
މުހަންމަދު ފަޔާޒް / ސާނާ / ނ.ލަންދޫ
ކަނޑުރަސްގޭ ދަރިފުޅަކަށް މަމެން ކުޅެން ބޮޑުރާޅެއް ފޮނުވާކަށް ނުކެރުނޯ
މާފަރު ވަރަށް ދިގުވެފާ ކޯލާ ވަރަށް އުސްވެފާ، ހާދަ ލަދޭ ހޯ ހޯ ހާދަ ލަދޭ ހޯ ހޯ
އާމަގު ނެރަށް ރާޅާއަޅަން އެރިތިބި ކުދިން އެއްއަޑަކުން ކިޔަމުން ދެއެވެ. ވެލާނެރަށް ބިންދާ ބިޔަ ރާޅުތަކުގެ ސަބަބުން މުޅި ހިސާބުގަނޑު ވަނީ ހުދުފޮނަށް ވެފައެވެ. ދަމާލެވިފައިވާ ބޮޑު ތުނޑީގެ އުސް ދޮންވެލިގަނޑުގެ މަތިން ބައެއްފަހަރު އެވައްދާ ރާޅުުގެ ކޮޅުތަކުން ތުނޑީގެ ތިރި ހިސާބުގައި ވަނީ ކުޑަމޫދު ހެދިފައެވެ. މޫދަށް އެރެން ނުކެރޭވަރުގެ ކުޑަކުދިން ކުޑަމޫދުގައި މަޖާނަގަމުން ދެއެވެ. ބައެއްކުދިން ފަންވަތުންނާއި މާހުއި ގަހުގެ ފަތުން ވައިސޫރި ހަދައިގެން ކުޑަ މޫދުގައި ދުއްވަ ދުއްވަ އެބައުޅެއެވެ. އަނެއްބައި ކުދިން ގޮނޑުދޮށަށް ލައްވެފައިވާ ފުޅިމަދުގެ އެތިކޮޅުކޮޅުން ބޯޓް ހަދައިގެންނެވެ. ކުޑަކޮށް އަތްތެރި މަސައްކަތް ދަންނަ މީހުންގެ ދަރިން ކަނދުގަހުގެ ލަކުޑިން ހަދާފައިވާ ރީތި ކުދިކުދި ދޯނިތައްވެސް ގެންގުޅެއެވެ. ބޯހުރާގަނޑާއި ލަންދުއާއި ދޭތެރޭ ކަނޑުއޮޅިމެދުގައި ކެޔޮޅުކަމު ނިކުމެއުޅޭ ދެތިން ރިޔާދޯންޏާއި ހައެއްކަ ބޮއްކުރާ ފެނެއެވެ. މާ މަސްވެރިކަން ރަނގަޅު ދުވަހަކީތާއެވެ. އިރުވައިމަތީ ހޮޅުއަށީގައި މަސްއޮޑިތަކުގެ އިންތިޒާރުގައި ވާރުދޭ ދިހަވަރަކަށް މީހުން އަނގަމަޖަލުގައި ތިއްބެވެ. ޒިޔާރަތް މަގާއި ބޮޑުމަގާއި ދޭތެރޭ ތޮށިމަތީގައި ބޮނބިފާޖަހާ އަންހެންވެރިންގަނޑު ހޭބޯނާރާ ހަރަކާތްތެރިވަމުންދެއެވެ. ސައްލިހަދާލާފައި އެތުރިގެން ތިބިއިރު ހީވަނީ ބޮޑުބެރު ލަވައަކަށް ނަށަން ތައްޔާރުވާން އުޅޭހެންނެވެ.
ކާންޏެތެރެއާއި ރާވެރިންއަޑީފުލާ ދޭތެރޭ އެއްގަމުން އުވަވަޅުތަކުން އަރާދުންގަނޑު މާދުރަށް ފެންނަން ހުއްޓެވެ. ރާވެރިން އަޑީފުލަށް އެބިންދާ މާ ރާޅުތަކުގެ ބަނޑުދަށުން ނޫ ލަނޑާ ތަށް ރާޅާކުޅޭ މަންޒަރު ހާދަހާވާ ހިތްގައިމެވެ. އެދިމާ ތޮށިމަތިން އެގޮވާ ރަތަފައިތަކާއި ބުޅިތުނބި ތަކުގެ އަޑުން އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. ގާ ތަޅަން ކާންޏެތެރޭ އެއުޅޭ މީހުން އެކިޔާ ރައިވަރުތަކަށް ރައްދުދޭހިތުން ހުރެވެނީކީ ނޫނެވެ. ބައެއްފަހަރު އަންހެނަކު އެއިން ރައިވަރަކަށް ރައްދުދޭ އަޑުވެސް އިވެއެވެ. ފަހަރުގާ ގާތަޅާ މީހުންނަށް ފަންޏާއި ކަނދި ހިފައިގެން އައިސް އުޅޭ އަންހެނަކު ރަށްދުދެނީ ތޯއްޗެކެވެ. ޓޮށްޓޮށް އަޑު ހަމަކެނޑޭއިރަށް ރައިވަރެއްގެ އަޑު އިވެންފަށައެވެ. ތަޅާ ފުނިޖަހާފައިވަ ގާފުނިތަށް ހީވަނީ ބޮޑެތި ފަރުބަދަތަކެއް ހެންނެވެ. އިސްކޮޅުން މައްޗައް އަރާފައި ހުރެއެވެ. ދަވާފައިވާ އުވަ ކަނޑިތައް ގޯނި ގޯންޏަށް އަޅާ ބަރޯމަގުގެ އެއްފަރާތުގައި އެބަހުއްޓެވެ. ރުވާގަސް ކައިރިން އަޅާގޮސް އަތިރިއަށް ފައިބަން އޮންނަ ދެމަގުގެ ކޮޅުގައިވެސް އުވަގޯނިތައް ޖައްސާފައި ހުއްޓެވެ. ހަމައެދިމާ ބޮޑުބެރެބެދިގަހާ ދިމައިން ވަލުތެރެއިން ދަރުކޮށާއަޑު އިވެއެވެ. ބަންޑާރަފަޅިން ދަރުނެރުން މަނާ ދުވަހަކީ ކަންނޭނގެއެވެ.
ބަރޯމަގުން އެއްގަމަށްއެރިއިރު މުދިން ކަލޭގެ ފައިވާނުން ޕޫއް ޕޫއް ގޮށްވަމުން ނިކަން ހަރުކޮށް ހުކުރު މިސްކިތާދިމާއަށް އެބަ ބަހައްޓައެވެ. އާނ ދެން ގެއާދިމާލަށް ދާނީ މެންދުރު ކޮށްލައިގެންނެވެ. ހުކުރު މިސްކިތުދޮށު ވަޅުން ފެންބަލައިދާ އަންހެންވެރިން އެހާ އަވަސް އަރުވާލައިގެން އެއުޅެނީ މެންދުރުވާތީކަން ހަމަ ޔަޤީނެވެ. ހަމަ އަތްވެސް ޖައްސާނުލައި ބޯމަތީގައި ފެންފުރާލެބިފައިވާ ބަނޑިޔާތައް ޖަހާލައިގެން އެހައި ހަރުކޮށް ހިނގާއިރުވެސް އަރިޔަކަށް ކައްސާލައިވެސް ނުލާއެދަނީ ހާދަ ކުޅަދާނައޭދޯއެވެ. މިސްކިތަށް އަރާ ހަމަ ކޮންމެ ފިރިހެނަކުވެސް މިސްކިތު ކަނުގައި ހުރި ދޮންވެލި ގޮޅިޔަކުން ވެލިމުށެއް ނަގާ ދަތްއުނގުޅާލައެވެ. އަދި ވަޅު ކައިރީ ބާއްވާފައިވާ ހިރިގަލުގައި ފައިގާނާލައެވެ. ހަމަ ކޮންމެ މީހަކު ކޮންމެމީހަކާ ސަލާންކޮށް ހާލު އަހުވާލު އަހަމުން މިސްކިތަށް ވަންނަމުންދެއެވެ. އޭރުގައި އޮތް އެއްބައިވަންތަކަމެކެވެ. މިހިރަ ބޮޑު ހުކުރު މިސްކިތްވެސް މީ ހަމަ ހުރިހާ ރައްޔިތުން އަމިއްލައަށް އުވަދަވައި ގާ ތަޅައިގެން ރާނާފައި ހުރި މިސްކިތެކެވެ. އަޅެ ކާފަމެންނަށް މަސައްކަތް ކުރެވިފައި އެބަހުރިތާއެވެ. ( ނުނިމޭ )
0 ޚިޔާލު: on "ކާފަމެން ކިޔައިދިން ވާހަކަތަކުގެ ތެރެއިން"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ