އަހަރެމެން ކަހަލަ އާދައިގެ މީހުންނަށް ދިގު އުމުރެއް ހޯދޭނެ ގޮތެއް އޮތްކަމަށް އެބަ އަޑު އިވެއެވެ. އެއީ، ސާފުތާހިރު ކަންމަތީ ހުރުމާއި، ގަޑިޔަށް ރަނގަޅު ކާނާ ކެއުމާއި، އަރާމުކުރުމާއި، ކަސްރަތުކުރުމެވެ. ފަތްބުއިމާއި، ސިނގިރޭޓް ބުއިމުން ދުރުވެ ތިބުމެވެ.
މިފަހަކަށް އައިސް އަހަރެންގެ ވަރަށް ގިނަ އަވައްޓެރިންނާއި ރަހުމަތްތެރިންގެ ޢުމުރު ހަމަވާކަމުގެ ރަނގަބީލު ޖަހައިފިއެވެ. އެމީހުން އެތައްހާސް ރުފިޔާއެއް، ހިތުގެ ހޮޅިތަކަށް ފަރުވާކުރާށާއި، ލޭ ޕަންޕްޕުކުރާ މެޝިނު ހަރުކުރަން ހަރަދުކޮށްފިއެވެ. ހަކުރަށާއި، ލޭމައްޗަށް ދާތީ ގަވާއިދުން ބޭސް ކާން ފަށައިފިއެވެ. މީގެ ތެރެއިން ގިނަ މީހުންނަށް އަދިވީ، ސާޅީހަކަށް އަހަރެވެ!
މިރަށުގައި މަދަރުސާ ނިންމައި، ކިޔަވައިގެން ނުކުތް އެންމެ ވިސްނުންތޫނު ޒުވާނުން އަހަރެންނަށް ފެންނަނީ ސިނގިރޭޓެއް ތުބުގައި ޖަހައިގެން އުޅޭތަނެވެ. މި ޒުވާނުންނާއިމެދު ވިސްނާލާއިރު، މީގެ ތެރެއިން ގިނަ ޒުވާނުންނަކީ، ކުރިން ސިނގިރޭޓެއް ނުބޯތާނގައި، ގެއިންވެސް ނުކުތް ބައެއް ނޫނެވެ. މަދަރުސާ ނިމުމާއެކު ވިސްނުމަށް މި ބަދަލު އައީ ކިޔެއްވެ ބާވައެވެ؟
ވީމާ، އުމުރު ދިގުކުރުމަށް، ތިމާގެ ވިސްނުމަށް ބާރު ހިންގަންވެސް އެބަ ދަސްކުރަންޖެހެއެވެ.
0 ޚިޔާލު: on "ދިގު އުމުރަކަށް އެދެން” - “އައި ވިޝް ޔޫ އަ ލޯންގް ލައިފް”"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ