Monday, August 9, 2010

ކައްވަޅުގައި ދެވޭ ހެޔޮޖަޒާ



” ކައްވަޅު...‘ ކައްވަޅު މިބަހަކީ އަހަރެމެންގެ ހިތްތަކުގައި ބިރުވެތިކަން އުފައްދާ ބަހެކެވެ. މިތަނުގެ ވާހަކަ ޛިކުރު ކުރެވިއްޖެނަމަ އަހަރުމެންގެ ހަށިގަނޑަށް ރިހުން ވެރިވެއެވެ. އެތަނުގައިވާ ނިޢުމަތްތައް އަހަރުމެންނަށް އެނގިފައެއް ނުވެއެވެ. ހަމަކަށަވަރުން ކައްވަޅުގައިވާ ނިޢުމަތްތަށް މިދުނިޔެއިން ލިބިދޭނެ ހުރިހާ ނިޢުމަތްތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ. ”އީމާނުގެ އަހުލުވެރިޔާ އޭނާގެ މަރާއި ގާތްވެފައިވާ ހިނދު ރަޙްމަތުގެ މަލާއިކަތުން އޭނާގެ ގާތަށް ވަޑައިގަންނަވައެވެ. އަދި އޭނާގެ ފުރާނަ ނެންގެވޭ ހިނދު އެފުރާނަ ހުދު ފަށުވި ފޮތިގަނޑެއްގެ ތެރެއަށް ލައްވައެވެ. އަދި އެހިއްޕަވައިގެން އުޑުގެ ދޮރުކޮޅާ ހަމަޔަށް ދަތުރު ކުރައްވައެވެ. ދޮރުކޮޅުގައިވާ މަލާއިކަތުން ދަންނަވާނެއެވެ. ’މިއަށްވުރެ މީރުވަސްދުވާ ވަހެއް ތިމަންމެން ބޭކަލުންނަށް ދުވަހަކުވެސް ދުވާފައިނުވެއެވެ!‘ އެފުރާނައަށް ދެންނެވޭނެއެވެ. ’މިވެނި އެވެނި މީހަކު ކިހިނެއް ހެއްޔެވެ؟ މިވެނި އެވެނި މީހަކު ކިހިނެއް ހެއްޔެވެ؟‘ އަދި ދެންނެވޭނެއެވެ. ’އޭނާ އަރާމު ކުރިޔަދޭށެވެ. އޭނާ ދުނިޔޭގެ ދަތި އުނދަގޫތަކުން ސަލާމަތްވެގެން އަދި ހަމަ އައީއެވެ.‘ “
ކައްވަޅަކީ އިންސާނާގެ ޙަޔާތުގެ ތިންވަނަ މަރުޙާލާއެވެ. މީގެން ފުރަތަމަ މަރުޙަލާއަކީ ޖާގައިގެ ނުހަނު ދަތިކަމާއިއެކު އަދި އަނދިރި ކަމާއެކު މައިމީހާގެ ރަޙިމުގައި އިންސާނާވާ ވުމެވެ. ދެވަނަ މަރުޙަލާއަކީ އަހަރުމެން މިދުނިޔެއަށް އައިސް ތަޞައްރަފްފުދި ބޮޑުވެ ކަންކަން ދަސްވެ، އެކަމެއްގެ ސަބަބުން އަހަރެމެން ބާއްޖަވެރިކަމަށް ވާޞިލުކޮށްދޭ ރަނގަޅު ޢަމަލު ނުވަތަ އަބާއްޖަވެރިކަމަށް ވާޞިލުކޮށްދޭ ނުބައި ޢަމަލު އެތަނެއްގައި ކުރާ މަރުޙަލާއެވެ. ތިންވަނަ މަރުޙަލާކަމުގައިވާ ކައްވަޅަކީ މިހާރު މިއުޅޭ (ދުނިޔޭގެ ދިރިއުޅުން) މަރުޙަލާއަށްވުރެ ބޮޑުވެ ފުޅާވެގެންވާ މަރުޙަލާއެކެވެ. ހަތަރުވަނަ އަދި އެންމެ ފަހުގެ މަރުޙަލާއަކީ އެމަރުޙަލާއެއްގައި ޖައްނަތު އަދި ޖަހަންނަމަ ހިމެނޭ މަރުޙަލާއެވެ. އެއަށްފަހު އެހެން މަރުޙަލާއެއް ނުވެއެވެ. އެހެނީ އެއީ ދާއިމީ ޙަޔާތެވެ.
އަހަރެމެން މިހާރު ވާހަކަ ދައްކަމުން މިދަނީ ތިންވަނަ މަރުޙަލާ ކަމުގައިވާ ކައްވަޅާއި ބެހޭ ގޮތުންނެވެ. މިއީ އުޚްރަވީ ޙަޔާތުގެ ފުރަތަމަ މަރުޙަލާއެވެ. މިމަރުޙަލާގައި ފުރާނަތަށް ދެ ބައިގަނޑަކަށް ވެއެވެ. މީގެން އެއްބައިގަނޑަށް އަޛާބުދެވި ޤައިދު ކުރެވިފައިވެއެވެ. މިބައިމީހުންނަށް ޙައްޤުވެގެންވާ ޢަޛާބުގެ ސަބަބުން މިބައިމީހުންވަނީ، އެހެނިހެން ފުރާނަތަކާއި ބައްދަލުކުރުން ފަދަ ޢިނާޔަތްތަކުން މަޙްރޫމުވެގެންނެވެ. ދެވަނަ ބައިގަނޑަކީ ހެޔޮ ޖަޒާ ލިބޭ ބައިގަނޑެވެ. އަހަރެމެންގެ މިފަހަރުގެ މަވްޟޫޢު ބިނާވެފައި މިއޮތީ މިބައިގަނޑުގެ މައްޗަށެވެ.
މިނިވަންކަން ދެވިގެންވާ ފުރާނަތައް އެއްފުރާނަ އަނެއްފުރާނަ ގާތަށް ޒިޔާރަތްކޮށް ދުނިޔޭގައި އެބައިމީހުންނަށް ދިމާވި ކަންތައްތަކާއި ބެހޭގޮތުން ޚިޔާލުބަދަލުކޮށް ދުނިޔޭގެ މީހުންނާއި ބެހޭގޮތުން ވާހަކަ ދައްކާ އުޅެއެވެ. ކޮންމެ ފުރާނައެއްވެސް ވާނީ އެފުރާނައެއްގެ ޢަމަލުތައް (ދުނިޔޭގައި) ހުރިގޮތާއި އެއްގޮތް ފުރާނަޔާއި އެކުގައެވެ. ވަރަށް ގިނަ މީހުންނަށް މިބަޔާން ކުރާފަދަ ހުވަފެން ފެނެއެވެ. މިގޮތުން ޞާލިޙް ބިން ބަޝީރުގެ ކިބައިން އައިސްފައިވާ ހުވަފެނެއް ޛިކުރުކޮށްލާނަމެވެ. އަހަރެން އެހީމެވެ. ”ކަލޭގެ މަންޒިލަކީ ކޮބާހެއްޔެވެ؟“ އޭނާ ޖަވާބުގައި ބުންޏެވެ. ”އަހަރެންވަނީ އެބައެއްގެ މައްޗަށް ﷲ ބަރަކާތް ލެއްވި ނަބިއްޔުންނާއި، އިޚްލާޞްތެރިންނާއި، ޝަހީދުންނާއި އަދި ތެދުވެރި ޞާލިހުންނާއި އެކުގައެވެ.“
ގަދަކީރިތިވަންތަ ﷲ ވަޙީ ކުރައްވާފައިވެއެވެ.
”وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولَئِكَ رَفِيقًا“
”ﷲ އާށާއި ރަސޫލާއަށް ކިޔަމަންވާ މީހުން، (ދަންނާށެވެ!) އެބައިމީހުން ވާހުށީ އެބަޔެއްގެ މައްޗަށް ﷲ ނިޢްމަތް ދެއްވި މީހުންކަމުގައިވާ، ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި އަދި ޞާލިޙުންނާއި އެކުގައެވެ. އެބޭކަލުންނީ، އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.“
(އައްނިސާ - 69)
ހެޔޮޖަޒާ ޙައްޤުވެގެންވާ ފުރާނައަށް އޭނާ މަރުވާ ހިސާބުން ހެޔޮޖަޒާ ލިބިލިބި ހުންނާނެއެވެ. އޭގެ ތެދުކަން ކަށަވަރުގެންވާ ޙަދީޘަކުން މީގެ ކުރިން އަހަރުމެންނަށް މިކަން އެނގިފައިވެއެވެ. އީމާނުގެ އަހުލުވެރިޔާ މަރުވާ ހިނދުގައި މަލާއިކަތުން އެނާގެ ގާތަށް ވަޑައިގަންނަވައެވެ. އަދި މަލާއިކަތް ބޭކަލުން އޭނާއާއި ވާހަކަފުޅު ދައްކަވައެވެ. އަދި އޭނާ މަލާއިކަތް ބޭކަލުންނާއި ވާހަކަ ދައްކައެވެ. އެހެނަސް އޭނާގެ ވަށައިގެން ތިބޭ މީހުންނަށް މިކަމެއް ނޭނގެއެވެ. ފުރާނަ އޭނާގެ ވެރިރައްބާއި ބައްދަލު ކުރުމަށް ކެއްތެރިކަން ކުޑަވެފައި ވެއެވެ. އަދި ފަސޭހަ ކަމާއިއެކުގައި ހަށިގަނޑުން ނިކުމެދެއެވެ. އަދި މަލާއިކަތުން އެފުރާނަ އުޑަށް ގެންދަވައެވެ. އޭނާގެ ގައިން މީރުވެގެންވާ ވަހެއް ދުވާނެއެވެ. މަލާއިކަތުންނާއި އުޑުތަކުގައިވާ މިނިވަންކަން ލިބިގެންވާ ޠާހިރު ފުރާނަތަކަށް މިވަސް ދުވާނެއެވެ. އެބައިމީހުން މިމީރު ވަހާއި ބެހޭގޮތުން އެކަކު އަނެކަކާއި ސުވާލުކޮށް ހަދާނެއެވެ. އޭނާގެ ގާތްތިމާގެ މީހުންނާއި އެންމެ ގާތް އެކުވެރިން (ގެ ފުރާނަތަށް) އޭނާގެ ގާތަށް އައުމަށް އަވަސްވެގަންނާއެވެ. އެބައިމީހުންނަކީ އޭނައަށް ވުރެ ކުރީގައި އުޚްރަވީ ޙަޔާތަށް ދަތުރުކޮށްފައިވާ މީހުންނެވެ. އެނާ ވަށާލައިގެންތިބެ ދުނިޔޭގެ ޚަބަރުތަކާއި މެދު ސުވާލުކޮށް ހަދާނެއެވެ. އަދި އެތަނުގައިވާ މީހުންނާއި ބެހޭގޮތުންވެސް މެއެވެ.


Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 ޚިޔާލު: on "ކައްވަޅުގައި ދެވޭ ހެޔޮޖަޒާ"

Post a Comment

މިލިޔުމަށް ޚިޔާލު ދެއްވާ