
ދަތްކޮށްޓާ އިލޮށި ނުވަތަ ދަތްކޮށްޓިގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ވެރިއަކާ ބައްދަލު ކުރަންދިޔަ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާ އެކުންފުނީގެ ވެރިޔާއާއި ބައްދަލުކޮށް އެތާނގެ ވަޒީފާއަކަށް އެދުނެވެ. އަދި އެއާއެކު ވަރުގަދަ ޗެލެންޖެއްވެސް ކުރިއެވެ. މިޒުވާނާ ބުނީ ތިމަންނައަށް މިތަނުން ވަޒީފާދީ ގޮތް ކަނޑައަޅާ ނިންމޭވަރުގެ ބާރެއްދީފިނަމަ މިތާގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމުގައެވެ. އަދި މިހާރު މިތަނަށް ލިބޭ ފައިދާގެ ދެގުނަ ނަފާ އިތުރުކޮށްދޭނެ ކަމަށެވެ. އަހަރުދުވަހުގެ ތެރޭގައި އެކަން ސާބިތު ކޮށްނުދެވިއްޖެނަމަ އަހަރުދުވަހުގެ މުސާރަ އަނބުރާ ދޭނެކަމަށެވެ.
ތަނުގެ ވެރިޔާއަށް މިޒުވާނާގެ ވާހަކަ ވަރަށް ކަމުދިޔައެވެ. އަދި މަސައްކަތަށް ހުރި ފޯރިއާއި އަޒުމްގެ ވަރުގަދަކަން އެނގި އޭނާއަށް ވަޒީފާދޭން ނިންމިއެވެ. އެހެނަސް ޝަރުތަކާއެކީގައެވެ. އެއީ އޭނާ އެތަނަށް ގެންނަން ބޭނުންވާ ބަދަލާއި ކުރާން ނިންމާފައިވާ ގޮތުގެ ތަފްސީލު ހުށަހެޅުމެވެ.
އޭނާ ތަފްސީލު ދެމުން ބުންޏެވެ. އަހަރެން މިހާރު މިތަނުން މިތައްޔާރުކުރާ ދަތްކޮށްޓިއަށް ކުޑަ ބަދަލެއް ގެންނާނީއެވެ.މިހާރު ތައްޔާރުކުރެވޭ އިލޮށިކޮޅު ވަށްކޮށް ބެހެއްޓުމުގެ ބަދަލުގައި ތިންފަޅިއަށްވާގޮތަށް ބަދަލުކޮށްލާނީއެވެ. އޭރުން މިހާރު މިބޭނުންކުރާ ކޮންމެ ތިން އިލޮށިކޮޅުގެ ބަދަލުގައި ހަތަރު އިލޮށިކޮޅު ހަދާލެވޭނެއެވެ. އަދި މިހާރު މިހަދާ މިނަށްވުރެ ތަންކޮޅެއް ހިމަކޮށްލުމުންވެސް ދަތްކޮށްޓާ ފަރާތްތަކަށް ކަމުދާ ފެންވަރަށް އެއިލޮށިކޮޅު ހަދާ ލެވޭނެއެވެ. އޭރުން މިހާރު މިކުރާ ހަރަދުގެ ކޮށްގެންއިތުރު ފައިދާތަކެއްލިބޭނެއެވެ.
މިޒުވާނާގެ މަސައްކަތުން މެޝިނަށް ގެނެވުނު އިސްލާހީ ބަދަލަކާއެކު ދަތްކޮށްޓީގެ ސިފައަށް ކުޑަ ބަދަލެއްގެނެވުނެވެ. މިބަދަލުގެ ސަބަބުން ދަތްކޮށްޓި ގަންނަ ފަރާތްތަކަށް ނޭދެވޭ އަސަރެއް ނުކުރިއެވެ. ކުރިއެކޭވެސް އެއްގޮތަށް އެފެކްޓްރީގެ އިލޮށްޓަށް ލިބެމުންދިޔަ ތަރުހީބު ލިބެމުންދިޔައެވެ. ނަތީޖާއަކަށް ވީ ކުރިން ތިންސަތޭކަ ދަތްކޮށްޓި އިލޮށީގެ ދަޅު ތައްޔާރު ކުރެވޭ ސާމާނުން މިހާރު ހަތަރު ސަތޭކަދަޅު ތައްޔާރު ކުރެވުމެވެ. އަދި ލިބޭ ފައިދާ އިތުރުވެގެން ދިއުމެވެ. އިތުރު ޚަރަދަކާ ނުލައެވެ
އަހަރުދުވަސްވީއިރު އެތާނގެ ފައިދާ ކުރީ އަހަރުތަކަށްވުރެ ވަރަށް ބޮޑުތަން މައްޗަށް ގޮއްސައިވެއެވެ. އަދި ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި އެފިޔަފާރި ކުރިއަށް ދިޔައެވެ.
ތެދެކެވެ. ބޭނުންވަނީ މޮޅު ޚިޔާލަކާ ވަރުގަދަ އަޒުމެކެވެ. އެހެންކަމަށްވަންޏާ ކަޅުހިލަދާއިން ފުޅިމަދުވެސް ނެރެވިދާނެއެވެ.
0 ޚިޔާލު: on "ކަޅުހިލަދާއިން ފުޅިމަދުވެސް ނެރެވިދާނެ"
Post a Comment
މިލިޔުމަށް ޚިޔާލު ދެއްވާ