ފިލިޕީންސްގެ އިމެލްޑާ މާކޯސްއަކީ، ވަރަށް ގިނަ ޢަދަދެއްގެ ފައިވާން ބޭނުންކުރި އަންހެނެކެވެ.
ފޮޓޯއިން ތިޔަ ފެންނަނީ، އެމެރިކާ މީހަކު އޭނާގެ ފައިވާނުގައި ދަތުރުކުރާ މަންޒަރެވެ. އޭނާ އަރައި އެ އިން ފައިވާނަށް ކިޔަނީ ރެޑް ސްޓިލެޓޯއެވެ.
ޑޭވިޑް ސްޓޯ މި ފައިވާން ފަރުމާކުރީ ހޮންޑާ ސައިކަލެއްގެ ބައިތައް ބޭނުންކޮށްގެންނެވެ. މި އާދަޔާޚިލާފު ފައިވާނުގެ ހުރިހާ މަސައްކަތެއް ކޮށް ނިންމުމަށް ޑޭވިޑް ހަތަރު އަހަރު ހޭދަކުރިއެވެ. މި ފައިވާނުގެ މައިގަނޑު ހަދާފައިވަނީ ފައިބަރުންނެވެ. ދަވާދު ލާފައިވަނީ އަތުންނެވެ.
މި ފައިވާން ފެނިފައި އިމެލްޑާ މާކޯސް ހީކުރާނީ ކީކޭ ބާއެވެ؟
ވަރަށް ފަހުން މޯލްޑީވްސް ޕޮލިސް ސާވިސް އިން ވަނީ، ފުލުސް ބައިސްކަލް ތަޢާރަފްކޮށްފައެވެ. ފުލުހުން ކާބަން ނިއުޓަރަލް ކުރުމުގެ މާތް މަގުސަދުގައެވެ. މި ކަމަށް ތަންގީދުކުރާ ބައެއް ފަރާތްތަކަށް، ފުލުހުން ބައިސްކަލްދުއްވުން، ވީ ހެއްވާ ކަމަކަށެވެ. އެމީހުން ބުނާގޮތުން ކުށްވެރިންނާއި ވިޔާނުދާ ނުލަފާ މީހުންގަނޑު ކާބަން އަންދައިގެން، ބޫން ބޫން ލާފައި ސައިކަލު ދުއްވާއިރު، ފުލުހުންނަށް ޖެހޭނީ އެމީހުންގެ ފަހަތުން ބައިސްކަލެއްގައި ކަނބާށެވެ.
ބައެއް މީހުންގެ ނަޒަރުގައި ފުލުން ބައިސްކަލަށް އަރަން ނިންމީ، ސަރުކާރާގުޅުންހުރި ބައިސްކަލް ވިއްކާ ފަރާތްތަކަށް ވިޔަފާރީގެ ފައިދާއެއް ހޯދައިދިނުމަށެވެ. އަނެއްބައި މީހުންގެ ނަޒަރުގައި ފުލުހުން ބައިސްކަލާއި މި ދޯޅުވާން ނިންމީ، ބައިސްކަލް އެއީ މިހާރު، ވިލާތުގައި ފެޝަނަކަށް ވަމުން އަންނާތީ ވީހާވެސް ‘ހޮޓް’ ކޮށް ތިބެން ވެގެންނެވެ. އެހެން ކަމަށްވާނަމަ، ފޮޓޯގައި އެވާ ފައިވާން ޕޮލިސް ކޮމިޝަނަރަށް ފެނިއްޖެނަމަ، ހީފުޅުކުރައްވާނީ ކީކޭ ބާވައެވެ؟
އަހަންނަށް ހީވަނީ މިޒާތު ފައިވާނެއްގައި ވިޔާނުދާ ނުލަފާ މީހުންގަނޑު ފަހާ ފުލުހުން ދުވާއިރު، ނިކަން ހިތްގައިމުވާނެ ހެންނެވެ.
ފުލުހުންނަށް އާދެވެނީ ގޯހެއް ހިނގައިގެން ފޯނުކުރާތާ އެތައް ދަމެއްވާފަހުންކަމަށްވެއެވެ. ވީމާ ނަޝީދުގެ ކާބަން ނިޓްރަލް އިހަށް ބާއްވާފައި، ޑޭވިޑް ސްޓޯ އަތުން މީގެ ފަސްސަތޭކަ ފައިވާން ފުލުހުންނަށް ހޯދުން ބުއްދިވެރިއެވެ.
ޔަގީނުންވެސް، ފުލުހުން އެމީހުންގެ ސައިޒުގެ އަސްލު “ފައިވާނުގައި ތިބޭނަމަ”، ރައްޔިތުން ވަރަށް އުފާކުރާނެއެވެ.
0 ޚިޔާލު: on "ތިމާމެންގެ ‘ފައިވާނުގައި’ ތިބުން މާ ބުއްދިވެރި!"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ